މުނިފޫހިފިލުވުން / ވާހަކަ

ފަލީހަތް

ފަލީހަތް

"ސޮރީ ދީމާ!" ދީމާ ފެނުމާ އެކު ޒިޔާން ބުންޏެވެ.

ޒިޔާންގެ މޫނުމަތިން ފެނުނު ކުލަވަރާއި، ވާހަކަދެއްކި ރާގުން ދީމާގެ ހިތް އަވަސްވާން ފެށިއެވެ. އަންނާނެކަމަށް ދީމާ ބިރުގަތް ދުވަސް އައިސް ޖެހުނީހެން ދީމާއަށް ހީވިއެވެ. ދީމާ ހިތަށްއެރިއެވެ. ޒިޔާން އެ އުޅެނީ ދީމާ ވަރިކުރާށެވެ. އެހެން މީހަކާ އިންނަން ނިންމި ވާހަކަ ބުނާށެވެ. އެއްޗެއް ބުނަން ދީމާ އަނގަ ހުޅުވައިލި ވަގުތު ދެ ދަރިން ދުވެފައި އައެވެ. އައިސް ކޮންމެވެސް އެއްޗެއް ކިޔަން ފެށިއެވެ. ކުދިން ދައްކާ ވާހަކައަށް ޒިޔާން ސަމާލުކަން ދޭ ހެނެއް ދީމާ އަކަށް ހިޔެއް ނުވެއެވެ.

"މިފްޒާލް ދޭބަލަ ކޮއްކޮ ގޮވައިގެން ރޫމަށް،" ދީމާ ބުންޏެވެ. "ދެ ކުދިން ވެގެން ހުރިހާ ޓޯއީސްތައް ފޮށްޓަށް އަޅާ! މަންމަ އިރުކޮޅަކުން މި ދަނީ."

ދެބެން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ޒިޔާން އައިސް ސޯފާއަށް ވެއްޓިގަތެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. ދީމާ ބޭނުންވަނީ ސުވާލެއް ނުކުރާށެވެ. އެކަމަކު ނުކޮށެއް ވެސް ނުހުރެވުނެވެ.

"ކިހިނެއްވީ ޒިޔާން؟" ވަރަށް ލޯތްބާ އެކުގައި ދީމާ އެހިއެވެ. "ކީއްވެ މި ގަޑީގަ ތި އައީ؟"

ދީމާއަށް ޒިޔާން ބަލައިލިއެވެ. ޒިޔާންގެ ދެ ލޮލުން ދީމާއަށް ފެނުނީ ނުތަނަވަސްކަމެވެ. ކަންބޮޑުވުމެވެ. ދުވަހަކު ވެސް ޒިޔާން އެހާ ހާސްވެފައި ވަނިކޮށް ދީމާއަށް ފެނިފައެއް ނުވެއެވެ.

"އަހަންނާ ތިހާ ލޯބިން ވާހަަކަނުދައްކާ!" ޒިޔާން މަޑުމަޑުން ބުންޏެވެ. "އަހަންނަކީ ދީމާ ތި ހީކުރާހާ ރަނގަޅު ފިރިއެއް ނޫން. އަހަންނަކީ ވައިފަށް ޗީޓްކުރާ މީހެއް. އަހަރެން ބުނަން އޮތްހާ ވެސް އެއްޗަކީ އަހަންނަށް މާފުކުރާށޭ! މާފުކުރާށޭ މާފުކުރާށޭ މާފުކުރާށޭ!"

ޒިޔާނަށް ރޮވޭ ގޮތް ވިއެވެ. ނުރޯން މަސައްކަތް ކުރަމުން ޒިޔާން އެހެން ދިމާއަކަށް އެނބުރުނެވެ. ޒިޔާން މާފުކުރަން އެދުމުން ދީމާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.

"މަންމީ!" އެ ވަގުތު ކޮޓަރި ތެރެއިން އަފްރާހު ގޮވައިލި އަޑު އިވުނެވެ.

