ވިލާ ކޮލެޖުން އޭސީސީއޭ އެކްސެލެރޭޓް އަދި އެޕްލައިޑް އެކައުންޓިންގެ ޑިގްރީ ޕްރޮގްރާމް މިއަދު ލޯންޗުކޮށްފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި، މި ދެ ޕްރޮގްރާމް ލޯންޗުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލެވެ.
އޭސީސީއޭ އެކްސެލެރޭޓް ޕްރޮގްރާމަކީ ވިލާ ކޮލެޖުން ހިންގާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުގެ ބީއެސްސީ އެކައުންޓިން އަދި ފައިނޭންސް ކިޔަވާ ދަރިވަރުންނަށް، ޕްރޮގްރާމްގެ ތިން ވަނަ އަހަރާ ހަމައަށް ދާއިރު އެޕްލައިޑް ނޮލެޖު އަދި އެޕްލައިޑް ސްކިލްސް ލެވެލް އިން އެގްޒެމްޕްޝަން ލިބި، ތިން ވަނަ އަހަރު ފުރިހަމަކުރަމުންދާއިރު އޭސީސީއޭގެ ސްޓެރީޖިކް ޕްރޮފެޝަނަލް ލެވެލް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެކެވެ.
ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުގެ މާސްޓާސް އޮފް އެކައުންޓިން އެންޑް ފައިނޭންސް ފާސްޓް ޓްރެކްގެ ދަށުން ހެދުމުގެ ފުރުސަތު ވެސް އޭސީސީ އަދި ސީމާގެ މެމްބަރުންނަށް ހުޅުވާލާފައި ވެ އެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ވިދާޅުވީ އިންޓަނޭޝަނަލް ބްރޭންޑުތަކުން ވިޔަފާރިކުރަމުންދާއިރު ޕްރޮފެޝަނަލް އެކައުންޓެންޓުންނަށް ރާއްޖޭގައި ވަރަށް ފަހި ފުޅާ ފުރުސަތުތަކެއް އޮންނާނެ ކަމަށެވެ.
ފަތުހުﷲ ވިދާޅުވީ އެކައުންޓިން ޑިގްރީ ސެޓްފިކެޓަކާއެކު ވަޒީފާއަކަށް ކުރިމަތިލާއިރު އެ މީހަކު ކިޔެވި ތަނެއް ވަރަށް ރަނގަޅަށް ބަލާ ކަމަށެވެ. އޭސީސީއޭ ނުވަތަ ސީމާގެ މެމްބަރަކަށް ވެއްޖެނަމަ، އެ ސެޓްފިކެޓަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ގަބޫލުކުރެވޭ ސެޓްފިކެޓަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ
އޭނާ ވިދާޅުވިގޮތުގައި ޕްރޮފެޝަނަލް އެކައުންޓިންގެ ޕްރޮގްރާމްތަކަށް ކުދިން ނުދާ އެއް ސަބަބަކީ ފާސްވާން އުނދަގޫވުމެވެ. އެކަމަކު އުނދަގޫ އެއްޗަކަށް އެ ސެޓްފިކެޓް ވަނީ ގިނަ މަސައްކަތްކޮށްގެން ފާސްވާތީ ކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އެކި ކާމިޔާބީތަކާއެކު މިހިސާބަށް އާދެވެމުން ހުއްޓާލަން ބޭނުންނުވާ ކަމަށެވެ. ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ތަނަކަށް ވިލާގެ ބިޒްނަސް ސްކޫލު ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.