"ހަމަ މިހާރު ވެސް ފައިނޭންސް ކުރާނެ މީހަކު ލިބިއްޖެއްޔާ ފިލްމެއް ޑައިރެކްޓް ކުރަން ހަމަ ރެޑީގައި މި ހުންނަނީ،" މޫމިން ބުންޏެވެ. "މިހާރު ވެސް ދެ މީހަކާ ވާހަކަ ދެކެވެމުން އެބަދޭ."
މޫމިން (ވ) ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާ އެކު.
09 ނޮވެމްބަރ 2016 - 06:27
ޑައިރެކްޓަރު މޫމިން ފުއާދުގެ އެއްވެސް ހަބަރެއް ނުވާތާ ލައްކަ ދުވަސްވެއްޖެ އެވެ. ފިލްމު "ލޫދިފާ" 2011 ވަނަ އަހަރު ޑައިރެކްޓްކޮށް، ބެލުންތެރިންނާ ހަމައަށް ގެނެސްދިން ފަހުން އޭނާގެ އަޑެއްބަޑެއް ނީވެ އެވެ.
މޫމިންގެ ސިނަމާ އަށް ލޯބި ކުރާ މީހުން ގައިމު ވެސް އޭނާ އަށް ވީ ގޮތެއް ބަލަން ބޭނުން ވާނެ އެވެ.
"އެބަހުރިން ހަމަ ފިލްމީ ދާއިރާގެ މަސައްކަތުގައި. މި ދާއިރާގެ ތެރޭގައި މި އުޅެނީ. ނުގެއްލޭނެ މި މަސައްކަތުގެ ތެރެއަކުންނެއް،" ފިލްމީ ދާއިރާ އިން މޫމިން ގެއްލުނީތޯ އެހުމުން ހިނިގަނޑެއް ޖަހާލާފައި އޭނާ ދިން ޖަވާބަކީ މިއެވެ.
ފިލްމެއް ޑައިރެކްޓް ނުކުރިޔަސް، ކެމެރާ ކުރުން ކަހަލަ ފިލްމީ ދާއިރާއާ ގުޅުން ހުރި އެހެން މަސައްކަތުގައި މޫމިން އަދިވެސް އުޅެނީ ބުރަކޮށެވެ.
"މި ދޭތެރެ އިން މަލަކާ [ޑައިރެކްޓަރު އަލީ މުސްތޮފާ (ސެމީ) ހަދާ ފިލްމެއް] ގެ މަސައްކަތުގައި މި އުޅުނީ. ޑައިރެކްޝަން ނެހެދިޔަސް އެހެން މީސްމީހުންގެ ޕްރޮޖެކްޓަކުގައި އެބަ މަސައްކަތް ކުރެވޭ،" ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާ އެކު "ހޭލާ" އިން ޑައިރެކްޝަނަށް ނިކުތް މޫމިން ބުންޏެވެ. "މިހާރު ވެސް އެބަހުރި ކެމެރާކޮށް އަދި ރިލީޒް ނުވެ ހުރި ފިލްމްތައް ވެސް. އޭގެ ތެރޭގައި މާޔޫސް [މަހުދީ އަހުމަދު ޕްރޮޑިއުސް ކުރާ ފިލްމެއް] ފާހަގަކޮށްލެވޭ."
"ލޫދިފާ" އަށް ފަހު އޭނާ ޑައިރެކްޓް ކުރި އެހެން ފިލްމެއް އަދި ސިނަމާ އަށް ވެސް ނައިސް އެބަ އޮތެވެ. އެއީ ހަތަރު ޑައިރެކްޓަރެއްގެ، ހަތަރު ސެގްމަންޓް ހިމެނޭ މުހައްމަދު ފުއާދު (ފޯޑް) ގެ "ހަތަރު ހަޅަ" އެވެ.
އެ ފިލްމުގައި މޫމިންގެ ސެގްމަންޓަކީ ނިއުމާ މުހައްމަދާއި އަލަށް ތައާރަފު ކުރާ އަހުމަދު އައްބާސް ލީޑް ރޯލް ކުޅެފައިވާ "ބައިވެރިޔާ" އެވެ.