ދީމާއަކަށް ނީނދެވުނެވެ. ޗޮކެއްކަނޑައިފައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޒިޔާން ގޮނޑީގައި ހަމަޖެހިލިއެވެ. މަނާރަތުގެ ވާހަކަ ދީމާ ގާތުގައި ބުނާނެ ގޮތެއް ޒިޔާނަކަށް ނޭނގެއެވެ. ދައްކާފައި ނުދައްކާނެ ވާހަކައެއް ވެސް ނޭނގެއެވެ. ލިބުނު ވަގުތުކޮޅުގައި ޒިޔާން ވިސްނީ އެންމެ ކަމަކަށެވެ. މަނާރަތުގެ ވާހަކަތައް ޒިޔާން ކިޔައިދޭނީ މަތިމަތިން ހެއްޔެވެ؟ ހުރިހާ ތަފުސީލަކާ އެއްކޮށް ހެއްޔެވެ؟ ލަދުވެތި ކަމެކެވެ. ހިތްދަތި ކަމެކެވެ. އެހެނަސް ވިސްނަންވީ ވަގުތު ނުވިސްނައިފައި ދެން ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ ވަޒީފާއިން ކަނޑައިނުލި ނަމަ އަދިވެސް ޒިޔާން އެ ވާހަކަތަކެއް ދީމާ އަކަށް ކިޔައެއް ނުދޭނެއެވެ. އެ ކުޅިވަރެއް ވެސް ނުހުއްޓޭނެއެވެ. ހަގީގަތަކީ އެއީއެވެ. ދީމާއަށް ޝައްކުވާތާ ކިހާ ދުވަހެއް ހެއްޔެވެ؟ ބޭނުން ނަމަ، ދެން ވެސް ޒިޔާނަށް ދޮގުހެދިދާނެއެވެ. އޮޅުވައިލެވިދާނެއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ޒިޔާން އެއްބަސްނުވީމައި ނިމުނީއެވެ. ހަސަދަވެރިވާ ބަޔަކު ޒިޔާން މަޅިއެއްގައި ބައްދައިލަން ވާހަކަތަކެއް އުފަންކުރީއޭ ވެސް ޒިޔާނަށް ބުނެވިދާނެއެވެ. ލިބުނު ވަގުތުކޮޅުގައި ޒިޔާން ފޯނު ހިފައިގެން ބެލުކަންޏަށް ނުކުތެވެ. މަނާރަތަށް ގުޅިއެވެ. އާދޭސްކުރާކަށް ނޫނެވެ. އެންމެ ސުވާލެއްގެ ޖަވާބު ހޯދާށެވެ. މަނާރަތު ބުނި ކަންކަމަށް ޒިޔާން ރުހި ގަބޫލުވުމުން ޒިޔާނަށް އެ ވަރުގެ ލަނޑެއްދިނީ ކީއްވެގެން ހެއްޔެވެ؟ ކަން ދިމާކުރި ގޮތުން މަނާރަތު ފޯނެއް ނުނެގިއެވެ. ޒިޔާން ވިސްނިއެވެ. އެންމެ އަންހެނެއްގެ މުށުތެރެއަށް ފުލުހުންގެ މުޅި މުވައްސަސާ ލެވިދާނެ ހެއްޔެވެ؟ ގަބޫލުކުރަން ޒިޔާން ކިތަންމެ ބޭނުން ނޫނަސް ކަން އޮތީ އެހެންނެވެ. ގާނޫނަކާއި، ސަރުކާރަކާއި، ވަރުވަރުގެ ވެރިން ފުލުހުންގެ ތެރޭގައި ތިބެމެ މުޅި މުވައްސަސާ މަނާރަތުގެ ކޮންޓުރޯލުގެ ދަށަށް ގެނައީ ކިހިނެއް ހެއްޔެވެ؟ އެންމެ އިންސާނެކެވެ. އެންމެ އަންހެނެކެވެ. ހަށި ވިއްކައިގެން މީހަކަށް އެހާ ބޮޑު ބާރެއް ހޯދިދާނެ ހެއްޔެވެ؟ ވަޒީފާއިން ވަކިކުރިއެއް ކަމަކު، ޒިޔާނަށް ހެޔޮއެދޭ އެކުވެރިން ފުލުހުންގެ ތެރޭގައި އުޅެއެވެ. ކަމުގެ ހުރިހާ މައުލޫމާތެއް އެނގޭނެކަމަށް ޒިޔާން އުންމީދުކުރި ދެތިން އެކުވެރިޔަކަށް ޒިޔާން ގުޅިއެވެ. ހިތުގައި އުފެދިފައިވާ ބައެއް ސުވާލުގެ ޖަވާބު ހޯދިއެވެ.

