އަނިލް ކަޕޫރް.
20 މެއި 2019 - 08:40
އަނިލް ކަޕޫރްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "މިސްޓަ އިންޑިއާ" ގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރް އަނެއްކާ ވެސް އަނިލްއާ އެކު ފިލްމެއް ހަދަން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.
އަނިލްއާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓްކޮށް އޭނާ ބުނީ "މިސްޓަ އިންޑިއާ 2" ނުވަތަ ކޮންމެވެސް އެހެން ފިލްމަކަށް އަނިލްގެ ލުކް ޓެސްޓެއް ހަދާލައި އޭގެ މަޝްވަރާތަކުގެ ތެރޭގައި އުޅޭ ކަމަށެވެ.
އެ ޓްވީޓަށް ޖަވާބު ދެމުން އަނިލް ކުރި ޓްވީޓެއްގައި ބުނީ ޝޭކަރާ އެކު އަލުން ފިލްމެއްގެ މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި 1987 ގައި ރިލީޒް ކުރި "މިސްޓަ އިންޑިއާ" އިން ގެނެސްދިން ކަހަލަ ޖާދޫއެއް މި ފަހަރު ވެސް ގެނެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.
Discusssing the look for the next Mr India 2, or another movie together? You tell them @AnilKapoor ! pic.twitter.com/OXIFC2cgWj
— Shekhar Kapur (@shekharkapur) May 17, 2019
ސައިންސް ފިކްޝަން ފިލްމެއްގެ ގޮތުގައި އުފެއްދި "މިސްޓަ އިންޑިއާ" އަކީ މިދިޔަ އަހަރު މަރުވި އަނިލްގެ ފަހަރި ސްރީދޭވީއާ އެކު އޭނާ ކުޅުނު ވަރަށް ކާމިޔާބު އަދި ފަނޑުވުމެއް ނެތް ފިލްމެކެވެ.
ސްރީދޭވީގެ ފިރީމީހާ ބޯނީ ކަޕޫރް ޕްރޮޑިއުސް ކުރި ފިލްމުގެ ދެވަނަ ބައެއް ހަދާ ވާހަކަ ދޭތެރެ ދޭތެރެ އިން ވަރަށް ގަދައަށް ދެކެވުނު ނަމަވެސް ސްރީދޭވީ މަރުވުމުން ޝޭކަރް ވަނީ އޭނާއާ ނުލައި ފިލްމު ފުރިހަމަ ނުވާނެ ކަމަށް ބުނެ "މިސްޓަ އިންޑިއާ 2" ހަދައިފާނެކަމާ ދޭތެރޭ މިދިޔަ އަހަރު ސުވާލު ވެސް އުފައްދައިފަ އެވެ.
Feels like déjà vu! @shekharkapur & I are deep in discussion about something new and super exciting! We're hoping to create the same magic we did before with Mr. India...The cap adjustment was lucky then, and it might do the trick this time as well! 😉 pic.twitter.com/Je9she0YGp
— Anil Kapoor (@AnilKapoor) May 17, 2019
އަނިލްއާ އެކު ފިލްމެއް ހަދާ ވާހަކަ ޝޭކަރް ހިއްސާ ކުރި އިރު، އޭނާ ވަނީ މީގެ ހައެއްކަ އަހަރު ކުރިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާ ގުޅިގެން އަދި ރިތިކް ރޯޝަން ލީޑް ރޯލަށް ލައިގެން "ޕާނީ" ކިޔާ ފިލްމެއް ހަދަން ވެސް އިއުލާންކޮށްފަ އެވެ. އެކަމަކު އޭގެ މަސައްކަތް އެކިއެކި ސަބަބުތަކާ ހެދި ނުފެށި ދިގުލައިގެން ދިއުމުން ރިތިކް ފިލްމު ދޫކޮށްލުމުން ފަހުން ވަނީ ފިލްމަށް ސުޝާންތު ރާޖްޕޫތު ހަމަޖައްސައިފަ އެވެ.
އެކަމަކު މިހާތަނަށް އައި އިރު ވެސް އެ ފިލްމުގެ އެއްވެސް މަސައްކަތެއް ފެށިފައެއް ނެތެވެ.
ހޮލީވުޑްގެ ފިލްމުތައް ކަމަށްވާ އެލިޒަބަތު (1998) އާއި އެލިޒަބަތު: ދަ ގޯލްޑެން އޭޖް (2007) ގެނެސް ދިން ޝޭކަރު ޑައިރެކްޓް ކުރި ހިންދީ ފިލްމުތަކަކީ 1983 ގެ "މާސޫމް" އާއި 1994" ގެ "ބަންޑިތު ކްއީން" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy