ލަންޑަން (ޖޫން 12) – ޗައިނީސް ސުޕަ ލީގުގެ ޖިއަންސޫ ސުނިންގެ ކޯޗަކަށް އިޓަލީގެ މަޝްހޫރު ކޯޗު ފަބިއޯ ކަޕެއްލޯ ހަމަޖައްސައިފި އެވެ.
ޗައިނާގެ ކްލަބްތަކުން ބޮޑު ހޭދަތަކެއް ކުރަމުން އަންނައިރު ޖިއަންސޫ ސުނިން ވަނީ މަޝްހޫރު ކުޅުންތެރިން ވެސް ގެނެސްފަ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ދެ ކުޅުންތެރިން ކަމަށްވާ ރަމިރޭސާއި އެލެކް ޓަކްސޭރާ ހިމެނެ އެވެ.
އުމުރުން 70 އަހަރުގެ ކަޕެއްލޯ އަށް ދޮޅު އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން 10 މިލިއަން ޔޫރޯގެ މުސާރައެއް އެ ކްލަބުން ދޭނެ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން އޭނާގެ އެސިސްޓަންޓުންނަށް މަސައްކަތްކުރާނީ އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޖިއަންލޫކާ ޒަމްބްރޯޓާ އާއި ކްރިސްޓިއަން ބްރޮޗީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ކަޕެއްލޯގެ އިތުރުން ވެސް ދުނިޔޭގެ މަޝްހޫރު ކޯޗުން އަންނަނީ ޗައިނާ ލީގުގައި މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ބްރެޒިލަށް 2002 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލުއިސް ފެލިއްޕޭ ސްކޮލާރީ އާއި ޗެލްސީގެ ކުރީގެ ކޯޗު އަންދްރޭ ވިޔަސް-ބޮއަސް އާއި ގުސް ޕޮޔެޓް އަދި ފެލިކްސް މަގާތު ހިމެނެ އެވެ. މީގެ އިތުރުން އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީ އަކީ ޗައިނާ ގައުމީ ޓީމުގެ ކޯޗެވެ.
ކަޕެއްލޯ ވަނީ އޭސީ މިލާނާއި ރެއާލް މެޑްރިޑަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. މީގެ އިތުރުން ރޯމާ އާއި ޔުވެންޓަސް އަދި އިންގްލެންޑާއި ރަޝިއާ ގައުމީ ޓީމަށް ވެސް އިރުޝާދުދިނެވެ.