ޖެކީ އަދި ބޫމީ.
15 އޯގަސްޓް 2019 - 08:58
ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ބޫމީ ޕެޑްނޭކަރާއި އެކްޓަރު ޖެކީ ބަގްނާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
މުމްބާއީ މިރާ އިން ބުނި ގޮތުގައި ދެ ތަރިންގެ މެދުގައި ހާއްސަ އަދި ސިއްރު ގުޅުމެއް އޮންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން ބޫމީ އާއި ޖެކީ ވެސް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
މުމްބާއީ މިރާ އިން ބުނި ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ބޫމީ، 30، ޖިމް ސެޝަނެއް ނިންމާލާފައި ޖެކީ، 34، ގެ ކާރަށް އަރައިގެންދިޔަ ތަން ވެސް ބައެއް މީހުންނަށް ފެނިފައިވެ އެވެ.
ޖެކީ އަކީ ފިލްމު "ކަލް ކިސްނޭ ދޭކާ" އިން 2009 ގައި ބޮލީވުޑަށް ނުކުތް ނަމަވެސް، މާ ރަނގަޅު ފުރުސަތެއް ނުލިބި އެކްޓިން ކެރިއަރާ މެދު ސުވާލު އުފެދިފައިވާ މީހެކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފްލޮޕް ފިލްމު "މިތުރޯން" އިންނެވެ.
ޖެކީއަކީ ކާމިޔާބު އެތައް ފިލްމެއް ޕްރޮޑިއުސް ކުރި އަދި ޕޫޖާ އެންޓަޓައިންމަންޓްގެ ވެރިޔާ ވާޝޫ ބަގްނާނީގެ ދަރިއެކެވެ. މިހާރު އެ ސްޓޫޑިއޯގެ ހިންގުމުގެ މަސައްކަތާ އިސްކޮށް ހަވާލުވެގެން ހުންނަނީ ޖެކީ އެވެ. އެގޮތުން އޭނާގެ ބެލުމުގެ ދަށުން ހަދާ ފުރަތަމަ ފިލްމަކީ ތައިލެންޑްގައި މި ވަގުތު ޝޫޓް ކުރަމުން އަންނަ ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރު 1" އެވެ.
ޖެކީ ދާދި ފަހުން ޖޭ ޖަސްޓް މިއުޒިކް ނަމުގައި ރިކޯޑް ލޭބަލެއް ވެސް ލޯންޗްކޮށް، އޭގެ ފުރަތަމަ ވީޑިއޯ ލަވަ "ޕްރާޑާ" އާލިއާ ބަޓާ އެކު ގެނެސް ދީފައިވެ އެވެ.
ބޮލީވުޑުން މިހާރު ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ބޫމީ އަކީ 2015 ގައި ޔާޝްރާޖް ފިލްމްސް އިން ނެރުނު "ދަމް ލަގާ ކޭ ޙައިޝާ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޝުބް މަންގަލް ސާވްދާން"، "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" އަދި "ސޯންޗިރައްޔާ" ހިމެނެ އެވެ.
މާޗްގައި ރިލީޒްކުރި "ސޯންޗިރައްޔާ" އަށް ފަހު ބޫމީގެ ތިން ފިލްމެއް މި އަހަރު އަދި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އެބައޮތެވެ. އެއީ އޮކްޓޯބަރު 25 ގައި ރިލީޒް ކުރާ "ސާންޑް ކީ އާންކް" އާއި ނޮވެމްބަރު 22 ގައި ރިލީޒްކުރާ "ބާލާ" ގެ އިތުރުން ޑިސެމްބަރު 6 ގައި ރިލީޒްކުރާ "ޕަތީ ޕަތުނީ އޯރް ވޯ" އެވެ.
ބޫމީ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ "ތަހުތު" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy