މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

މި ފިލްމްތައް ފެންނާނީ ކޮން ދުވަހަކުން؟

ފިލްމް "ގިލަން" ގެ މަންޒަރެއްގައި ނޫރާ: އުންމީދީ ފިލްމެއް.

އަހަރު ނިމެނީ އެވެ. މިހާތަނަށް ހަ ފިލްމެއް ސިނަމާ އަށް އަތުވެއްޖެ އެވެ. ކުރިއަށް އަދި ދެ ފިލްމެއް އެބަ އޮތެވެ. އެއީ "ވީ ބޭވަފާ" އާއި "ބައިވެރިޔާ" އެވެ.

އެ ދެ ފިލްމާ އެކު މި އަހަރު ސިނަމާ އަށް އައި ދިވެހި ފިލްމުތަކުގެ އަދަދު އަށަކަށް އަރާނެ އެވެ. މިއީ ހެޔޮ ފާލެކެވެ. ފާއިތުވި ދެ އަހަރަށް ބަލާ އިރު، ރިލީޒްވެފައި ވަނީ ޖުމްލަ ނުވަ ފިލްމެވެ.

އަންނަ އަހަރަށް ވެސް އުންމީދީ ފިލްމުތަކެއް އެބަ ހުއްޓެވެ. އެހެން ނަމަވެސް ބެލުންތެރިން ވަރަށް އިންތިޒާރު ކުރި ނަމަވެސް، ދިގުލައިގެން ގޮސް ސިނަމާ އަށް ނައިސް ހުރި ފިލްމުތަކެއް އެބަ ހުއްޓެވެ. އެ ފިލްމުތަށް އަންނަ އަހަރު ފެންނާނެ ކަމަށް އުންމީދު ވެސް ކުރަމާ ހިނގާށެވެ.

މި ފަހަރު ބަލާލާނީ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ ބައެއް ފިލްމަތަކެވެ. މީގެ ތެރެއިން ބައެއް ފިލްމުތަކަކީ ވަރަށް އުންމީދީ ފިލްމުތަކެއް ވެސް މެ އެވެ.

އިންތިހާ

މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެވެ. ހުސައިން ސޮބާހްގެ އިލެވެން އިލެވެން ޕްރޮޑަކްޝަނުން އުފައްދާފައިވާ "އިންތިހާ" އަކީ 2011 ވަނަ އަހަރު ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ. މިއީ 2012 ގައި ރިލީޒް ކުރަން ކުރިން ނިންމި ފިލްމެކެވެ.

މި ފިލްމުގެ ތަރިންނަކީ ޔޫއްޕެ، ފާތުމަތު ފަރީލާ (ފަރީ)، މުހައްމަދު ފައިސަލް، މަރިޔަމް އަފީފާ (އަފީ) އަދި ސޮބާ އެވެ. މީގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލުމާ އެކު، މިއީ ޝައުގުވެރިކަން އުފެދުނު ފިލްމެކެވެ.

"އިންތިހާ" ގެ ޓީޒާ ޓްރެއިލާއެއް.

މި ސަސްޕެންސް ތުރިލާ ބަލާލަން ކެތްމަދުވެފައި އަދިވެސް އެތައް ބަޔަކު އިންތިޒާރުގައި އެބަ ތިއްބެވެ.

ހަތަރު ހަޅަ

މިއީ ދިވެހި ސިނަމާގެ ފުރަތަމަ އެންތޮލޮޖީ ފިލްމެވެ. ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ ކްރައިމް ޖޯންރާގެ މި ފިލްމަކީ މުހައްމަދު ފުއާދު (ފޯޑް) ޕްރޮޑިއުސްކޮށްފައިވާ ފިލްމެވެ. މީގެ ތިން ސެގްމަންޓެއްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މަހުދީ އަހުމަދެވެ.

ދެހާސް ތޭރަ ވަނަ އަހަރު މަސައްކަތް ފެށި "ހަތަރު ހަޅަ" އިގެ ސެގްމަންޓްތައް ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާއު (ޗިއްޕެ)، އަބްދުލް ފައްތާހް، މޫމިން ފުއާދު އަދި ރަވީ ފާރޫގެވެ.

