"ނާމާން" އަންނަ އަހަރު ރިލީޒް ކުރަނީ، އެކަމަކު އަދި ވަކި ތާރީހެއް ނުނިންމާ

ފިލްމްގެ ބާކީ އޮތީ ހަމައެކަނި ޑަބިންގެ މަސައްކަތް ކަމަށް މޫވީ މޯލްޑިވްސް އިން ބުނޭ.

އަހުމަދު ޝަކީބް (ޑރ. ޝަކީބް) ގެ މޫވީ މޯލްޑިވްސް އިން ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް، އެކްޓް ވެސްކޮށްފައިވާ ބިރުވެރި ފިލްމް "ނާމާން" އަންނަ އަހަރު ރިލީޒް ކުރަން ނިންމައިފި އެވެ.


އެހެން ނަމަވެސް ރިލީޒް ކުރާ ތާރީހެއް އަދި ނުނިންމަ އެވެ.

"ނާމާން" އަކީ 2014 ވަނަ އަހަރު ލ. އަތޮޅުގައި ބޮޑު ބައި ޝޫޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ވާހަކަ ލިޔެފައި ވަނީ "ވާށޭ މަށާއެކީ" އެކީ ކަހަލަ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ އާއި އޭނާގެ ކުރީގެ އަންހެނުން ފާތުމަތު ފަރީލާގެ އިތުރުން ލުފްޝާން ޝަކީބް (ލޫއްޕެ) އާއި އާމިރާ އިސްމާއީލް ހިމެނެ އެވެ.

"ނާމާން" ގެ ކާސްޓަށް ބަލާ އިރު ޔޫއްޕެ ފިޔަވައި، ދެން ތިބި ތަރިންނަކީ ފިލްމީ ދާއިރާ އާ ވަރަށް ދުރުގައި މިހާރު ތިބި ތަރިންތަކެއްކަން ފާހަގަކޮށްލެވެ އެވެ.

ލޫއްޕެ: "ނާމާން" ގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ.

ލޫއްޕެ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2011 ގައި ރިލީޒް ކުރި ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ "ސަޒާ" އެވެ.

ފަރީލާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2014 ގައި އަހުމަދު ނިމާލް ގެނެސް ދިން ފިލްމް "އަނިޔާ" އެވެ. "ނާމާން" ގެ އިތުރުން މަސައްކަތް ނިމި ރިލީޒް ނުވެ ހުރި ފަރީލާގެ އިތުރު ފިލްމުތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އަހުމަދު ފުއާދު (ފޯޑް) ގެ "ހަތަރު ހަޅަ" އާއި ހުސައިން ސޮބާހްގެ "އިންތިހާ" ފާހަގަކޮށްލެވެ އެވެ.

"ނާމާން" އިން އާމިރާ ވެސް ފެންނާނެ.

މޫވީ މޯލްޑިވްސް އިން ބުނީ 350،000ރ. ގެ ބަޖެޓަކުން ހަދާފައިވާ "ނާމާން" ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން އަމާޒު ހިފާފައިވާ އިރު، މިހާރު ބާކީ އޮތީ ޑަބިންގެ މަސައްކަތް ކަމަށެވެ.

އަދި އަންނަ އަހަރު ދެބައިވުމުގެ ކުރިން ފިލްމް ސިނަމާ އަށް ގެނެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް އެ ސްޓޫޑިއޯ އިން ބުންޏެވެ.