ލަންޑަން (އޮކްޓޯބަރު) - އިނގިރޭސި ޗެމްޕިއަންޝިޕްގައި މިހާރު ވާދަ ކުރަމުން އަންނަ ވެސްޓް ބްރޮމްގެ ކޯޗުކަން ވެސް ސްޓީވް ބްރޫސް އަށް ގެއްލިއްޖެ އެވެ.

މިއީ އެއް އަހަރު ތެރޭ އޭނާ އަށް މަގާމު ގެއްލުނު ދެވަނަ ކްލަބެވެ. ނިއުކާސަލް ޔުނައީޓެޑްގެ ކޯޗުކަން ބްރޫސް އަށް ގެއްލުނީ މިދިޔަ އަހަހު އޮކްޓޯބަރު 19 ގަ އެވެ.

ވެސްޓް ބްރޮމްގެ ކޯޗުކަމާ ބްރޫސް ހަވާލުވީ ފެބްރުއަރީ މަހު އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން އެ ޓީމުގެ ނަތީޖާތައް ރަނގަޅު ނުވުމުން މިއަދު އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން 32 މެޗު ކުޅެ އޭނާ އަށް ޓީމު މޮޅުކޮށް ދެވުނީ އަށް މެޗުންނެވެ.

ބުރޫސް، 61، ގެ ކޯޗިން ކެރިއާގައި އޭނާ ވަނީ ހަތަރު ޓީމެއް، އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދީފަ އެވެ. އެކަމަކު ވެސްޓް ބްރޮމްގައި އެކަން ހާސިލެއް ނުވި އެވެ. ބްރޫސް އާއެކު އެ ކްލަބްގައި މަސައްކަތް ކުރި އޭނާގެ ކޯޗިން ސްޓާފުންގެ ވަޒީފާ ވެސް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި އޭނާގެ ދަރިފުޅު އެލެކްސް ބްރޫސް ވެސް ހިމެނެ އެވެ.