ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ބޮލީވުޑަށް ތައާރަފުކުރީ 2015 ގައި
03 މާޗް 2021 - 07:51
އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ތަޅަޕް" މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ގައި ގެނެސްދޭން ނިންމައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.
މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަހާންއާ އެކު "ތަޅަޕް" ގެ ބަތަލާގެ ރޯލުން ފެންނާނީ 2019 ގައި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ތާރާ ސުތާރިއާ އެވެ.
"ތަޅަޕް" އަކީ 2018 ގައި ރިލީޒްކުރި ތެލެގޫ ރޮމޭންޓިކް އެކްޝން ފިލްމު "އާރްއެކްސް 100" އަސްލަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގެ ވާހަކަ ހިންދީ އޯޑިއަންސަށް އަހާން ތައާރަފުކުރާ ފިލްމުގެ ގޮތުގައި ގެނެސްދޭ އިރު "ތަޅަޕް" ގެ ޑައިރެކްޓަރު މިލަން އަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މީހެކެވެ. އޭގެ ތެރޭގައި "ބާދުޝާހޯ" އާއި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އަދި "ޑާޓީ ޕިކްޗާ" ފަދަ ފިލްމުތައް ހިމެނެ އެވެ.
"ތަޅަޕް" ފެ ކާސްޓްގައި ސިކަންދަރު ކޭރާއި ޝަރަދު ސަކްސޭނާ އާއި އަމިތު ސާދާއި ސްވަތީ ކަޕޫރްގެ އިތުރުން ސުނިލް ޝެޓީ ވެސް ހިމެނެ އެވެ.
އަހާން، 25، ބޮލީވުޑަށް ތައާރަފުކުރާ އިރު އޭނާގެ ދައްތަ އާތިޔާ ޝެޓީ، 28، އަކީ މިހާތަނަށް ބޮލީވުޑުން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބި، ކެރިއަރު ވަރަށް ފަނޑު ބަތަލާއެކެވެ. ސަލްމާން ޚާން ޕްރޮޑިއުސްކުރި 2015 ގެ "ހީރޯ" އިން ތައާރަފުކުރި ބަތަލާ މިހާތަނަށް ކުޅުނީ ތިން ފިލްމެވެ. އެއީ "ހީރޯ" ގެ އިތުރުން 2017 ގެ "މުބާރަކަން" އާއި 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އެވެ.
ވަރަށް އުންމީދީ އެކްޓަރެއްގެ ގޮތުގައި ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ބޮލީވުޑަށް ނެރޭ އިރު އަކްޝޭ ކުމާރާއި ސަލްމާން ޚާނާއި ޝާހްރުކް ޚާން ފަދަ ތަރިން އަހާންގެ ފިލްމުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް، ހިތްވަރު ދީފައިވެ އެވެ.
ފިލްމުގެ ޕޯސްޓަރު އިންސްޓަގްރާމްގައި ހިއްސާކޮށް އަކްޝޭ ބުނީ އަހާންގެ ބައްޕަ ސުނިލް ޝެޓީގެ ފުރަތަމަ ފިލްމު 1992 ގެ "ބަލްވާން" ގެ މަތިން އަދިވެސް ވަރަށް ހަނދާންވާ ކަމަށާއި އަހާންގެ "ތަޅަޕް" ގެ ޕޯސްޓަރު ހިއްސާކުރުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަކްޝޭ އާއި ސުނިލް ޝެޓީ އަކީ އެކީގައި ކާމިޔާބު ފިލްމުތަކެއް ވެސް ކުޅެފައިވާ ގާތް ދެ ރައްޓެހިންނެވެ. އެ ދެ މީހުންގެ އެކީގައި ފެނުނު ފިލްމުތަކުގެ ތެރޭގައި "ދަޅުކަން" އާއި "ހީރާ ޕޭރީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy