ބީނޯސް އޭރީޒް، އާޖެންޓީނާ (ޖުލައި 16) - މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ނަތީޖާތަައް ދަށްވެ އަމާޒުވި ގިނަ ފާޑުކިޔުންތަކަކާ އެކު އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ މަގާމުން އަމިއްލަ އަށް ވަކިވެއްޖެ އެވެ.

މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ ގްރޫޕް ސްޓޭޖުގައި ނައިޖީރިއާ އަތުން އެކަންޏެވެ. އަނެއް ދެ މެޗުގެ ތެރެއިން އައިސްލެންޑާ 1-1 އިން އެއްވަރުވި އިރު، ކްރޮއޭޝިއާ އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. އަދި މުބާރާތުން ކެޓީ ދެ ވަނަ ބުރުގައި ފްރާންސް އަތުން 4-3 އިން ބަލިވުމުންނެވެ.

އާޖެންޓީނާ އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭއްވި މަޝްވަރާތަކަށް ފަހު މަގާމުން ވަކިވާން އެދުނީ ސަމްޕައޮލީ ކަމަށެވެ. އާޖެންޓީނާގެ ކޯޗުކަން ސަމްޕައޮލީ ދޫކޮށްލީ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އޮއްވަ އެވެ.

އާޖެންޓީނާގެ ކޯޗުކަމާ ސަމްޕައޮލީ މިދިޔަ އަހަރުގެ ޖޫން މަހު ހަވާލުވީ އޭރު އެ މަގާމުގައި ހުރި އެޑުގާޑޯ ބައުޒާ ވަކިކުރުމުންނެވެ. ސަމްޕައޮލީ ހަވާލުވީ އާޖެންޓީނާ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ބިރު ހީވެފައި އޮއްވަ އެވެ. އެކަމަކު ޓީމުގެ ހާލަތު ރަނގަޅުކޮށް އޭނާ ވަނީ އާޖެންޓީނާ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފަ އެވެ. އާޖެންޓީނާ ކޮލިފައިވީ ފަހު މެޗުގައި ލިއޮނަލް މެސީގެ ހެޓްރިކާ އެކު 3-1 އިން އެކުއެޑޯ އަތުން ހޯދި މޮޅާ އެކު އެވެ.

މި ފަހަރުގެ މުބާރާތް ފެށެން ކުޑަ ދުވަސް ކޮޅަކަށްވެފައި ވަނިކޮށް ސަމްޕައޮލީ އަށް ދިމާވި އެންމެ ބޮޑު ހިތްދަތިކަމަކީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ އާއި މިޑްފީލްޑަރު މެނުއަލް ލަންޒީނީ އަށް އަަނިޔާވެ ވޯލްޑް ކަޕް ގެއްލުމެވެ. އަނެއްކޮޅުން ރަނގަޅު ފޯމެއްގައި ހުރި މައުރޯ އިކާޑީ އަށް ޓީމުން ފުރުސަތު ނުދިނުމުން ސަމްޕައޮލީ އަށް އޮތް ޕްރެޝަރު ދެގުނަވި އެވެ.

ވޯލްޑް ކަޕުން ކަޓައިގެން ދިޔައިރު އެންމެ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު އެއް ކަމަކީ ޔުވެންޓަސްގެ ތަރި ޕައޮލޯ ޑީބަލާ އަށް ފްރާންސް މެޗުގައި ކުޅުމުގެ ފުރުސަތު ނުދިނުމެވެ. ޑީބަލާ އަށް ފުރުސަތު ނުދެނީ އޭނާ އަކީ ސީދާ ލިއޮނަލް މެސީއާ އެއް މަގާމަކަށް ކުޅޭ ކުޅުންތެރިއަކަށްވާތީ ކަމަށް ސަމްޕައޮލީ ވަނީ މީގެ ކުރިން ބުނެފަ އެވެ.

ސަމްޕައޮލީ މަގާމުން ވަކިކުރިއިރު އޭނާ އަށް ބަދަލެއްގެ ގޮތުގައި އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބަދަލެއްގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދީފަ އެވެ. އާޖެންޓީނާގެ ކޯޗުކަން ހިލޭ ސާބަހަށް ކޮށްދޭން ބޭނުންވާ ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އަދި ލެޖެންޑް ޑިއޭގޯ މަރަޑޯނާ ވަނީ ދާދި ފަހުން ބުނެފަ އެވެ.