ކުދިންގެ ހުރިހައި ކަމެއް ހަމައަކަށް އަޅުވައިފައި، ކުދިން ނިންދަވައިފައި ދީމާ އައި އިރު ވެސް ޒިޔާން ސޯފާގައި އޮށޯވެލައިގެން އޮތެވެ.

"މިރޭ ދެން ޑިއުޓީއަށް ނުދަނީތަ؟" ސޯފާގައި އިށީންނަމުން ދީމާ އެހިއެވެ.

"ޖޮބުން ކަނޑައިލައިފި!" ޒިޔާން ބުންޏެވެ.

ދީމާއަށް ލިބުނީ ޝޮކެކެވެ. ވަޒީފާއަށް ވަފާތެރި ޒިޔާން ކަހަލަ ތެދުވެރި މީހަކު ވަޒީފާއިން ކަނޑާލަންވީ ކީއްވެގެން ހެއްޔެވެ؟ ޒިޔާން ވަން ފަހުން ތަނަށް ލިބުނިއްޔާ ލިބުނު ރީތި ހުރިހާ ނަމެއްގައި ޒިޔާންގެ ހިއްސާ ނުހަނު ބޮޑެވެ. ޒިޔާނަށް ދުވަހަކު ވެސް އިންޒާރެއްދީ، އޭނަގެ ބަޔާނެއް ނަގައި، ޖޫރިމަނާއެއް ކޮށްފައެއް ވެސް ނެތެވެ.

"އެ ޔޯ؟" ދީމާ އެހިއެވެ.

ޒިޔާނަށް އޮތީ ދެ ގޮތެވެ. ދީމާއަށް އޮޅުވައިލުމެވެ. ޒިޔާންގެ އަގު ހިފާއްޓައި ބަދުނާމުން ސަލާމަތްވުމެވެ. އަނެއް ގޮތަކީ ތެދު ބުނުމެވެ. ދީމާގެ ކުރިމަތީގައި ކުށްވެރި ވިޔަސް މުސްތަގުބަލު ފަސޭހަކުރުމެވެ. ކުރެވުނު ކުށަށް މާފަށް އެދުމެވެ. ދީމާގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމެވެ. އެންމެ ހިތްދަތިވި ދަނޑިވަޅު ކުދިން ދޫކޮށްލައިފައި ނުވަތަ ކުދިން ގޮވައިގެން ވިޔަސް ދީމާ ހިނގައްޖެއްޔާ ދެން ޒިޔާނަކަށް ހިންދަމައެއް ނުލެވޭނެއެވެ. އެހާ ހިތްވަރެއް ނުހޯދޭނެއެވެ. ޒިޔާން ވަރަށް އެކަނިވާނެއެވެ. ލޯބިވަންޏާ ދީމާ މާފުކުރާނެ ކަމުގެ ޔަގީންކަން ޒިޔާނަށް އޮތެވެ.

"ހުރިހާ ވާހަކައެއް އަހަރެން ކިޔައިދޭނަން،" ޒިޔާން ބުންޏެވެ. "އެކަމަކު އޭގެ ކުރިން ވެސް ފަހުން ވެސް ބުނަން އޮތީ، އަހަންނަށް މާފުކުރާށޭ! އަހަންނަކީ ނުބައި މީހެކޭ، ކުރެވުނު ހުރިހާ ކަމެއް ވެސް ގޯހޭ، ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތޭ! ދީމާގެ އެއްވެސް ކުށެއް ނެތޭ!"

