އާސެނަލްއާ ދެކޮޅަށް ރޭ ކުޅުނު ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ކުރީ ރޭ، ލަންޑަނުގައި އެތުލެޓިކޯ މެޑްރިޑްގެ ކުޅުންތެރިން ތިބި ހޮޓާ ދޮށުގައި ބަޑިބޭސް ގޮއްވައި އުނދަގޫ ކުރި މައްސަލައެ އެ ކްލަބުން ޔޫއެފާއަށް ހުށަހަޅައިފި އެވެ.
އިނގިރޭސިވިލާތުގެ އީސްޓް ލަންޑަންގައި އެ ޓީމު މަޑުކޮށްގެން ތިބި ހޮޓާ ކުރިމަތީގައި، އަންގާރަ ދުވަހުގެ ދަންވަރު 1:00 ޖެހިފަހުން ދެ ފަހަރެއްގެ މަތިން ބަޑިބޭސް ޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހާދިސާގެ ސަބަބުން ކުޅުންތެރިންގެ ނިދި ހަރާބުވެ، މެޗަށް ތައްޔާރުވުމަށް ހުރަސް އެޅުނު ކަމަށް ބުނެ އެތުލެޓިކޯ އިން ވަނީ ނުތަނަވަސްކަން ފާޅުކޮށްފަ އެވެ.
އެތުލެޓިކޯގެ އޮފިޝަލުން ބުނީ، މިއީ ގަސްދުގައި ކުޅުންތެރިންނަށް އުނދަގޫ ކުރުމުގެ ގޮތުން ބަޔަކު ކުރި ކަމެއް ކަމަށް އެ ކްލަބުން ގަބޫލުކުރާ ކަމަށެވެ.
ނަމަވެސް، މި ހާދިސާ ހިނގާފައިވަނީ ދަނޑުން ބޭރުގައި، ޓީމު ތިބި ހޮޓަލުގައި ކަމަށްވާތީ، ޔޫއެފާއިން މި މައްސަލައިގައި ރަސްމީ ފިޔަވަޅެއް އެޅުމަކީ ނާދިރު ކަމެއް ކަމަށް ދި އެތުލެޓިކުން ބުންޏެވެ. އާންމުކޮށް ޔޫއެފާއިން ފިޔަވަޅު އަޅަނީ ދަނޑު ތެރޭގައި ނުވަތަ މެޗާ ގުޅުންހުރި ރަސްމީ ސަރަހައްދުތަކުގައި ހިނގާ ކަންކަމަށެވެ.
މިފަދަ ހާދިސާތަކަކީ ޔޫރަޕްގެ ބޮޑެތި މެޗުތަކުގެ މީގެ ކުރިން، އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އުނދަގޫ ކުރުމަށް ސަޕޯޓަރުން ބައެއް ފަހަރު ކުރާ ކަމެކެވެ.
ރޭ ކުޅުނު މެޗު 1-0 އިން މޮޅުވެ އާސެނަލް އާސެނަލް ވަނީ 20 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
މެޗަށް ފަހު އޮތް ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އޭނާ ބުނީ ދެ ލެގުގައި ވެސް މޮޅަށް ކުޅުނީ އާސެނަލް ކަމަށެވެ.
"އަހަރެން ހުރީ ވަރަށް ހަމަޖެހިގެން. ހިތްހަމަޖެހުމާ އެކު. ޓީމުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރި،" ސިމިއޯނީ ބުންޏެވެ.
"އަހަރެމެން މި ވާދަކުރީ ވަރަށް ވަރުގަދަ އަދި ފެންވަރު ރަނގަޅު ޓީމަކާ. އަހަރެމެން މިހާރު މިތިބި ހާލަތު ގަބޫލުކުރަން ޖެހޭނެ."