މި މީހާގެ ވާހަކަ އަޑު އަހާފައި މިއީ ހާދަ ގަމާރު މީހެކޭ ބައެއް މީހުން ހިތަށް އަރައިފާނެ އެވެ. މިއޮތް ހުރިހާ ދުވަހު އޭނާ ލޯބިން ފެން ދީގެން ބެލެހެއްޓީ ޕްލާސްޓިކް ގަހަކަށެވެ. އެކަން މީގެ ހަފުތާއެއް ކުރިން ރޭކާލި އިރު، ގަހަށް ފެންދޭތާ މިހާރު ދެ އަހަރުވެއްޖެ އެވެ.
މި ވާހަކަ ކެލީ ވިލްކެޒް ކިޔާ އަންހެން މީހާ ފޭސްބުކްގައި ހިއްސާކުރީ ގަހުގެ ފޮޓޯތަކަކާ ވެސް އެކީގަ އެވެ. އޭނާ ބުނިގޮތުގައި ސަކިއުލަންޓަކީ ވަރަށް ކަމުދާ ކަހަލަ ގަހަކަށްވާތީ މީގެ ދެ އަހަރު ކުރިން އޭނާ ގަތް، އެ ގަސް ބަހައްޓާފައި އިނީ ބަދިގޭގެ ކުޑަދޮރު ކައިރީފަ އެވެ. އަދި އޭގެ ފަހުން ފާއިތުވި ކޮންމެ ދުވަހަކީ ޕޮޓެއްގައި އިންދާފައި އިން އެ ގަހަށް ވަރަށް ލޯބިން ފަރުވާތެރިކަމާ އެކު ފެންދެމުން ދިޔަ ދުވަހެއް ކަމަށް ބުންޏެވެ.
އަދި އެ ގަހަށް ލޯބިޖެހިފައިވާލެއް ބޮޑުކަމުން އެހެން ބަޔަކު އެ ގަހަށް ފެންދީފި ނަމަ އެކަމާ ވެސް ހިތްހަމަނުޖެހޭ ކަމަށް ބުންޏެވެ. އެކަމަކު ދެ އަހަރު ފަހުން މި ކުރެވުނީ ކިހާ ބޭކާރުކަމެއްކަން އެނގުމުން ވަރަށް ހިތްދަތިވި ކަމަށް ބުންޏެވެ.
އޭނާ ބުނީ ގަހަކީ ޕްލާސްޓިކް އެއްޗެއްކަން ރޭކައިލީ އެހެން ޕޮޓެއްގައި ގަސް އިންދަންވެގެން ޕޮޓުން ގަސް ނެގުމުންނެވެ. އެގޮތުން ގަހުގެ ބުޑުއިނީ ފުޅިމަދުގަނޑަކަށް ފައްތައި، ޕޮޓްގެ ތެރެއަށް ވެލި އަޅައި އޭގެ ތެރޭގައި ހަމަ ސީދާ އަސްލު ގަހެއް ގޮތަށް އިންދައިފައި ކަމަށް ބުންޏެވެ.
"މިއޮތް ހުރިހާ ދުވަހު މިއީ އަސްލު ގަހެއް ނޫންކަން އަހަންނަށް ރޭކާނުލީ ކީއްވެބާ؟" ފޭސްބުކް ޕޯސްޓްގައި ކެލީ އަމިއްލަ ނަފުސާ ސުވާލުކޮށްފައިވެ އެވެ. "ފާއިތުވި ދެ އަހަރު މި ކުރެވުނީ ހަމަ މުޅިން ބޭކާރުކަމެއް."
އޭނާ މި ވާހަކަ ހިއްސާކުރުމުން ވަރަށް ގިނަ މީހުން ކޮމެންޓްކޮށްފައިވެ އެވެ. އެގޮތުން ބައެއް މީހުން ވަނީ އެ މީހުންނަށް ވެސް ހަމަ މިފަދަ ތަޖުރިބާތަކެއް ކުރެވިިފައޮވާ ކަމަށް ބުނެފަ އެވެ. އަދި ޕްލާސްޓިކް ފަދަ އެއްޗެހިން ހަދައިފައި ހުންނަ ގަސްގަހަލަ އެއްޗެހި ހަމަ ވަރަށް އަސްލާ އެއްގޮތަށް ހަދާފައި ހުރުމުން އެކަން ފާހަގަނުކުރެވެނީ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ބައެއް މީހުން ވަނީ ތަންދޮރު ބަލާނުލައި ޕްލާސްޓިކް ގަހަކަށް ދެ އަހަރު ވަންދެން ފެން ދީފައިވާތީ ކެލީ އަށް ޖޯކް ވެސް ޖަހައިފަ އެވެ.