މެޑްރިޑް (އޭޕްރިލް 30) – މަސައްކަތް ކުރަނީ ރެއާލް މެޑްރިޑް ނުވަތަ އިޓަލީ ގައުމީ ޓީމުގެ ކޯޗުގެ މަގާމާ ހަމަޔަށް ވާސިލްވުމަށް ކަމަށް އެ ދެ ޓީމުގެ ކުރީގެ ޑިފެންޑަރު ފަބިއޯ ކަނަވާރޯ ބުނެފި އެވެ.

އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކަނަވާރޯ ވަނީ ޔޫއޭއީގެ އަލް އަހްލީގެ އެސިސްޓަންޓް ކޯޗުކަމާއި ސައުދީ އަރަބިއާގެ އަލް ނަސްރު އާއި ޗައިނާގެ ޓިއަންޖިން ގުއަންޖިންގެ ހެޑްކޯޗުކަންކޮށްފަ އެވެ. މި ވަގުތު އޭނާ އަކީ ޗައިނާގެ ގުއަންޒޫ އެވަގްރެނޭޑުގެ ކޯޗެވެ. އަދި އެ ދެމެދުން މިދިޔަ އަހަރު ޗައިނާ ގައުމީ ޓީމަށް ވެސް ބައެއް މެޗުތަކުގައި ކޯޗުކޮށްދިނެވެ.

"ކޯޗަކަށް ވާން ބޭނުމިއްޔާ އެންމެ މައްޗަށް ވިސްނަން ޖެހޭނީ. އެންމެ މަތީގައި އޮތީ ރެއާލް މެޑްރިޑް، އިޓަލީ ގައުމީ ޓީމު ނުވަތަ ޔޫރަޕުގެ ބޮޑު ކްލަބްޔައް އަހަރެން މި މަސައްކަތްކުރަނީ ރެއާލް މެޑްރިޑް ފަދަ ކްލަބެއްގެ ކޯޗުކަން ކުރެވޭނެ ދުވަހެއް އާދޭތޯ،" ކަނަވާރޯ ބުންޏެވެ.

ނަޕޯލީ އާއި ޕާމާ އާއި އިންޓަ މިލާން އަދި ޔުވެންޓަސް އަށް ކުޅުމަށް ފަހު ކަނަވާރޯ 2006 ގައި ރެއާލް މެޑްރިޑާ ގުޅުނީ، ޔުވެންޓަސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުންނެވެ. އެ ކްލަބަށް 118 މެޗު ކުޅެދީ ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުކުރުމަ އެކު ކަނަވާރޯ އަކީ އެ ކްލަބުގެ ލެޖެންޑެއްގެ ގޮތުގައި ބައެއް ސަޕޯޓަރުން ފާހަގަކުރެ އެވެ. އެ ޓީމުން ކޯޗެއް ހޯދަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ކަނަވާރޯގެ ނަން އާދެ އެވެ. އެކަމަކު ޔޫރަޕުގައި ކޯޗިންގެ އެއްވެސް ތަޖުރިބާއެއް ނެތުމަކީ ހުރަހެކެވެ.