29 ޑިސެމްބަރ 2019 - 07:20
އަންނަ މަހު ރިލީޒްކުރާ "ތަނަޖީ: ދި އަންސަންގް ވޮރިއާ" އަކީ "ދި އަންސަންގް ވޮރިއާ" ފްރެންޗައިޒްގެ ދަށުން ގެނެސްދޭން ނިންމާފައިވާ ފިލްމުތަކުގެ ފުރަތަމަ ބައި ކަމަށާއި ކުރިމަގުގައި އިތުރު ފިލްމުތަކެއް ގެނެސްދޭނެ ކަމަށް އަޖޭ ދޭވްގަން ބުނެފި އެވެ.
މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމަކަށް ކުރީގެ މަޝްހޫރު ހަނގުރާމަވެރިއެއް ކަމަށްވާ ތަނަޖީ މަލުސާރޭގެ ވާހަކަ ކިޔައި ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ ބުނީ ފިލްމުގެ ވާހަކަ ޑައިރެކްޓަރު އޯމް ރައުތު ހިއްސާކުރި ހިސާބުން ފިލްމަށް ހާއްސަ ޝައުގުވެރި ކަމެއް ވެސް އުފެދުނު ކަމަށެވެ.
"އެހެންވެ ފަހުން އަހަރެމެން ނިންމީ ދި އަންސަންގް ވޮރިއާ ފްރެންޗައިޒެއްގެ ގޮތުގައި ކުރިއަށް ގެންދަން. ކުރިއަށް ހުރި ކޮންމެ ބަޔަކާ އެކު، އިންޑިއާގެ ތާރީހުން ފާހަގަ ކޮށްލެވޭ ހަނގުރާމައިގެ ވަރުގަދަ ޝަހުސިއްޔަތުންގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނާނަން،" އަޖޭ ބުންޏެވެ.
"އެފަދަ ޝަހުސިއްޔަތުންގެ ހަނދާންތައް އާ ކޮށް އެ މީހުންގެ އަގު ވަޒަން ކުރުން ހަގީގަތުގައި ބޭނުމަކީ. އަދި މިހާރުގެ ޖީލުތަކަށް ގައުމަށްޓަކައި އެ މީހުންވި ގުރުބާނީ ކިޔައި ދިނުމަކީ ވެސް މުހިއްމު ކަމެއް."
އޭނާ ބުނިގޮތުގައި "ދި އަންސަންގް ވޮރިއާ" ގެ ދެވަނަ ފިލްމަށް ވެސް މިހާރު ވަނީ ތައްޔާރީތައް ފަށައިފަ އެވެ. އެގޮތުން އެ ފިލްމުގެ ވާހަކަ ބިނާ ކުރާނީ 11 ވަނަ ގަރުނުގައި ފާގަކޮށްލެވުނު ކިންގް ސުހެލްދޭވަށް ކަމަށް ބުންޏެވެ.
އެ ފިލްމު ހަދަން ނިންމާފައި ވަނީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ އަމިޝް ތުރިޕަތީ ކިންގް ސުހެލްދޭވްއާ ބެހޭ ގޮތުން މިހާރު ލިޔަމުން އަންނަ ފޮތަށް ބިނާކޮށް ކަމަށް އަޖޭ ބުންޏެވެ.
"އޭގެ ރައިޓްސް އަހަރެމެން ވާނީ ހޯދާފައި،" އޭނާ ބުންޏެވެ.
ނަމަވެސް "ދި އަންސަގްން ވޮރިއާ" ގެ ދެވަނަ ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒްކުރާނެ ދުވަހެއް އަޖޭ އަދި އާންމެއް ނުކުރެ އެވެ.
އަންނަ ޖެނުއަރީ މަހުގެ 10 ގައި ރިލީޒްކުރާ "ތަނަޖީ" ދި އަންސަންގް ވޮރިއާ" ގެ މުހިއްމު ތަރިންނަކީ އަޖޭ އާއި އަންހެނުން ކާޖޮލްގެ އިތުރުން ސައިފް އަލީ ޚާނާއި ނޭޝާ ޝަރުމާ އެވެ.
މި ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ އަޖޭގެ ފިލްމު ކުންފުނި އޭޑީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ.
އަޖޭ އަކީ ބޮލީވުޑްގެ ކާމިޔާބު އެހެން ފްރެންޗައިޒެއްގެ ވެސް ބޮޑު ހިއްސާދާރެކެވެ. އެއީ ރޯހިތު ޝެޓީގެ "ގޯލްމާލް" އެވެ. އެ ސީރީޒްގެ ފަސް ވަނަ ފިލްމަށް ވެސް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy