ޕީޓަސްބާގް (ޖުލައި 2) - ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑްގެ މައްޗަށް ކާމިޔާބު ހޯދައި، ޔޫރޯގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރު ކޮށްފި އެވެ.

ދެވަނަ ބުރުގެ މެޗުގައި ޕެނަލްޓީގައި ފްރާންސްގެ މައްޗަށް ގަދަވެގަތް ނަމަވެސް ސްޕެއިންއާ ޖެހި ސްވިޒަލެންޑަށް ގަދައެއް ނުދެއްކުނެވެ. މެޗު 1-1 އިން އެއްވަރުވެ އެކްސްޓްރާ ޓައިމްގައި ވެސް ލަނޑެއް ނުޖެހުނެވެ. ޕެނލްޓީގައި ސްޕެއިން ކާމިޔާބު ހޯދީ 3-1 އިންނެވެ.

ސެމީ ފައިނަލްގައި ސްޕެއިން ނުކުންނާނީ، އިޓަލީ އާއި ބެލްޖިއަމްގެ ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މެޗުގެ އަށް ވަނަ މިނެޓުގައި ސްޕެއިން އިން ލީޑް ނެގި އެވެ. އެ ޓީމުން ނެގި ކޯނަރު އޭރިއާގެ ބޭރަށް ނުކުތުމުން، ޖޯޑީ އަލްބާ ފޮނުވާލި ބޯޅަ، ސްވިޒަލެންޑުގެ ޑެނިސް ޒަކަރިއާ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ބޯޅަ ވަނީ ސްވިސް ޓީމުގެ ގޯލަށެވެ. އެ ގޯލް ހިމަނާފައި ވަނީ ޒަކަރިއާ އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގަ އެވެ.

ފުރަތަމަ ހާފުގައި، ސްޕެއިންގެ ގޯލާ އަމާޒުކޮށް އެންމެ ބޯޅައެއް ވެސް ސްވިޒަލެންޑް ޓީމަށް ފޮނުވައި ނުލެވުނެވެ. ނަމަވެސް ދެ ވަނަ ހާފުގައި އެ ޓީމުން ފެނުނީ ތަފާތު ކޮށެވެ. އެ ޓީމުން ނެގި ކޯނަރެއްގައި ޒަކަރިއާ ބޮލުން ފޮނުވާލި ބޯޅަ ނުރައްކާ ކޮށްދިޔަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ސްވިޒަލެންޑާ ސްޕެއިން ކުޅުނުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
ސްވިޒަލެންޑާ ސްޕެއިން ކުޅުނުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ

ސްވިޒަލެންޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ރެމޯ ފްރެއުލާ ތަނަވަސްކޮށްދިން ފުރުސަތުން ޖެހީ ކެޕްޓަން ޒެރްދާން ޝަކީރީ އެވެ. ނަތީޖާ ހަމަހަމަ ކުރިތާ 10 ވަރަކަށް މިނެޓް ފަހުން ސްވިޒަލެންޑުން މެޗުގެ ބާކީ ބައި ކުރިއަށް ގެންދަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ.

މެޗުގެ 77 ވަނަ މިނެޓްގައި ސްޕެއިންގެ ޖެރާޑް މޮރޭނޯ އަށް ކުރި ޓެކްލްއަކާ ގުޅިގެން ފްރެއުލާއަށް ސީދާ ރަތް ކާޑެއް ދެއްކައި ދަނޑުން ފޮނުވާލި އެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ސްވިޒަލެންޑް ވިސްނުން ގެންގުޅުނީ ޑިފެންސިވް ގޭމެއް ކުޅެ އިތުރު ވަގުތުގެ ދެ ހާފު ކުޅުމަށެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖޯޑީ އަލްބާ ހުރަސް ކޮށްދިން ބޯޅަ ޖެރާޑް މޮރޭނޯ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ޖޯޑީ އަލްބާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ސްވިސްގެ ކީޕަރު ޔޭން ސޮމާ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ އެވެ. ސްޕެއިންގެ ޑެނިއެލް އޮލްމޯ އަދި މިކެލް އޮޒަބަލް ފޮނުވާލި ނުރައްކާތެރި ބޯޅަތައްވެސް ސޮމާ ދިފާއު ކުރި އެވެ.

ޕެނަލްޓީ ޝޫޓްއައުޓް

ބުސްކެޓްސް ސްޕެއިން އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބެއް ނުވި، ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށް

މާރިއޯ ގެވްރޮނޮވިޗް ސްވިޒަލެންޑްގެ ޕެނަލްޓީ ކާމިޔާބު ކުރި

ޑެނީ އޮލްމޯ ޖެހި ޕެނަލްޓީ ކާމިޔާބު ކުރި

ސްވިޒަލެންޑްގެ ފަބިއަން ޝާ ޖެހި ޕެނަލްޓީ ސްޕެއިންގެ ކީޕރު އުނައި އެމެރީ ދިފާއު ކުރި

ސްޕެއިން ރޮޑްރީ ޖެހި ޕެނަލްޓީ ޔޭން ސޮމާ ދިފާއު ކުރި

ސްވިޒަލެންޑްގެ އަކަންޖީ ޖެި ޕެނލްޓީ ސްޕެއިންގެ ކީޕަރު ސިމޯން ދިފާއު ކުރި

ސްޕެއިންގެ މޮރޭނޯ ޖެހި ޕެނަލްޓީ ކާމިޔާބު ކުރި

ސްވިޒަލެންޑްގެ ވާގަސް ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވި، ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް

ސްޕެއިންގެ އޮޔާޒަބަލް ޖެހި ޕެނަލްޓީ ކާމިޔާބު ކުރި