ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އަންނަ މަހު 7-9 އަށް ބާއްވަން ނިންމައިފި އެވެ.

މިއަހަރުގެ އެގްޒިބިޝަން ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި މިހާރު ހަދައި ނިންމައި ހުޅުވަން ތައްޔާރުވަމުން އަންނަ މެންހެޓަން ގްރޭންޑް ހޮޓެލްގަ އެވެ.

އިވެންޓް އިންތިޒާމްކުރާ ދިވެހި އެކްސްޕޯއިން ބުނީ އެ ހޮޓެލްގައި މި އެގްޒިބިޝަން ބާއްވާއިރު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

މިއަހަރުގެ އެގްޒިބިޝަންގައި ވެސް ހޮސްޕިޓާލިޓީ ދާއިރާ އާއި ރާއްޖޭގެ ފުޑް އެންޑް ބެވަރެޖުގެ ދާއިރާގެ ގިނަ ކުންފުނިތަކަކާއި، ރިސޯޓުތަކަށް މުދާ ސަޕްލައިކުރާ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެ އެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުގެ ބައެއް ކުންފުނިތަކުން ވެސް ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ 120 އަށް ވުރެ ގިނަ ރިސޯޓާއި 100 އަށް ވުރެ ގިނަ އެގްޒިބިޓަރުން ހިމެނެ އެވެ.

އެފްއެޗްއޭއެމް ފެއާއެއްގައި ބައިވެރިވި އެގްޒިބިޓަރެއް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެފްއެޗްއޭއެމް ފެއާއެއްގައި ބައިވެރިވި އެގްޒިބިޓަރެއް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ތިން ދުވަހަށް ބާއްވާ މި އެގްޒިބިޝަންގައި ފުޑް އެންޑް ބެރެވެޖް ދާއިރާ އާއި ކޮމާޝަލް ކިޗަން އިކުއިޕްމެންޓާއި ހޮސްޕިޓާލިޓީ ޓެކްނޮލޮޖީ އާއި ބޭކަރީ އެންޑް ޕޭސްޓްރީ އާއި ހޮޓެލް އެމިނިޓީޒް އާއި ހައުސިްކީޕީން ސޮލިއުޝަން އާއި ވެލްނަސް އާއި ގުޅޭ، އެންމެ ފަހުގެ އުފެއްދުންތައް ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް ކަމަށް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.

މިއީ، ހޮޓެލް ހިންގާ ފަރާތްތަކާއި ޝެފުންނާއި އެފް އެންޑް ބީ ޕްރޮފެޝަނަލްސް އާއި ސަޕްލަޔަރުންނަށް ވަރަށް ބޮޑަށް ބޭނުން ހިފޭނެ އެގްޒިބިޝަނެކެވެ.

އެފްއެޗްއޭއެމް ފެއާގެ ތެރެއިން ކަލިނަރީ ޗެލެންޖުގައި ބައިވެރިވި ޝެފެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެފްއެޗްއޭއެމް ފެއާގެ ތެރެއިން ކަލިނަރީ ޗެލެންޖުގައި ބައިވެރިވި ޝެފެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓާލިޓީ ދާއިރާގެ އެގްޒިބިޝަން، އެފްއެޗްއޭއެމް ގައި މި އަހަރު ވެސް ގްލޯބަލް ކަލިނަރީ ޗެލެންޖް އޮންނާނެ އެވެ. މިއީ ވޯލްޑްޝެފްސް އެންޑޯޒްކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކަލިނަރީ ޗެލެންޖެވެ.

މިފަހަރުގެ ކަލިނަރީ ޗެލެންޖުގައި ލައިވް ކުކިން އަދި ޕޭސްޓްރީ ކެޓަގަރީތަކުން ވެސް ޗެފުން ބައިވެރިވާނެ އެވެ. އެ އެގްޒިބިޝަނަށް އަންނަ ފަރާތްތަކަށް ބަރިސްތާ ޗެމްޕިއަންޝިޕާއި މޮކޓެއިލް ކޮމްޕެޓިޝަނާއި ހައުސިންކީޕިން އެންޑް ބެޑް ޑެކޮރޭޝަން ޗެލެންޖް ކުރިއަށްދާ އިރު ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

އެފްއެޗްއޭއެމް ފެއާގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެފްއެޗްއޭއެމް ފެއާގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

މިފަަހަރުގެ އެގްޒިބިޝަންގެ ޓައިޓަލް ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލް އެވެ. އަދި ނެސްލޭ އަކީ ގްލޯބަލް ކަލިނަރީ ޗެލެންޖުގެ މެއިން ސްޕޮންސަރެވެ. މީގެ އިތުރުން ސިމްޑީ އަކީ ކޯ ސްޕޮންސާ އެވެ. ޔޫރޯ މާކެޓިން، ބަރިސްތާ އަދި މޮކްޓެއިލް ޗެމްޕިއަންޝިޕްގެ މެއިން ސްޕޮންސާއަށް ހަމަޖެހިފައިވާ އިރު ކޮސްމާކް ޑިޖިޓަލް ޕާޓްނާގެ ގޮތުގައި ބައިވެރިވެ އެވެ. މީގެ އިތުރުން މިފްކޯ އާއި ޑޫނާ އާއި ނެސްކެފޭ އާއި މެގީގެ އިތުރން ލަވާޒާ އަކީ ވެސް މި އެގްޒިބިޝަންގެ ޕާޓްނަރުންނެވެ.

ދިވެހި އެކްސްޕޯއިން ބުނީ، މި އެގްޒިބިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަިދވެސް ފުރުސަތު އެބައޮތް ކަމަށާއި އެކަމަށް އެދޭ ނަމަ، އެފަރާތަށް ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެފްއެޗްއޭއެމް އެންމެ  ފުރަތަމަ ބޭއްވީ 2014 ވަނަ އަހަރު އެވެ. އެއަށްފަހު އެ އެގްޒިބިޝަނަކީ، މިހާރު ރާއްޖޭގައި ބާއްވާ ހޮޕިޓާލިޓީ އަދި ކާބޯތަކެއްޗާ ގުޅޭ ދާއިރާތަކުގެ އެންމެ ބޮޑު އެގްޒިބިޝަނެވެ. މިދިޔަ އަހަރުގެ އެގްޒިބިޝަންގައި ވެސް އެ ދާއިރާގެ 7،000 އަށް ވުރެ ގިނަ ގްލޯބަލް ބްރޭންޑްތައް ޝޯކޭސްކޮށްފައިވެ އެވެ.