މޫމިން ބަތަލާ ނިއުމާ އާ އެކު: އޭނާގެ "ބައިވެރިޔާ" ސެގްމަންޓްގެ ބަތަލާއަަކީ ނިއުމާ.
"އޭގެ މަސައްކަތް ނިމިފައި އޮންނަތާ މިހާރު ތިން އަހަރެއްހާ ދުވަސްވެއްޖެ. ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ހަތަރު ހަޅަ ރިލީޒް ނުކުރެވިގެން އުޅެނީ،" އޭނާ ބުންޏެވެ. "ޕްރޮޑިއުސަރުގެ ފަރާތުން އެނގިފައި އޮތް ގޮތުން އޭތި މާކެޓް ކުރާނެ ބަޔަކު ހޯދުމުގައި އިޝޫތަކެއް ހުރެގެން މަޑުޖެހިފައި އޮތީ."
ފިލްމް ބަލާ މީހުންގެ މެދުގައި މޫމިން ބޮޑަށް މަޝްހޫރުވެފައި އޮންނަނީ "ރިއަލިސްޓިކް" ފިލްމުތައް ހަދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. މުޖުތަމައު ތެރޭގައި ހުންނަ އިޖުތިމާއީ ތަފާތު މައްސަލަތައް ވަރަށް، ޝައުގުވެރިކޮށް އޭނާ ފިލްމުތަކުގައި ގެނެސްދެ އެވެ.
އެކަމަކު މޫމިން ބުނަނީ ފިލްމީ ދާއިރާގައި އުޅޭ ގިނަ މީހުންނަށް އޭނާގެ ފިލްމްތައް ކަމުނުދާ ކަމަށެވެ. އެހެންވެ އޭނާގެ ފިލްމަކަށް ޕްރޮޑިއުސަރަކު ހޯދުމަކީ ވެސް ވަރަށް ދަތި ކަމެއް ކަމަށް ބުންޏެވެ.
"މަގޭ އެއްޗެއް ވެއްޖިއްޔާ ޕްރޮޑިއުސަރުން ވެސް ގަބޫލު ކުރަނީ ބެލުންތެރިންނަށް ކަމުނުދާ ކަމަށް. އެ އެއްޗެއް ނުހިނގާނެ ކަމަށް. މިކަހަލަ ވިސްނުންތަކެއް ހުރީމަ އަސްލު މަގޭ އެއްޗަަކަށް ފައިނޭންސް ކުރާނެ މީހަކު ހޯދުމަކީ ވަރަށް ދަތި ކަމެއް،" ހެޕީ ބާތު ޑޭ ހަދައިގެން ގިނަ އެވޯޑްތަކެއް ވެސް އުފުލާލި ޑައިރެކްޓަރު ބުންޏެވެ.
މޫމިން ބުނީ އޭނާއަކީ ހަދާ ފިލްމެއްގެ "ކޮލިޓީ ކޮމްޕްރަމައިޒް" ކުރާނެ މީހެއް ނޫން ކަމަށެވެ.
"މި މައްސަލަ އަސްލު ބޮޑަށް ދިމާވަނީ. މަގޭ ސްކްރިޕްޓަކަށް، މަގޭ ވިޝަން އާ އެއްގޮތަށް ފިލްމެއް ހަދަން ޕްރޮޑިއުސަރަކު ފުރުސަތެއް ނުދޭ ކަމަށް ވަންޏާ މަށަކަށް އެކަމެއް ނުކުރެވޭނެ އަސްލު،" މިދިޔަ އަހަރުގެ ގައުމީ ފިލްމް އެވޯޑުން "ހެޕީ ބާތު ޑޭ" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހޯދި ހުނަރުވެރިޔާ ބުންޏެވެ. "މީގެ ތެރެއަށް އެހެން މީސްމީހުންގެ ފަރާތުން ނުފޫޒުތައް ކުރިމަތިވާ ކަމަށް ވަންޏާ އެއީ މަށަށް މަސައްކަތް ކުރެވޭނެ ގޮތެއް ނޫން. މިހެން ބުންޏަސް ބައެއް ހާލަތްތަކުގައި ހުންނާނެ ބައެއް ކަންކަމުގައި ދޫދީފައި ވެސް."
