ލަންޑަން (ޖޫން 19) - އަވަޓެރި ސްކޮޓްލެންޑް އަތުން މޮޅު ނުވެވުމުން، ދެވަނަ ބުރަށް ދިއުމަށް އިންގްލެންޑް ކުރަން ޖެހޭ އިންތިޒާރު ދިގު ވެއްޖެ އެވެ.

މެޗު އެއް ވަރުވީ ލަނޑެއް ނުޖެހި އެވެ. އިންގްލެންޑްގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން މޮޅުވެފައި ވުމުން، މިރޭގެ މެޗުން މޮޅުވެ އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރެވެން އޮތެވެ. އެކަން މިރޭ ހާސިލު ނުވުމުން އެ ޓީމުން މަޑު ކުރަން ޖެހުނީ ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗަށެވެ. ސްކޮޓްލެންޑް ކުރިން ކުޅުނު މެޗުގައި ޗެކް ރިޕަބލިކް އަތުން ބަލިވެފައި ވުމުން، މިރޭގެ މެޗުން އެއްވަރު ވުމަކީ އެ ޓީމަށް ލިބުނު ހިތްހަމަޖެހުމަކަށް ވެދާނެ އެވެ.

ކުޅުންތެރިންގެ ޕްރޮފައިލަަށް ބަލާއިރު، މެޗުގެ ފޭވަރިޓެއްގެ ގޮތުގައި ފާހަގަ ކުރެވިފައި އޮތީ އިންގްލެންޑެވެ. އެކަމަކު އެކަން ދަނޑުމަތީގައި ފެނިގެން ނުދިޔަ އެވެ. ޓީމުގެ އެންމެ އިސް ދެ ފޯވަޑުން ކަމަށްވާ، ކެޕްޓަން ހެރީ ކޭން އާއި ރަހީމް ސްޓާލިންއަށް ސްކޮޓްލެންޑްގެ ގޯލް ނުހުޅުވުނެވެ.

މެޗުގައި ލަނޑު ޖަހާނެ ތަނަވަސް ފުރުސަތުތަކުގައި އިންގްލެންޑަށް ވުރެ ސްކޮޓްލެންޑްގެ ނުރައްކާ ފެނުނީ ބޮޑުކޮށެވެ. އެ ޓީމުގެ ޗޭ އެޑަމްސްއަށް ދެ ވަނަ ހާފުގައި ލަނޑު ޖަހާނެ ދެ ފުރުސަތު ލިބުނެވެ. މުޅި މެޗުގައިވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ސްކޮޓްލެންޑްގެ ލިންޑޮން ޑައިކްއަށެވެ. ސްކޮޓްލެންޑުން ނެގި ކޯނަރެއްގައި ޑައިކް ފޮނުވާލި ބޯޅަ ގޯލަށް ވަދަވަދެ އޮއްވައި އިންގްލެންޑްގެ ރީސް ޖޭމްސް ވަނީ ބޮލުން ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން، ރަހީމް ސްޓާލިންގެ ކިބައިން ހިތްހަމަނުޖެހުމުގެ އަސަރު ވަރަށް ބޮޑަށް ފެނުނެވެ. ދެ ވަނަ ހާފުގެ ފަހު 10 މިނެޓް ތެރޭގައި ސްކޮޓްލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސްޓަލިން އަތުން ބޯޅަ ހޯދަން ސްކޮޓްލެންޑްގެ ކުޅުންތެރިން މަސައްކަތް ކުރުމުގެ ތެރޭގައި، ސްޓާލިން ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓުނެވެ. އޭނާ ޕެނަލްޓީއަކަށް ޑިމާންޑް ކުރި ނަމަވެސް، ރެފްރީ ޕެނަލްޓީ ނުދިނުމުން ސްޓާލިންގެ ހިތްހަމަނުޖެހުންތައް ވަރަށް ބޮޑަށް ފެނުނެވެ.