ކަންތައް ވީ ގޮތް ޒިޔާން ކިޔައިދިނެވެ. އެއްވެސް ކަމެއް ސިއްރުނުކޮށް އަލިފުން ޔާއަށެވެ. މުލަކު ހާދިސާއާއި، ހުޅުމާލެ ހާދިސާއާއި، މަސްވެރިންގެ ޕާކުގައި ހިނގައިދިޔަ ހާދިސާއެވެ. މަނާރަތާ މައްސަލަ ޖެހުނު ގޮތެވެ. ޒިޔާންގެ ބޮލުގައި އެޅުވި ތުހުމަތުތަކެވެ. އިތުރު މުވައްޒަފުންތަކެއް ދިން ބަޔާން ވެސް މެއެވެ. ވާހަކަތައް ކިޔައިދެމުން ގެންދިޔަ އިރު ދީމާގެ ލޮލުން ކަރުނަ އަކަށް ފަހު ކަރުނައެއް ފޭދެމުންދާ ތަން ޒިޔާނަށް ފެނުނެވެ. އެއީ ޒިޔާން ދެކެ ދީމާ ލޯބިވާކަމުގެ ހެކިތަކެވެ. ރުޅިއަންނަ އަންބަކު ނަމަ ވަކި ހިސާބުން ހަޅޭއްލަވައިގެންފައި ނުކުމެގެން ދާނީއެވެ. ފޮއްޓަށް އެއްޗެހި އަޅަން ވެސް އަންނާނީ ފަހުންނެވެ. އެހެން ހެދި ނަމަ ޒިޔާން މާ އުފާވީހެވެ. ޒިޔާންގެ ހިތަށް ލުޔެއް ލިބުނީހެވެ. ޒިޔާންގެ ވާހަކަތައް ނިމުމުން ވެސް ދީމާ ގާވެފައި އިނީއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފުންވެފައި އަނދިރިއެވެ. ކުރެވުނު ކުށުން ސަލާމަތްވެވޭނެ އެއްވެސް މަގެއް ޒިޔާނަކަށް ނުފެނެއެވެ.

"ކޮންމެވެސް އެއްޗެކޭ ބުނޭ ދީމާ!" ބަރާބަރު ހަތް މިނެޓަށް ފަހު ޒިޔާން އެދުނެވެ. "ވަރިހަމަ ކިތަންމެ ވަރަކަށް އަހަންނާ ދިމާއަށް އެއްޗެހި ކިޔަސް. ދީމާގެ ކޮންމެ ނިންމުމެއް ގަބޫލުކުރާނަން. އެކަމަކު މި ވަގުތު އަހަރެން މިހިރީ ވަރަށް އެކަނިވެފަ. އަހަރެން ދޫކޮށްލާފަ ދީމާ ގޮއްސިއްޔާ އަހަރެން ވަރަށް ދެރަވާނެ."

ދީމާ ބުނީ ޒިޔާން އުންމީދު ވެސް ނުކުރާ ކަހަލަ އެއްޗެކެވެ.

"ޒިޔާން ބެހުނޭ އެ ބުނާ ހުރިހާ އަންހެނުންގެ ސިފަތައް އަހަންނަށް ކިޔައިދީ!" ޒިޔާނަށް ނުވެސް ބަލާ އިނދެ ދީމާ ބުންޏެވެ.

ޒިޔާން ވިސްނައިލިއެވެ. ނަސީބަކުން އެހެން މުވައްޒަފުންގެ މައުލޫމާތު ވެސް ކޮންމެވެސް ވަރަކަށް ޒިޔާނަށް ހޯދިއްޖެއެވެ. އެއްވެސް ވަރަކަށް ދަބަރު ނުކަހައި އަދި ހަކުރު ވެސް ނުލައި ޒިޔާން އެ ވާހަކަތައް ކިޔައިދިނެވެ. މަނާރަތުގެ ހުރިއްޔާ ހުރި ރީތިކަމަކާ އެކުގައެވެ. އަނެއްކާ ވެސް ދީމާ އެއްޗެއް ނުބުނެ އެތައް އިރަކު ވިސްނަން އިނެވެ.

"ޒިޔާން ގަދަކަމުން އެ މީހުނަކާ ނުބެހޭނެ،" ބެދެން ކައިރިވެފައިވާ އަޑަކުން ދީމާ ބުންޏެވެ. "އަހަރެން ޒިޔާން ދަންނަން."

ޒިޔާނަށް ކުރެވުނީ އަންބެއްގެ ހިތް ފަޅައިގެންދާ ވަރުގެ ކަމެކެވެ. ރުޅިއައިސްގެން ގޮހެވެ. ނުވަތަ ލަދުންނެވެ. ދެރަވެގެން ގޮހެވެ. ނުވަތަ ފޫހިންނެވެ. އެހެނަސް ދީމާގެ ފަރާތުން ފެނުނީ ތެދުވެރިކަމާއި ސާބިތުކަމެވެ. ލޯތްބާއި އިތުބާރެވެ. އެ ހިސާބުން ޒިޔާނަށް ރޮވުނީއެވެ.

"އެހެން މީހަކު ނަމަ އުފަލުން ދެން އިތުރު ސުވާލެއް ނުކުރާނެ،" ޒިޔާން ބުންޏެވެ. "އެކަމަކު އަހަރެން އަހާލަން ބޭނުން، ދީމާއަށް ކީއްވެ ތިހެން ހީވަނީ؟"

"މައްސަލައެއް ނެތް. ތި ބުނާ މަނާރަތަކީ ވަރަށް ރީތި ކުއްޖެއް،" ދީމާ ބުންޏެވެ. "ދޮން ކުއްޖެއް. ޒިޔާން ލައިކުވާ ކަހަލަ ކުއްޖެއް. އެހެންވެ ޒިޔާން ފޯލްވީ. އެކަމަކު ދެން ތި ބުނި އަންހެނުންނަކީ އެ މީހުން ޒިޔާން ގާތަށް އައިސް އާދޭސްކުރިޔަސް ޒިޔާން އެ މީހުންނާ ދިމާއަށް ބަލައިލަން ވެސް ބޭނުން ނުވާ ކަހަލަ އަންހެނުން. އެ މީހުންނަކާ ޒިޔާން ނުބެހޭނެ. ތީ ޒިޔާންގެ އަގުވައްޓާލަން ބަޔަކު ކުރި ކަމެއް."

އޮފީހުގެ މޭޒު ކައިރީގައި ހަމަޖެހިލައިގެން އިން މަނާރަތުގެ ކަޅި ހުރީ، މޭޒުމަތީގައި ބަހައްޓައިފައިވާ ހަނދާނީ ފިލަޔަކަށެވެ. އެއީ މަނާރަތު އެމެރިކާގައި ތަމުރީނު ހެދުމުން އެފްބީއައިއިން ދީފައިވާ ހަނދާނީ ހަދިޔާއެކެވެ. ޖެހިގެން ހުރި ބިއްލޫރި ފޮށިތެރޭގައި އޮތީ އިނގެރޭސިވިލާތުގެ ކޯހެއް ފުރިހަމަކުރުމުން އެ ތަނުން ދިން ހަނދާނީ ބެޖެކެވެ. މަނާރަތުގެ ޝަރަފަކީ އެއީއެވެ. ލިބިފައިވާ މަގާމު މުހިންމުވާ ސަބަބަކީ ވެސް އެއީއެވެ. އެ ކަމަށް ހުރަސްއަޅަން އެކަކަށް ވެސް މަނާރަތު ފުރުސަތެއް ނުދޭނެއެވެ. ދެން އެއްލި ކަޅިޔަކުން ފެނުނީ، އަޑު ކަނޑައިލައިފައިވާ ފޯނުން ދިއްލެމުންދާ ފެހި ސިގުނަލެކެވެ. ފޯނު ބަލައިލި އިރު ގުޅާފައި އޮތީ ޒިޔާންއެވެ.

"ދީމާ އަހަންނަށް މާފުކުރާނަންތަ؟" ޒިޔާން އިސްޖަހައިލައިގެން އިނދެ ދީމާއާ ސުވާލުކުރިއެވެ. "އެ ސުވާލަށް ޖަވާބުދީ!"