ޗިއްޕެ ޑައިރެކްޓްކޮށްފައިވާ ސެގްމަންޓްގެ ނަމަކީ "ފޮށި" އެވެ. މި ސެގްމަންޓްގެ ތަރިންނަކީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ފަރީ އެވެ.

ފައްތާހުގެ ސެގްމަންޓަކީ "ދަރި/ފިރި" އެވެ. މި ސެގްމަންޓްގެ އެންމެ މުހިއްމު ތަރިއަކީ މަރިޔަމް ޝަކީލާ އެވެ.

"ގާތިލް" އަކީ ރަވީގެ ސެގްމަންޓެވެ. އޭގެ ތަރިންނަކީ އައިމިނަތު ރިޝްފާ އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

ފިލްމް "ހަތަރު ހަޅަ" އިގެ "ގާތިލް" ސެގްމަންޓްގައި މަޖޫ.

މޫމިންގެ ސެގްމަންޓްކީ ނިއުމާ މުހައްމަދާއި އަލަށް ތައާރަފު ކުރާ އަހުމަދު އައްބާސް ލީޑް ރޯލް ކުޅެފައިވާ "ބައިވެރިޔާ" އެވެ. މިއީ މޫމިންގެ އަމިއްލަ ސްކްރީންޕްލޭއެކެވެ.

ޕްލޭން ބީ

މިއީ އަނެއްކާ ވެސް ދިވެހި ސިނަމާ އާ ކަންތައްތަކެއް ތައާރަފުވެގެން ދާނެ ކަމަށް ބެލެވޭ ފިލްމެކެވެ. މިއީ 2014 ގައި ރިލީޒްވާނެ ކަމަށް ބެލެވުނު ފިލްމެކެވެ. އެހެން ނަމަވެސް މަހުދީގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ޕްލޭން ބީ" އަކީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާފައި ތާށިވެފައި އޮތް ފިލްމެކެވެ.

މި ފިލްމަކީ މާސްކޭ ސްޓޫޑީއޯ އިން ތައްޔާރުކޮށް، ވިޝާލް ޒަކީ ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ.

"ޕްލޭން ބީ" ގެ ތަރިންނަކީ ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާއީލް ރަޝީދު، މަޖޫ، ރިޝްފާ އަދި އަލަށް ތައާރަފުވާ މުހައްމަދު ފައިސަލް (ބާސްކެޓް ފައިސަލް) އެވެ.

ނާމާން

މިއީ ބިރުވެރި ފިލްމެކެވެ. ޗިއްޕެގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމަކީ އަހުމަދު ޝަކީބް (ޑރ. ޝަކީބް) ޕްރޮޑިއުސްކޮށް، ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި ޔޫއްޕެ، ފަރީ، ލުފްޝާން ޝަކީބް (ލޫއްޕެ) އަދި އާމިރާ އިސްމާއީލެވެ.

"ނާމާން" އަންނަ އަހަރު ސްކްރީނަށް އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

"މާޔޫސް" ގެ ޓްރެއިލާއެއް.

މާޔޫސް

މިއީ މަހުދީގެ ސްކްރީންޕްލޭއަކަށް އޭނާ ޕްރޮޑިއުސް ވެސް ކޮށްފައިވާ ފިލްމެކެވެ. ކުރިން 2014 ގައި ރިލީޒް ކުރަން އަމާޒު ހިފި، މި ފިލްމަކީ އަޖްނާޒް އަލީ (އަޖޫ) ޑައިރެކްޓް ކުރި ފުރަތަމަ ފީޗާ ފިލްމެވެ. މީގެ ތަރިންނަކީ ނިއުމާ މުހައްމަދު، ޖުމަލް އަދި އިސްމާއީލް ރަޝީދެވެ.

