ދައުލަތުގެ ބެލުމުގެ ދަށުން ފިޔަވަތީގައި ތިބި ކުދިންނަށް އުރީދޫގެ 17 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ފުޓްބޯޅަ މެޗެއް ބާއްވައިފި އެވެ.

އެ މެޗުގައި ވާދަކުރީ ފިޔަވަތީގައި ތިބި ކުދިންނާއި ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނެވެ. ފޯރި ގަދަ މެޗުގެ ކޮންމެ ރައުންޑެއްގައި ވެސް ފިޔަވަތީގެ 50 ކުދިން ވަނީ ގައުމީ ޓީމުގެ ފަސް ކުޅުންތެރިއަކާ ވާދަ ކޮށްފަ އެވެ.

އެ މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމަދީ ވަނޯ ފިޔަވަތީގެ ޓީމާ ބައިވެރިވެވަޑައިގެންފަ އެވެ.

އުރީދޫން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ތިބޭ ކުދިންނަށް އެފަދަ އެކި ހަރަކާތްތައް ރާވަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި ސީއެސްއާރުގެ ހަރަކާތްތަކަކީ ކުންފުނީގެ މުހިންމު އަސާސަކަށް ވާއިރު، އެ ކުންފުނީގެ އަހަރީ ދުވަސް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެ ފަދަ ހަރަކާތެއް އިންތިޒާމު ކުރީ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އެ މެޗު ފައްޓަވައި ދެއްވަމުން، "ވޯލްޑް ކަޕް ފޯރި 2022" ކެމްޕެއިނުގެ ދަށުން ނަސީބުވެރި ހަތަރު ކަސްޓަމަރަކަށް ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭނެ ކަން އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދް އަލް ހަމަދީ ވަނީ އިއުލާން ކުރައްވައިފަ އެވެ.