ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

ޓީމް ޕްރޮފައިލް: ނޭޕާލް

ނޭޕާލް ޓީމު ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ އައިސް ކުރިޔަށް ގެންދިޔަ ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން. --

ފަސް ޓީމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ނޭޕާލަކީ ސަރަހައްދީ މި މުބާރާތް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި ގައުމެވެ. އެ ގައުމުން ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބަކީ އެންމެ ފުރަތަމަ 1993 ވަނަ އަހަރު ބޭއްވި މުބާރާތުގެ ތިންވަނަ ހޯދުމެވެ.

މިމުބާރާތުގައި ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ނެތް ނަމަވެސް 1970 ވަނަ އަހަރު ފީފާގެ މެމްބަރުކަން ހޯދި ނޭޕާލަކީ އޭރު ދެކުނު އޭޝިއާ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ކުރިން އެ ގައުމުން އައީ ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުގައި ކޮންމެ ފަހަރަކު ވެސް މެޑަލް ކާމިޔާބު ކުރަމުންނެވެ.

ނޭޕާލުގައި ފުޓުބޯޅައިގެ ފޯރި ހިއްޕާލާފައި އޮތް ދުވަސްވަރު އެ ގައުމުގެ ފުޓުބޯޅައަށް އެންމެ ބޮޑު އަސަރެއް ކުރީ 1988 ވަނަ އަހަރު އެ ގައުމުގެ ދަޝްރަތް ސްޓޭޑިއަމްގައި ފުޓުބޯޅަ މެޗެއް ކުޅެމުންދަނިކޮށް ކުރިމަތިވި ސްނޯގެ ތޫފާނަކުންނެވެ. މި ހާދިސާގައި ދަނޑުގައި ކުޅިބަލަން ތިބި 30،000 އެއްހާ ސަޕޯޓަރުންގެ ތެރެއިން 93 މީހަކު މަރުވެ އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. ދަޝްރަތް ސްޓޭޑިއަމަކީ ނޭޕާލުގައި ހުންނަ ހަމައެކަނި ބައިނަލްއަގުވާމީ ފުޓުބޯޅަ ދަނޑެވެ.

މި ހާދިސާ ހިނގިތާ 27 އަހަރު ފަހުން 2015 ވަނަ އަހަރު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއްގައި މުޅި ސްޓޭޑިއަމް އެއްކޮށް ބިމާ ހަމަވިއެވެ. ދަނޑެއް ނެތަސް ނޭޕާލުން ހިތްވަރު އެލުވައެއް ނުލަ އެވެ. ޖެހިގެން އައި އަހަރު ބަންގްލަދޭޝްގައި ބޭއްވި ބަންގަބަންދު ގޯލްޑް ކަޕް އެ ގައުމުން ކާމިޔާބުކުރީ ސެމީ ފައިނަލުގައި 4-1 އިން ރާއްޖެ ކަޓުވާލައި، ފައިނަލް މެޗު ކާމިޔާބު ކޮށްގެންނެވެ. އަދި އެ އަހަރު އޭއެފްސީން ބާއްވަން ފެށި އޭއެފްސީ ސޮލިޑާރިޓީ ކަޕް ނޭޕާލުން ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

ބިންހެލުމުގެ ހާދިސާއާ ގުޅިގެން މަރާމާތުތަކަށް ފަހު ދަޝްރަތް ސްޓޭޑިއަމް ހުޅުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ގައުމުގައި އޮތް 13 ވަނަ ސައުތް އޭޝިއަން ގޭމްސް އަށެވެ. ގޭމްސްގެ ފުޓުބޯޅަ އިވެންޓުން ރަން މެޑަލް އެޓިމު ހޯދިއިރު މިއީ 1984 ވަނަ އަހަރުގެ ސައުތް އޭޝިއަން ގޭމްސް އަށް ފަހު ދަޝްރަތް ސްޓޭޑިއަމްގައި ހޯދި ފުރަތަމަ ކާމިޔާބީ އެވެ.

މި އަހަރު އޮތް ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވާން އެ ގައުމުން ވަނީ މި އަހަރު ކުރީކޮޅު ތިން ގައުމު ވާދަކުރާ ތުރީ ނޭޝަންސް ކަޕެއް ވެސް އެގައުމުގައި ބާއްވައިފަ އެވެ. އެ މުބާރާތް ވެސް ކާމިޔާބުކުރީ ނޭޕާލެވެ.

ކޯޗު

ނޭޕާލުގެ ކޯޗަކީ ކުވެއިތުގެ އަބްދުﷲ އަލްމުންތާރީ އެވެ. އަލްމުންތާރީ އަކީ މި އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގެ ކުރިން، ގަތަރު ފުޓުބޯޅަ އެސޯސިއޭޝަންގެ އެހީގައި ހަމަޖެއްސި ކޯޗެކެވެ. މަގާމާ ހަަވާލުވުމުގެ ކުރިން އޭނާ ވަނީ ކުވޭތާއި ސައުދީ އަރަބިއާގެ ކްލަބްތަކުގެ އިތުރުން ކިރްގިސްތާނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ.

ނޭޕާލް ގައުމީ ޓީމުގެ ކޯޗު އަބްދުﷲ އަލްމުންތާރީ. --

ވޯލްޑް ކަޕް ކޮލިފައިންގައި އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގައި ޓީމާއެކު މަސައްކަތްކޮށް ނޭޕާލް ގޮވައިގެން ނުކުމެ އޭޝިއާގެ ނިސްބަތުން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ވާދައެއް ކޮށްފަ އެވެ. އޮސްޓްރޭލިއާ އާއި ޖޯޑަންއާ ވާދަކޮށް 3-0 އިން ބަލިވި ނަމަވެސް އެ ގައުމުން ވަނީ ޗައިނީސް ތައިޕޭއާ ވާދަކުރި މެޗު ކާމިޔާބު ކޮށްފަ އެވެ. އަދި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އެ ގައުމުން އިންޑިއާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ދެމެޗް ކުޅެފަ އެވެ. ފުރަތަމަ މެޗުން 1-1 އިން އެއްވަރުކުރިއިރު ދެވަނަ މެޗު ވެސް އެއްވަރުވާން ދަނިކޮށް ބަލިވީ އެންމެ ފަހުވަގުތު ވަން ލަނޑަކުންނެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ގައި ނޭޕާލްގެ މެޗު ޝެޑިއުލް

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ދިވެހި ރާއްޖެ

- އޮކްޓޯބަރު 4 (ރޭގަނޑު): ސްރީ ލަންކާ - ނޭޕާލް

- އޮކްޓޯބަރު 10 (ރޭގަނޑު): ނޭޕާލް - އިންޑިއާ

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454