ފައިނަލުގައި ކްލަބް ޓީނޭޖުގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ބުރު ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދައިފި އެވެ.
މިދިޔަ އަހަރު ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން ދެވަނަ ޑިވިޝަނަށް ޕްރަމޯޓްވި ބުރުން، ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅު ވެގެންނެވެ. ތިންވަނަ ޑިވިޝަންގެ ތަށި ވެސް އެ ޓީމުން ހޯދީ ހުރިހާ މެޗަކުން މޮޅު ވެގެންނެވެ.
މިފަހަރުގެ ދެވަނަ ޑިވިޝަންގެ ގަވާއިދުގައި ވާ ގޮތުން މުބާރާތް ކާމިޔާބު ކުރި ނަމަވެސް، އެެއްވަނަ ޑިވިޝަނުން ސީދާ ޖާގައެއް ނުލިބެ އެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމަށް ވެސް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދަން ކުރަން ޖެހޭ މަސައްކަތް ބުރަ އެވެ. ބުރު އަދި ޓީނޭޖަށް ޖެހޭނީ، މި މަހު ނިމިގެން ދިޔަ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދިޔަ ދެ ޓީމު ކަމަށްވާ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށް ލީގު އުސޫލުން ކުޅޭ ރެލިގޭޝަން ބުރުގައި ކުޅޭށެވެ.
އެ ބުރުން އެންމެ ގަދަ ދެ ޓީމަކަށް އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ. ބުރު ފައިނަލަށް ދަތުރު ކުރީ ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ސެމީ ފައިނަލުގައި ކުރި ހޯދައިގެންނެވެ. ސެމީގައި ޓީނޭޖާ ދެކޮޅަށް ނުކުތީ ކުޑަ ހެންވޭރު ޔުނައިޓެޑެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބުރުން ފުރަތަމަ ލަނޑު ޖެހީ ސުވާލު އުފެދުނު ގޮތަކަށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގައި މޮޅަށް ކުޅުނު މުހައްމަދު ތަޝްމީން (ތައްތި) އަށް، ޓީނޭޖުގެ ވިދާދު އަލީ (ދާދު) އޭރިއާގެ ރޮނގު މަތިން ފައުލު ކުރުމުން ތަޝްމީން އޭރިއާ ތެރެއަށް ވެއްޓުނެވެ. ވީޑިއޯ ރިޕްލައިން ވެސް ފެންނަ ގޮތުގައި ފައުލު ކުރި އިރު ތަޝްމީން އޭރިއާ ތެރެއަށް ނުވަދެ އެވެ. އެކަމަކު މެޗުގެ ރެފްރީ ދެއްކީ ޕެނަލްޓީ އެއް ކަމަށެވެ.
މެޗުގެ 29 ވަނަ މިނެޓްގައި ލިބުނު އެ ޕެނަލްޓީން ބުރަށް ލީޑް ނަގައިދިނީ އުޒްބެކިސްތާންގެ މިޑްފީލްޑާ މިރްޖަލޯލް ކަސިމޯވް އެވެ. ބުރުގެ ދެވަނަ ލަނޑު ތަޝްމީން ޖެހީ 42 ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖެހުމުގައި ތަޝްމީން ވަނީ އޭނާގެ ސްޕީޑާއި އިންޑަވިޖުއްލަ ހުނަރު ވަރަށް ރަނގަޅަށް ބޭނުން ކޮށްފަ އެވެ.
އަމިއްލަ ހާފުގެ ތެރެއިން މިރްޖަލޯލް، ޓީނޭޖުގެ ހާފުގެ ތެރެއަށް ދިން ބޯޅަ އަށް ތަޝްމީން އެރީބާރު ސްޕީޑްގައި ދުވެފައި ގޮހެވެ. ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ ތަޝްމީން ވަނީ ޓީނޭޖުގެ ބިދޭސީ ޑިފެންޑަރު ތިން ފަހަރަށް ކަޓުވާލުމަށް ފަހު ގޯލްގެ މެދުތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.
ދެވަނަ ހާފުގެ ކުރީ ކޮޅު ތަޝްމީން ވަނީ ބުރަށް އިތުރު ލަނޑެެއް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. ޓީނޭޖުގެ ހާފުގެ ތެރެއިން ބޯޅަ ހޯދައި އޭރިއާގެ އަރިމަތިން އަރައި ތަޝްމީން ވަނީ އޭރިއާގެ ތެރެއަށް ބޯޅަ ނަގައިދީފަ އެވެ. އެ ބޯޅަ ގޯލަށް ފޮނުވާލީ މިރްޖަލޯލް އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓީނޭޖުގެ މިސްރުގެ ކީޕަރު މުހައްމަދު ހަސަން އަބްދުލް ހާމިދު އަތުގައި ޖެހިފަ އެވެ.
ބުރުގެ ހަތަރު ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މިފަހަރު ވެސް ގޯލް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ތަޝްމީން އެވެ. އޭރިއާގެ އަރިމަތިން އަރައި ތަޝްމީން ގޯލް ކުރިމައްޗަށް ހުރަސް ކޮށް ދިނުމުން ފުޓްސަލް ތަރި ޝާފިއު ވަނީ އޭނާގެ ފުރަތަމަ ބޯޅައިން ލަނޑު ޖަހައިފަ އެވެ.
މުބާރާތުގައި މޮޅަށް ކުޅުނު ބުރުގެ ކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ ރަނގަޅު ޓްރެކެއް ދަމައްހައްޓައިފަ އެވެ. މުޅި މުބާރާތުގައި މެޗުގެ ވަގުތުގެ ތެރެއިން އޭނާ ބެލެހެއްޓި ގޯލަށް ވަނީ ތިން ލަނޑެވެ. އެއީ ގުރޫޕް ސްޓޭޖުގައި ކުޑަ ހެންވޭރު ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ވަން ދެ ލަނޑާއި ސެމީ ފައިނަލުގައި ނިއު އާ ދެކޮޅަށް ކުޅުނު މެޗުގައި ވަތް ލަނޑެވެ. ނިއު އާ ދެކޮޅަށް 1-1 އެއްވަރުވުމުން ބުރުން ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ޖަޒްލާން ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ޕެނަލްޓީ ވެސް މަތަ ކޮށްފަ އެވެ.