އިންޑިއާ އަކީ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފަ އެވެ. ސާފް ޗެމްޕިއަންޝިޕަކީ އިންޑިއާ އިން މިހާރު އެހާ އިސްކަންދޭ މުބާރާތެއް ނޫނެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމުން ބައިވެރި ކުރުވީ 23 އަހަރުން ދަށުގެ ޓީމެވެ. ދެކުނު އޭޝިއާ އިން ބޭރަށް ނުކުމެވެން އޮތް ކޮންމެ ފުރުސަތެއްގައި އިންޑިއާ އިން އެ ފުރުސަތު ބޭނުން ކުރެ އެވެ. ކުރިއަށް އޮތް ސެންޓްރަލް އޭޝިއާގެ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އިންޑިއާ އަށް ވަނީ ލިބިފަ އެވެ. ފުޓްބޯޅައިގައި މިހާރު އިންޑިއާ އޮތީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު މަތީގަ އެވެ. އެ ގައުމުގެ ޑޮމެސްޓިކް ދެ ލީގާއި ކްލަބުތައް ވެސް ސަރަހައްދުގެ އެހެން ގައުމުތަކުގެ ލީގުތަކާއި ކްލަބުތަކަށް ވުރެ ވަރުގަދަ އެވެ.

ކޯޗު

ސާފް ޗެމްޕިއަންޝިޕްގައި ފެންނާނެ އެންމެ ތަޖުރިބާކާރު ކޯޗަކީ އީގޯ ސްޓިމަކް އެވެ. ކޯޗެއްގެ ގޮތުގައި ސްޓިމަކްގެ އެންމެ ބޮޑު ކާމިޔާބަކީ 2014 ގެ ވޯލްޑް ކަޕަށް އޭނާގެ އަމިއްލަ ގައުމު ކްރޮއޭޝިއާ ކޮލިފައިކޮށް ދިނުމެވެ. އެކަމަކު އެ މުބާރާތުގައި ގައުމީ ޓީމަށް ކޯޗު ކޮށްދޭނެ ފުރުސަތެއް ކްރޮއޭޝިއާގެ އެފްއޭ އަކުން އޭނާ އަށް ނުުދެ އެވެ.

ކްރޮއޭޝިއާގެ ކެޕްޓަން ލުކަ މޮޑްރިޗް އާއި އެ ޓީމުގެ ކުރީގެ ކޯޗް ޝްޓިމަކް
ކްރޮއޭޝިއާގެ ކެޕްޓަން ލުކަ މޮޑްރިޗް އާއި އެ ޓީމުގެ ކުރީގެ ކޯޗް ޝްޓިމަކް

ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަކީ، ކްރޮއޭޝިއާގެ އެންމެ ފުރަތަމަ ވޯލްޑް ކަޕެވެ. އެ ފަހަރު މުބާރުގެ ސެމީ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކުރި އެވެ. އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހިމެނެ އެވެ. ގައުމީ ޓީމުގެ ކޯޗުކަމަށް ފަހު އޭނާ ވަނީ އޭޝިއާގެ ބައެއް ކްލަބުތަކުގައި މަސައްކަތް ކޮށްފަ އެވެ.

އިންޑިއާގެ ގައުމީ ޓީމުގެ ކޯޗަކަށް ސްޓިމަކް ހަމަޖެއްސީ 2019 ގަ އެވެ. ސްޓިމަކް ބައެއް ނަތީޖާތަކުގެ ސަބަބުން އޭނާ އަށް ބޮޑު ޕްރެޝަރެއް ކުރިމަތިވި އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ދެކުނު އޭޝިއާގެ މުބާރާތަކާ އޭނާ ކުރިމަތިލާ ފުރަތަމަ މުބާރާތެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް އިންޑިއާ ކުޅޭ މެޗު ޝެޑިއުލް

- އޮކްޓޯބަރު 4 (ހަވީރު): ބަންގަލަދޭޝް - އިންޑިއާ

- އޮކްޓޯބަރު 7 (ހަވީރު): އިންޑިއާ - ސްރީ ލަންކާ

- އޮކްޓޯބަރު 10 (ރޭގަނޑު): ނޭޕާލް - އިންޑިއާ

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ދިވެހި ރާއްޖެ

މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ 16 ވަނަ ދުވަހުގެ ރޭ ގަ އެވެ.