އެތައް ތަރިންނަކާ އެކު "ކުޑަކުޑަ ބާރު"

ލޮކްޑައުންގައި ތިބެގެން ވެސް މިއުޒިކާއި ފިލްމީ ފަންނާނުން އަންނަނީ ބެލުންތެރިން ހިތް އުފާކޮށްދެވޭތޯ މަސައްކަތްކުރަމުންނެވެ. ބޮލީވުޑާއި ހޮލީވުޑްގެ ފިލްމީ ތަރިންނާއި ވަރަށް ގިނަ މިއުޒިކީ ފަންނާނުން ގޭގައި ތިބެގެން ކުރާ އެކި ކަހަލަ ކަންކަން ސޯޝަލް މީޑިއާ އިން މިހާރު ވަރަށް ގިނައިން ފެންނާނެ އެވެ.


މި ފަހަރު މިއޮތީ ރާއްޖޭގެ ފިލްމީ ތަރިންތަކެއް ފެންނަ އުފެއްދުމެކެވެ. އެކްޓަރު އަހުމަދު އަޒްމީލް (އަޒޭ) އިސްކޮށް ހުރެގެން އާންމުންނަށް ދޫކޮށްލީ ތަރިން ގޭގައި ތިބެގެން ޝޫކޮށްފައި އޮތް ކުރު ފިލްމެކެވެ. ނަމަކީ "ކުޑަކުޑަ ބާރު" އެވެ. ވަރަށް ގިނަ ފަންނާނުން މިއިން ފެނެ އެވެ.

ކުރީގެ އެކްޓަރު ރީކޯ މޫސާ މަނިކާއި ނިއުމާ މުހައްމަދާއި މަރިޔަމް އަފީފާ ފަދަ އެތައް ތަރިންތަކަކާ އެކު މިހާރުގެ މޫނުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އައިޝަތު ރިޝްމީ އާއި އޭނާގެ މަންމަ އައިމިނަތު ރަޝީދާ (އައިންތު) އާއި ފިރިމީހާ ރަވީ ފާރޫގާއި އަހުމަދު ސައީދާއި އޭނާގެ އަންހެނުން ފާތުމަޒު އާޒިފާ (އަޒޫ) އާއި އިސްމާއީލް ޖުމައިހް (ޖުމާ) އާއި ރޯނު ހަސަން މަނިކާއި އާރިފާ އިބްރާހީމާއި އަދި މި ފަހުން ފިލްމީ ދާއިރާ އަށް ނުކުތް ބައެއް އެހެން ތަރިން ވެސް ހިމެނެ އެވެ.

ކޮވިޑް-19އާ ގުޅުވައިގެން ގެނެސްދީފައި އޮތް ގާތްގަނޑަކަށް 10 ވަރަކަށް މިނިޓްގެ "ކުޑަކުޑަ ބާރު" ގެ ސްކްރިޕްޓާއި އެޑިޓިން އަކީ ވެސް އަޒޭގެ މަސައްކަތެކެވެ.

މީގެ ޕްރޮޑަކްޝަނުގައި "އެހެނަސް" ވެބް ސީރީޒްގެ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު) ވެސް ހިއްސާވެފައިވާ އިރު، މިއުޒިކް ހަދާފައި ވަނީ ފަތުހުﷲ ޝަކީލު (ފަޗޫ) އެވެ.