ހަމަ އެ ވަގުތު މަނާރަތު ފޯނުކުރިއެވެ. ފޯނު އޮތީ ދީމާއަށް ފެންނަ ހިސާބުގައެވެ. އަރާފައި އޮތީ މަނާރަތުގެ ނަމެވެ. އެއީ އެ ފަދަ ކޯލެއް އަންނަން އެންމެ ސުންޕާ ދަނޑިވަޅެވެ.

ނުނިމޭ

18 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 8%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތީބް

22 February 2021

ބިންމާ ދެން މިވާހަކަ ނިންމާލަބަލަ، ޖިންނިއެއްގެ ޝަކުވާއެކޭ މިއެކޭ ތަފާތެއް ނެތް. ވާހަކަ ދަންމަ ދަންމަ ތި ހުންނަނީ.

The name is already taken The name is available. Register?

އިންސާފް

22 February 2021

ގަދައަޅާ މަސެއްކައް ކުރާ ނަމަ ކޮންމެވެސް ދުވަހަކުން އިންސާފު އަދި ލިބޭނެ، ހިއްވަރުކޮއްލާ.....

The name is already taken The name is available. Register?

ފޫހި

21 February 2021

ނުބައިމީހުންނަށް ކަންކަން ކާމިޔާބުވާގޮތަށް ބިންމާ ވަރަށްގިނައިން ވާހަކަލިޔޭ. އެކަމަކު އެމީހުންނަށްވެސް އަދަބުލިބެންޖެހޭނެ. ތިޔަ ޒިޔާނަކީވެސް ކިޔަވައިގެންހުރި މީހެއްވިއްޔާ ހައްގުހޯދަން ދާނެ ތަންތަން ހުންނާނެ. ހަމައެކަނި މުޅި މުއައްސަސާ މަނާރަތަށް ކޮންޓްރޯލްކުރެވޭ އޮތުމީ ބޮޑު ޖޯކެއް.

The name is already taken The name is available. Register?

އަންތަރީސް!

21 February 2021

ކޮއިފުޅާ ހަމަ ޖެހޭ، ވާހަކަ އަދި ނުނިމެ!

The name is already taken The name is available. Register?

ގްލޯ

21 February 2021

ހޫން އަންހެނުންގެ ސިފައަށް ބަލާފަތަ ދީމާ މި ނިންމީ ފިރިސޮރު އެމީހުންނާ ނުބެހޭނެކަމަށް؟ ދީމާ ކޮއިފުޅާ... ދެން ޒިޔާން. އަސްލު މީހަކާ އިންނައިރު އިންނަންވާނީ ފޫހި ނުވާކަހަލަ މީހަކާ. އެއީ ހަމައެކަނި ސިފައެއް ނޫން ޕާސަނަލިޓީވެސް. ވަކި ހިސާބަކުން އެއްވެސް މީހެއްގެ ރީތިކަމެއް ނޯންނާނެ. ދިވެހި ފިރިހެނުން ގިނަފަހަރަށް މި އިންނަނީ ދަރިން ހޯދާފަ ބަލަން ބައިންދާނެ މީހަކާ... ދެން އެމީހުން ދާންވީ ޕާޓީކުރަން...

The name is already taken The name is available. Register?

އިދުރީސްދޮންބެ

21 February 2021

ކީއްވެތަ މިހާ ކުރުކޮށް ގެނެސްދެނީ. އެންމެ ނުބައި ހިސާބުން ތި ނިންމާލަނީ. ދެން މިވާހަކަ ކިޔާނީ އެއްކޮށް ނިމުނީމަ. ކޮންމެސް ކުއްޖަކު ބޭބެއަށް އަންގާލާތި ވާހަކަ ނިމުނީމަ.

The name is already taken The name is available. Register?

ޒިޔާން ފޭން

21 February 2021

އަހަންނަށް ވެސް ރޮވިއްޖެ. ޕްލީޒް ދީމާ ހެލްޕް ހިމް. ނިކަން މަނާރަތުގެ ކޯލަށް ދީމާ ޖަވާބުދީބަލަ!

