ރޯމް (ޑިސެމްބަރު 26) – ޔުވެންޓަސް އަށް ސޮއިކުރުމަށް ފަހު ޝޫޓިން ހުނަރުތައް ރަނގަޅުކުރުމަށް ޒަލަޓާން އިބްރަހިމޮވިޗަށް ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނު ކަމަށް އެ ޓީމުގެ އޭރުގެ ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

އަޔަކްސް އިން 2004 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި އިބްރަހިމޮވިޗް ވަނީ އޭގެ ފަހުން އިންޓަ، ބާސެލޯނާ، އޭސީ މިލާން އަދި ޕީއެސްޖީ އަށް ކުޅެ ތަފާތު ދައްކައިފަ އެވެ. އަދި އުމުރުން 36 އަހަރުގައި ވެސް މެންޗެސްޓާ ޔުނައިޓެޑުގައި ވެސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު އެއް ސެންޓަ ފޯވާޑެވެ.

"އިބްރަހިމޮވިޗް ޔުވެންޓަސް އަށް އައިއިރު އޭނާ ޝޫޓްކުރުމުގައި އެހާ ރަނގަޅެއް ނޫން. (އޭޖެންޓް) މިނޯ ރައިއޯލާ އަހަރެން ގާތު ބުނި ޒަލަޓާން ވަރަށް ވަރުގަދަޔޭ. އޭނާ ކީޕަރުންގެ އަތް މުުގުރާލާނެޔޭ. އަހަރެން ބުނިން އޭނާ ގާތު. މިހާތަނަށް އިބްރަހިމޮވިޗް މުގުރާލީ ޖިމުގެ ކުޑަދޮރެކޭ،" ކަޕެއްލޯ ބުންޏެވެ.

ކަޕެއްލޯ ބުނީ އޭގެ ފަހުން އިބްރަހިމޮވިޗް ކޮންމެ ދުވަހަކު ވެސް ބޯޅައިގައި ޖަހަން ފަރިތަކުރި ކަމަށާއި އަދި ފަހުން ވަރަށް ބޮޑަށް އެކަން ރަނގަޅުކުރި ކަމަށެވެ.

"އަހަރެން އިބްރަހިމޮވިޗަށް ޓާގެޓްކޮށްފިން އަހަރެން ރޯމާ އަށް ކޯޗުކޮށްދިންއިރު. (ހަގީގަތުގައި) ޔުވެންޓަސް އިން ކުރީ ވަރަށް ރަނގަޅު ވިޔަފާރިއެއް. އެ މީހުން އޭނާ ގަތީ 16 މިލިއަން ޔޫރޯ އަށް ހަތަރު ފަހަރެއްގެ މަތިން ފައިސާ ދައްކާ ގޮތަށް،" ކަޕެއްލޯ ބުންޏެވެ.

މިލާން، ރޯމާ، ޔުވެންޓަސް އަދި ރެއާލް މެޑްރިޑުގައި ދުނިޔޭގެ މަޝްހޫރު އެތައް ކުޅުންތެރިންނަށް ކޯޗުކޮށްދީފައިވާ ކަޕެއްލޯ ބުނީ އޭނާ ކޯޗުކޮށްދިން އެންމެ މޮޅު ކުޅުންތެރިޔަކީ ބްރެޒިލްގެ ރޮނާލްޑޯ ކަމަށެވެ.

"ނަސީބު ދެރަކަމުން އަހަންނަށް އޭނާ ފެނުނީ އޭނާގެ ކެރިއަރުގެ ފަހުކޮޅު، އޭނާގެ ބަރުދަނުގައި 96 ކިލޯހުރިއިރު،" ކަޕެއްލޯ ބުންޏެވެ.