ގިލަން

މިއީ އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ޑައިރެކްޝަނެވެ. މި ފިލްމު ރިލީޒް ކުރަން ފުރަތަމަ ނިންމީ ރާއްޖޭގެ މިނިވަން 50 އާ ދިމާކޮށް، މިދިޔަ އަހަރު އެވެ.

"ގިލަން" ގެ ޓްރެއިލާއެއް.

އެހެން ނަމަވެސް ބައެއް ސަބަބުތަކާ ހެދި އެކަން ކާމިޔާބު ނުވެ، ފިލްމް ސްކްރީނަށް ނައިސް ދިގުލައިގެން ގޮސްފައި އޮތީ އެވެ.

މުހައްމަދު ގާސިމް ލިޔެފައިވާ ވާހަކަ "ގިލަން" އަށް ބިނާކޮށް ހަދާފައިވާ ފިލްމުގެ ތަރިންނަކީ ޔޫއްޕެ، މަރިޔަމް ނޫރާ، އަލީ އާޒިމް (ދޮން އައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، ޝަކީލާ، އަހުމަދު ސައީދު އަދި މުހައްމަދު ރަޝީދު (ދަރާ) އެވެ.

އިންދިރާސް

މިއީ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ދެކެދެކެ ވެސް ޕްރޮޑަކްޝަނުން 2011 ގައި މަސައްކަތް ފެށި ފިލްމެކެވެ. މަހުދީގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ ޑައިރެކްޓަރަކީ ރަވީ އެވެ. އަބްދުﷲ މުއާޒް (މުއާ) ލީޑް ރޯލް ކުޅޭ، މި ފިލްމުގެ ތީމް ލަވަ ވެސް ލޯންޗްކޮށް، މަސައްކަތް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ، މަސައްކަތް ހުއްޓި، ފިލްމް އޮތީ ވަށްގަނޑަށް ލައިފަ އެވެ.

"އިންދިރާސް" އާ ބެހޭ ގޮތުން މުހައްމާ ބުނެފައި ވަނީ އެ ފިލްމަކީ ބެލުންތެރިންނަށް ކޮންމެހެން ވެސް ކިޔައި ދޭން ޖެހޭ ވާހަކައެއް ކަމަށެވެ.

މިއީ ސިނަމާ އަށް ނުނެގެވި ދިގުލައިގެން ގޮސްފައިވާ އުންމީދީ ބައެއް ފިލްމުތަކެވެ. މި ފިލްމްތައް އަންނަ އަހަރު ސިނަމާ އަށް ގެނެވިއްޖެ ނަމަ، އަންނަ އަހަރަކީ ވަރަށް ތިޔާގި އަހަރަކަށް ވާނެ އެވެ.

އަންނަ އަހަރު ރިލީޒް ކުރާނެކަން މިހާރު ޔަގީންވާ ފިލްމުތަކުގެ ތެރޭގައި ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ"، ޑާކް ރެއިން އެންޓަޓައިންމަންޓްގެ "މީ ލޯތްބަކީ" އަދި ކްރިސްޓަލް އެންޓަޓައިންމަންޓްގެ "ބީ" ހިމެނެ އެވެ.

"ވިޝްކާ" އަކީ ކުރިން މި އަހަރުގެ އޮގަސްޓްގައި ރިލީޒް ކުރަން ނިންމި ފިލްމެކެވެ.

މީގެ އިތުރުން އަމްޖޭގެ "ދޭތީ އަނިޔާ"، މުހައްމަދު އަބޫބަކުރު (މާއެބޫ) ގެ "ނޭދެން ވަކިވާކަށް" ފާހަގަކޮށްލެވެ އެވެ.

2 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 7%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުވަދީވް ރަދުން

27 November 2016

ދިވެހިން ފިލްމުކުޅޭ ކަމެށް ނުދެނަހުރިން

The name is already taken The name is available. Register?

ބ ބ

27 November 2016

ތި ފިލްމު ތަކަށްވުރެން ސީޔާސީ ވެރިންކުޅޭ ފިލްމް ތަކެއް މަދެއް ނޫނޭނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454