The name is already taken The name is available. Register?

ހަލީމަ

21 February 2021

ބިންމާ ވަރަށް ޕްރޮމޯޓްކުރަން ބޭނުންވާ ކަމެއްމީ ރަނގަޅު އަނބެއްވިއްޔާ ފިރިމީހާ ކޮންމެފަދަ ކަމެއް ކުރިއަސް އޭނައަށް ކުރެވުނީ ވަރަށް އާދައިގެ ކަމެކޭ ކިޔާފަ ވަށައިގެން ފިރުމާފަ މާފުކުރުން ހަމަ އެކުން އެއަންހެންމީހާ ކުރިނަމަ އޭނަ ހަވަރަށް ދޭނެ ކޮންމެ މީހަކުވެސް ކުއްކުރީމަ އެވާނީ ކުށަށް ކޮންމެ ކަމަކީ މާފުކޮށް ނުވާކަމަކަށް ހެދޭނެ ކަންކަމެއް ނޫން އެހެން އުޅޭ މީހަކު އެއުޅުން ނުހުއްޓާނެ

The name is already taken The name is available. Register?

ކޮއްކޮ1

21 February 2021

ފިރިމީހާ އެހާ ރީތިކޮށް މަޢާފަށް އެދިފަ ހަޤީޤަތަށް ކިޔާދިނީމަ ހެޔޮ ވިސްނޭ ކޮންމެ އަންބަކުވެސް ހަޤީޤަތް ޤަބޫލު ކުރާނެ. އަންހެންނުންނަކީ ނުބައި ބައެއްނޫން. ހެޔޮވިސްނޭ މީހުން ހެޔޮވާނެ. ކޮންމެ ކަމެއް ކޮށްފަވެސް އެ ކުރި ކުށް ފޮރުވަން ދޮގު މައްޗަށް ދޮގު ހަދާ ފިރިންދެކެ ފޫހިވާނެ. ހަވަރަށް ވެސް ދޭނެ.މަޢާފެއްވެސް ނުކުރެވޭނެ.

The name is already taken The name is available. Register?

ހަލީމަ

21 February 2021

މާފައް އެދުމަކަށް ވާނީ ޗޮއިސް އޮވެ މާފަށް އެދުން ގޮތްހުސްވީމަ މާފައްއެދުމެއްނޫން

The name is already taken The name is available. Register?

އެކްސް ޕޮލިސް ސަރޖެންޓް

21 February 2021

ފުލުހުންގެ ވަޒީފާއިން ކަނޑާލުމަކީ ފެން ފޮދެއް ބޯލާފައި ވައެއްލުންހާ ފަސޭހަކަމެއް. އެކަމަކު އެއްބަޔަކު ޖިނާއީކުށެއް ކުރީމައި މައްސަލަ ބަލާފައި ކުޑަކުޑަ އަދަބެއްދީ ނިންމާލާ. ވަޒީފާއިން ވައްކެއް ނުކުރޭ. އެކަމަކު ވެރިއަކާ ދިމާލަށް އެއްޗެއް ބުނީމައި ވަޒީފާއިން ވަކިކުރޭ. މިއީ މޯލްޑިވްސް ޕޮލިސް ދަންނަ އިިންސާފް.

The name is already taken The name is available. Register?

ދީމާގެ އަމާ

21 February 2021

ބަޔަކުމީހުން ފޫކޮޅުގަ ރޯކޮއްލީމައެއްނޫން ހަގީގަތް ކިޔާދީފަ މާފަށް އެދޭނީ. އޭގެ ކުރިން އެނގެންވާނެ މީހެއްގެ ފިރިއެއްކަމާ ދެދަރިންގެ ބަފައެއްކަން.

The name is already taken The name is available. Register?

ދީމާގެ ފައި

21 February 2021

އަޅެ ބިންމާ :(

The name is already taken The name is available. Register?

ބިންމާ

21 February 2021

ޗޮއް..ކިޔާހިތުން އިންދާ އެ ނިމުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454