ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "މިސްޓަ އިންޑިއާ" ގެ ބަތަލު ރޯލު އެންމެ ފުރަތަމަ ހުށަހެޅީ އަމީތާބް ބައްޗަންނަށް ކަމަށާއި އެކަމަކު އޭނާ ފިލްމު ގަބޫލުނުކުރީ އޭގައި ކުޅެން ޖެހޭ ކެރެކްޓާ އަކީ ސްކްރީނުން "ގެއްލޭ" ކެރެކްޓާއަކަށް ވުމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަނިލް ކަޕޫރާއި ސްރީދޭވީ ލީޑް ރޯލު ކުޅުނު އަދި ޝޭކަރް ކަޕޫރް ޑައިރެކްޓްކޮށް 1987 ގައި ގެނެސްދިން "މިސްޓަ އިންޑިއާ" އަކީ އަމީތާބްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ސްކްރީން ރައިޓަރުން ކަމަށްވާ، ސަލީމް-ޖާވިދު ލިޔުނު އެއްޗެކެވެ. ސަލީމަކީ ސަލްމާން ޚާންގެ ބައްޕަ އެވެ. ޖާވިދަކީ ފަރުހާން އަޚްތަރުގެ ބައްޕަ އެވެ.
ސުޕަހީރޯ/ސައިންސް ފިކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދިން "މިސްޓަ އިންޑިއާ" ގެ ސްކްރިޕްޓް ނިންމައިގެން އެންމެ ފުރަތަމަ ސަލީމާއި ޖާވިދު ދިޔައީ އަމީތާބްގެ ގާތަށެވެ. އަދި އެ ވާހަކަ އޭނާ އަށް ނެރޭޓްކޮށް ދިނުމުން އަމީތާބްގެ ފަރާތުން އެދެވޭ އިޝާރާތެއް ނުލިބުމުން ޖާވިދާއި ސާލިމް ވަރަށް ހިތްހަމަނުޖެހުނު ކަމަށް ވެސް "މިސްޓަ އިންޑިއާ" އާ ބެހޭ ގޮތުން ގެނެސްދީފައިވާ ރިޕޯޓެއްގައި ބުންޏެވެ.
އޭގައި ބުނެފައިވާ ގޮތުގައި އަމީތާބް އެންމެ ގަޔާނުވި ކަމަކީ ފިލްމުގެ ޓައިޓަލް ރޯލު ނިސްބަތްވާ ކެރެކްޓާ، އަރުން ވަރުމާގެ ކެރެކްޓާ އަކީ ދޭތެރެ ދޭތެރެއިން "ގެއްލޭ" ކެރެކްޓާއަކަށް ވުމެވެ.
އެހެންވެ އެ ކުޅެން ޝައުގުވެރި ކަމެއް ނެތް ކަމަށް އަމީތާބް ވަރަށް ފާޅުގައި ބުނުމުން ސަލީމާއި ޖާވިދު ފަހުން އަމީތާބްގެ އެއްވެސް ފިލްމެއްގެ ސްކްރީންޕްލޭ ނުލިޔަން ވެސް ނިންމި ކަމަށް ބުންޏެވެ. އަދި އެ ވާހަކަ ފަހުން ސީދާ ޖާވިދު އަމީތާބް ގާތު ބުނީ ކަމަށްވެ އެވެ.
އަމީތާބްގެ ކެރިއަރުގެ ބޮޑެތި ހިޓްތައް ކަމަށްވާ "ޒަންޖީރު"، "މަޖުބޫރު، "ދީވާރު"، ޝޯލޭ"، "ޓްރިޝުލް"، "ޑޮން"، "ޝާން" އަދި "ކާލާ ޕައްތަރު" ފަދަ ފިލްމުތަކަކީ ސަލީމް-ޖާވިދުގެ ސްކްރިޕްޓްތަކަށް ހެދި ފިލްމުތަކެވެ.
"މިސްޓަ އިންޑިއާ" ގެ ބަތަލުގެ ރޯލު އަނިލް ކަޕޫރް ކުޅުނު އިރު، އޭގެ ޕްރޮޑިއުސަރުންނަކީ އޭނާގެ ބައްޕަ ސުރިންދަރް ކަޕޫރާއި ބޭބެ ބޯނީ ކަޕޫރެވެ. އެ ފިލްމަކީ އަނިލް އާއި ސްރީދޭވީގެ ވިދުން ވަރަށް ގަދަކޮށްދިން ވަރަށް ވެސް ކާމިޔާބު ފިލްމެކެވެ.