އޭނާ ބުނީ "ލޫދިފާ" ގެ ފަހުން ފިލްމެއް ޑައިރެކްޓް ނުކުރެވި، އެހާ ދިގުލައިގެން ވެސް ދިޔައީ އެ ސަބަބާ ހުރެ ކަމަށެވެ.
މޫމިން ބުނީ އެ ފިލްމަކީ ޕްރޮޑިއުސަރު ހުސައިން ނޫރައްދީން (ނޫރު) އޭނާގެ އަތް މައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިގެން ހަދަން ފުރުސަތު ދިން ފިލްމެއް ކަމަށެވެ.
"މަށަކީ ހަމަ އެއްޗަކަށް އެއްޗެއް ހަދާ ކަހަލަ މީހެއް ނޫން. ވޭތުވެ ދިޔަ ތާނގައި ފުރުސަތުތަކެއް ވެސް ލިބި އޭގެ ބޭނުން ނުހިފި ހިނގައްޖެ މި ކަހަލަ މައްސަލަތަކެއް ހުރީމަ. އެއްޗަކަށް އެއްޗެއް ހަދަން އުޅުނު ނަމަ ކިތަންމެ ފިލްމެއް މިހާރު ފެނުނީސް،" އޭނާ ބުންޏެވެ. "ލޫދިފާއަކީ ނޫރުގެ ފަރާތުން އަހަރެން ބޭނުންވި ހުރިހާ ސަޕޯޓެއް ވަރަށް ފުރިހަމަ އަށް ލިބިގެން ހެދި ފިލްމެއް. ފިލްމެއް ޑައިރެކްޓް ނުކުރަންވެގެން އެކަމާ ދުރުގައި ހުރިކީ ނޫން. ބޭނުންވާ ކަހަލަ ފުރުސަތެއް ފަހިނުވާތީ ހަމަ މަޑުކޮށްލައިގެން ހުންނަނީ."
މޫމިން ބުނީ އޭނާގެ އަތުގައި ވަރަށް ތަފާތު ވާހަކަތަކަށް ލިޔެފައިވާ ގިނަ ސްކްރިޕްޓްތަކެއް މިހާރު ވެސް އެބަހުރި ކަމަށެވެ.
"ހަމަ މިހާރު ވެސް ފައިނޭންސް ކުރާނެ މީހަކު ލިބިއްޖެއްޔާ ފިލްމެއް ޑައިރެކްޓް ކުރަން ހަމަ ރެޑީގައި މި ހުންނަނީ،" އޭނާ ބުންޏެވެ. "މިހާރު ވެސް ދެ މީހަކާ ވާހަކަ ދެކެވެމުން އެބަދޭ. އެ މީހުން ވަރަށް ޕޮޒިޓިވްކޮށް ތިބީ. ދެ ފަރާތުގެ ކޮންޑިޝަންތަކަށް އެއްބަސްވެވޭ ކަމަށް ވަންޏާ ފިލްމެއް ފަށަން ރެޑީ ހަމަ."
އޭނާ ބުނީ އަންނަ އަހަރު ފިލްމެއްގެ މަސައްކަތް ފެށިދާނެ ކަމުގެ އުންމީދު ދެވިދާނެ ކަމަށެވެ.
"ވަރަށް ބޭނުން އަންނަ އަހަރު ނަމަވެސް ފިލްމެއް ގެނެސް ދޭން ބެލުންތެރިންނާ ހަމައަށް. އެކަމަކު ސީދާ އަންނަ އަހަރު ފިލްމެއް ސިނަމާ އަށް ގެންނާނަމެކޭ ނުބުނާނަން. އެކަހަލަ އުންމީދެއް އޮތީ،" ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ހުޅުދާން" ގެ ޑައިރެކްޓަރު އައިޝަތު ފުއާދު ތައުފީގުގެ ބޭބެ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy