"ސްޕައިޑަ-މޭން: ހޯމްކަމިން" ސީރީޒްގެ ކާމިޔާބު ދެ ފިލްމެއް ގެނެސްދީފައި ވަނިކޮށް މާވެލް ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާޒްއާ ދެމެދު ފައިސާގެ މައްސަލަ ޖެހި މި ސީރީޒްގެ ކުރިއަށް އޮތް ފިލްމަށް ވެދާނެ ގޮތަކާ ދޭތެރޭ އުފެދުނު ސުވާލުތައް، ދެ ސްޓޫޑިއޯ އެއްގަލަކަށް އެރުމުން ފިލައިފި އެވެ

އެކަން ދެ ކުންފުނި ގުޅިގެން ނެރުނު ބަޔާނެއްގައި ހިއްސާކޮށްފައިވެ އެވެ. މާވެލް ސްޓޫޑިއޯގެ ރައީސް ކެވިން ފެއިގް ވިދާޅުވި ގޮތުގައި ކުރިއެކޭ އެއްގޮތަށް އެ ސްޓޫޑިއޯ އާއި މާވެލް ގުޅިގެން "ސްޕައިޑަ-މޭން: ހޯމްކަމިން" ސީރީޒްގެ ތިން ވަނަ ފިލްމު ގެނެސްދޭނެ އެވެ.

މި ފަހަރު ވެސް ޓޮމް ހޮލަންޑް ޓައިޓްލްރޯލް ކުޅޭ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޖުލައި 16، 2021 ގަ އެވެ. އަދި ކުރީގެ ދެ ބައި ވެސް ޑައިރެކްޓްކުރި ޖިން ވޮޓްސް ތިން ވަނަ ބައި ވެސް ޑައިރެކްޓްކުރުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ.

"ސްޕައިޑަ-މޭން: ހޯމްކަމިން" ގެނެސްދިނީ 2017 ގަ އެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި 880.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އަދި ދެވަނަ ބައި "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަކީ މި އަހަރު ބިލިއަން ޑޮލަރު ކުލަބުން ވެސް ޖާގަ ހޯދި ފިލްމެކެވެ. އެ ފިލްމަށް ޖުމްލަ 1.131 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

މާވެލް އާއި ސޮނީއާ ދެމެދު ފިލްމުގެ އާމްދަނީން ބައިއަޅާނެ ގޮތަކާ މެދު ހިޔާލު ތަފާތުވެ، ދެ ސްޓޫޑިއޯގެ ކޯޅުންގަނޑުގެ ތެރެއިން "ސްޕައިޑަ-މޭން" މާވެލްއާ ނުލައި ގެނެސްދޭނެ ނިންމިކަން ސޮނީން އިއުލާންކުރުންވެގެން ދިޔައީ ފޭނުން ވަރަށް ބޮޑަށް މާޔޫސްކޮށްލި ކަމަކަށެވެ.

ނަމަވެސް ދެ ބައި މީހުން އަލުން އެއްގަލަކަށް އަރައި ސްޕައިޑަ-މޭން ވަލުގައި އެކީގައި އެލިގެން ކުރިއަށް ދާން ނިންމުމުން ވަރަށް ގިނަ ފޭނުން ވަނީ އެކަމާ އުފާކުރާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފަ އެވެ.