27 ޖުލައި 2021 - 07:09
މިހާތަނަށް އެތައް ލަވައެއް ކިޔައި އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ގުރޫ ރާންދުވާ އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ނުޝްރަތު ބަރޫޗާ އާއި މުރުނާލް ތާކޫރާއިި ނޯރާ ފަތެހީ ފަދަ ބަތަލާއިންނާ އެކު ވީޑިއޯ ލަވަތައް ވެސް ކުޅެފައިވާ 29 އަހަރުގެ ފަންނާނުގެ ފުރަތަމަ ފިލްމަކީ މިއުޒިޝަނެއްގެ ވާހަކަ ކިޔައިދޭ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
އަދި ނަން އިއުލާން ނުކުރާ އެ ފިލްމު ޕްރޮޑިއުސްކުރަނީ އެންޑެމޯލް ޝައިން އިންޑިއާއިންނެވެ. އެތަނުގެ ސީއީއޯ އަބީޝެކް ރީގީ ވިދާޅުވީ ގުރޫ ފަދަ މިއުޒިކީ ފަންނާނަކު ބޮލީވުޑަށް ނެރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޭނާ މިހާތަނަށް ލަވަތަކުން ހޯދިވަރުގެ މަގުބޫލުކަމެއް އެކްޓަރެއްގެ ގޮތުގައި ވެސް ހޯދާނެކަމާ ދޭތެރޭ ޝައްކެއް ނެތް ކަމަށާއި އޭނާ އަކީ ވަރަށް ހުނަރުވެރި ފަންނާނެ ކަމަށް ވިދާޅުވި އެވެ.
New beginnings 💥 https://t.co/XFhwiXNhLM
— Guru Randhawa (@GuruOfficial) July 26, 2021
"ވަރަށް ޔަގީން އޭނާގެ ފޭނުން ވެސް މިކަމަށް ވަރަށް ބޮޑަށް އިންތިޒާކުރާނެކަން،" އަބީޝެކް ބުންޏެވެ.
ގުރޫ ބުނީ އަނެއްކާ ވެސް އާ ދަތުރެއް ފެށުމަކީ ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށާއި އެކަމަކު ފިލްމެއް ކުޅުމަކީ އެހާ ބޮޑަށް ވިސްނަން ޖެހުނު ކަމެއް ނޫން ކަމަށެވެ.
"މިއީ ވެދާނެ ކަމެއްކަން ކުރިން ވެސް އަހަރެން ހުރީ ގަބޫލުކޮށްގެން. އެހެންވެ ފުރުސަތު ތަނަވަސްކޮށްދިން ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އޭނާ ބުންޏެވެ. "މިއީ އަހަރެންގެ ޑްރީމް ޕްރޮޖެކްޓަކަށްވާނެ. އެހެންވީމަ ވަރަށް ބުރަކޮށް މަސައްކަތްކޮށް، ސަތޭކަ ޕަސެންޓް ފިލްމަށް ދޭނަން. އަދި މިއީ ފޭނުންނަށް ސަޕްރައިޒަކަށްވާ ކަހަލަ ފިލްމަކަށް ވާނެ."
ގިނަ އަދަދެއްގެ ސިންގަލްތަކެއް ނެރެފައިވާ ގުރޫ އަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ވެސް ލަވަ ކިޔާފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި "ހިންދީ މީޑިއަމް"، "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ"، "ބަދާއީ ހޯ"، "ސްޓްރީޓް ޑާންސާ" އަދި "ޝަލާންގް" ހިމެނެ އެވެ.
އޭނާގެ މިއުޒިކް ހިމަނައިގެން ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "މިސްޓަ ލޭލޭ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy