30 ޖެނުއަރީ 2020 - 07:21
ކީއާނޫ ރީވްސް މުހިއްމު ރޯލެއް ކުޅޭ ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "މެޓްރިކްސް" ގެ ހަތަރު ވަނަ ފިލްމުގެ ރޯލެއް ޕްރިޔަންކާ ޗޯޕްރާ އަށް ހުށަހަޅައިފި އެވެ.
ވެރައިޓީން ބުނީ އިންޑިއާގެ ބަތަލާ ފިލްމަށް ގެންނަން އޭގެ ޓީމުން މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ޕްރިޔަންކާ ފިލްމަށް ފެހި ސިގްނަލް ދޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
"މެޓްރިކްސް 4" ގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އަންނަ މަހުގެ ތެރޭގައި އޭގެ ޝޫޓިން އުތުރު ކެލިފޯނީއާގައި ފަށާނެ އެވެ. ސައިންސް ފިކްޝަން/އެކްޝަން ފިލްމުގެ ކާސްޓުންގެ ތެރޭގައި ކިއާނޫއާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ކެރީ-އެނީ މޮސް، ޔަހްޔާ އަބްދުލް މަތީން އަދި ނީލް ޕެޓްރިކްސް ހެރިސަން ހިމެނެ އެވެ.
.@priyankachopra is in final talks to join #Matrix4 (EXCLUSIVE) https://t.co/ocDm6nJrC4 pic.twitter.com/HDKSWUKVMY
— Variety (@Variety) January 28, 2020
ވެރައިޓީން ބުނީ މި ތަރިންނާ އެކު "މެޓްރިކްސް 4" އިން ޕްރިޔަންކާ އަށް ހުށަހަޅާފައި ވަނީ ވަރަށް ވަރުގަދަ އެކްޝަން ރޯލެއް ކަމަށެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ކުރިން ގެނެސްދިން ތިން ފިލްމުގެ ޑައިރެކްޝަނުގައި ވެސް ހިއްސާވި ލާނާ ވަޗޯސްކީ އެވެ.
ވޯނާ ބްރަދާޒް އާއި ވިލެޖް ރޯޑްޝޯ ފިލްމްސް ގުޅިގެން ގެނެސްދޭ "މެޓްރިކްސް 4" ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި ސީރީޒްގެ ފުރަތަމަ ބައި ބެލުންތެރިންނަށް ގެނެސްދިނީ 1999 ގަ އެވެ. އަދި "މެޓްރިކްސް ރިލޯޑެޑް" އާއި "މެޓްރިކްސް ރިވޮލިއުޝަން" ގެނެސްދިނީ 2003 ގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރި ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އިން ފެނިގެން ދިޔަ ޕްރިޔަންކާގެ އަތުގައި މި ވަގުތު ހުރި ހޮލީވުޑްގެ ޕްރޮޖެކްޓްޓަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް" އާއި ނެޓްފްލިކްސްގެ "ވައިޓް ޓައިގާ" އާއި ފިލްމު "ވީ ކޭންމ ބީ ހީރޯޒް" ގެ އިތުރުން ބަތަލާ މިންޑީ ކޭލީއާ ގުޅިގެން ޕްރޮޑިއުސްކޮށް/ކުޅޭ އަދި ނަން އިއުލާންނުކުރާ ފިލްމެއް ހިމެނެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ދިޔަ ހޮލީވުޑްގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "އިޒިންޓް އިޓް ރޮމޭންޓިކް؟" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy