ސޯޗީ (ޖުލައި 8) - މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި ވެސް ނަތީޖާ ހަމަހަމަވުމުން ޕެނަލްޓީ ޖަހައިގެން ރަޝިޔާ ބަލިކޮށް ވޯލްޑް ކަޕް ސެމީ ފައިނަލުން ރޭ ޖާގަ ހޯދި ކްރޮއޭޝިއާގެ ޓީމަށް ހިތްވަރު ދިނުމުގައި އެ ގައުމުގެ ރައީސާ ކޮލިންޑާ ބްރަބާ-ކިޓަރޮވިޗުގެ ފަރާތުން ފެނިގެން ދަނީ އާދަޔާޚިލާފު ފޯރިއެކެވެ.
ދެ ވަނަ ބުރުގައި ޑެންމާކާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗު ބައްލަވާލެއްވުމަށް މި މަހު 1 ވަނަ ދުވަހު އެކަމަނާ ރަޝިޔާ އަށް ވަޑައިގެންނެވީ ސަޕޯޓަރުންނާ އެކު ޝެޑިއުލް ފްލައިޓެއްގައި އިކޮނޮމީ ކްލާހުގަ އެވެ. ނިޒްނީ ނޮވްގޮރޮޑްގައި ކުޅުނު މެޗު ފެށުމުގެ ކުރިން ގަޑިއަށް އެކަމަނާ އަށް ވަޑައިގެންނެވި އެވެ. ފޭން އައިޑީ ނަންގަވައިގެން ދަނޑަށް ވަޑައިގެން ކިޓަރޮވިޗު ބޭނުންފުޅުވީ ސްޓޭޑިއަމްގެ ވީއައިޕީ ބޮކްސްގައި އިންނަވައިގެން ކުޅިބެއްލުމުގެ ބަދަލުގައި ސަޕޯޓަރުންނާ އެކު މެޗު ބެއްލެވުމަށެވެ.
"އަޅުގަނޑަކީ ފުޓުބޯޅައިގެ ވަރަށް ބޮޑު ސަޕޯޓަރެއް. ކްރޮއޭޝިއާ ޓީމަށް ތަރުހީބު ދޭން އަޅުގަނޑު ބޭނުންވީ ސަޕޯޓަރުންނާ އެކު،" ރަޝިޔާގެ ވެބްސައިޓަކަށް ކިޓަރޮވިޗު ވިދާޅުވި އެވެ.
ޑެންމާކް މެޗަށް ފަހު ކިޓަރޮވިޗު ވަނީ ޗޭންޖިން ރޫމަށް ވަޑައިގެން ހުރިހާ ކުޅުންތެރިންނާ ބައްދަލު ކުރައްވާ މަރުހަބާ ވިދާޅުވެފަ އެވެ.
ސޯޗީގައި ރަޝިޔާއާ ދެކޮޅަށް ކްރޮއޭޝިއާ ރޭ ކުޅުނު މެޗު ބައްލަވާލެއްވުމަށް ކިޓަރޮވިޗު ރަޝިޔާ އަށް ވަޑައިގެންނެވީ ޗާޓަރު ފްލައިޓެއްގަ އެވެ. އެކަމަނާ ވަޑައިގެންނެވީ ކްރޮއޭޝިއާ ޓީމުގެ ސަޕޯޓަރުންގެ ގްރޫޕަކާ އެކު އެވެ. ސްޓޭޑިއަމަށް ވަޑައިގެންނެވި އިރު ވެސް ސަޕޯޓަރުންނާ އެކު ސެލްފީ ނަންގަވައި ހެއްދެވި އެވެ. ފީފާގެ ރައީސްއާ އެކު މެޗު ބައްލަވަން އިންނެވި އިރު ކިޓަރޮވިޗު ވަނީ ޓީމަށް ވަރަށް ސަޕޯޓް ދެއްވައިފަ އެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީން ކްރޮއޭޝިއާ މޮޅުވެ ރޭ ސެމީ ފައިނަލަށް ދިއުމާ އެކު ޗޭންޖިން ރޫމަށް ވަޑައިގެން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލު ކުރެއްވި އެވެ.
ސެމީ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ކްރޮއޭޝިއާ ކުޅޭ މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ.
އުމުރުން 50 އަހަރުގެ ކިޓަރޮވިޗް ކްރޮއޭޝިއާގެ ވެރިކަމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ. އެކަމަނާ އަކީ އެ ގައުމުގެ ފުރަތަމަ އަންހެން ރައީސާ އެވެ.