ވެންކަޓޭޝް.
09 ޖޫން 2019 - 08:35
އަޖޭ ދޭވްގަންގެ އެންމެ ފަހުގެ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ތެލެގޫ ބަހުން ހަދަން ނިންމައި، ފިލްމުގެ ރިމޭކިން ރައިޓްސް ވިއްކާލައިފި އެވެ.
ޓީ ސީރީޒްގެ ބުޝަން ކުމާރާއި ޑައިރެކްޓަރު ލަވް ރަންޖަން ގުޅިގެން ގެނެސް ދިން ރޮމޭންޓިކް ކޮމެޑީގެ ތެލެގޫ ރައިޓްސް ވިއްކައިލީ ސައުތުގެ ޕްރޮޑިއުސަރު މަހޭޝް ބާބޫއަށެވެ. "ދޭ ދޭ ޕިޔާރު ދޭ" ގައި އަޖޭ ކުޅުނު ރޯލް ތެލެގޫ ފިލްމުގައި ކުޅޭނީ 1993 ގައި ކަރިޝްމާ ކަޕޫރާ އެކު ހިންދީ ފިލްމު "އަނާޅީ" ކުޅުނު މަޝްހޫރު އެކްޓަރު ދަގޫބަތީ ވެންކަޓޭޝް، 58، އެވެ.
ނަމަވެސް "ދޭ ދޭ ޕިޔާރު ދޭ" ގެ ތެލެގޫ ފިލްމުގެ ބަތަލާ އިން އަދި އިއުލާނެއް ނުކުރެ އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަކީ ޒުވާން ދަރިން ތިބި 50 އަހަރުގެ ފިރިހެނަކު، ދަރިންގެ އުމުރުގެ ޒުވާން އަންހެނަކާ ހިތާވުމުން ދިމާވާ ހާދިސާތަކެއް މަޖާ ގޮތަކަށް ގެނެސް ދީފައިވާ ފިލްމެކެވެ.
އަލަށް ޑައިރެކްޝަނަށް ނުކުތް އާކިވް އަލީ ޑައިރެކްޓް ކުރި އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުގައި އަޖޭއާ އެކު ބަތަލާއިންގެ ރޯލް ކުޅުނީ ރަކުލް ޕްރީތު ސިންގް އާއި ތައްބޫ އެވެ.
"ދޭ ދޭ ޕިޔާރު ދޭ" އަށް މިހާތަނަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން 130.63 ކްރޯޑް ރުޕީސް (18,824,301 ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. ފިލްމުގެ ބޮޑު ކާމިޔާބީއާ އެކު ދެވަނަ ބައެެއް ވެސް ހަދައިފާނެ ކަމަށް ބެލެވޭ މި ފިލްމަކީ 78 ކްރޯޑް ރުޕީސް (11,240,970 ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy