ޑީސީ ޔުނިވާސްގެ ސުޕަ ގާލް ކެރެކްޓާ ތައާރަފްކޮށް، "ދަ ފްލޭޝް" ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

އެޒްރާ މިލާގެ "ދަ ފްލޭޝް" ފިލްމުގެ ހީރޯއިންގެ ޓީމުގައި ކުރިން ފެނުނު ބައެއް ކެރެކްޓާއިންގެ އިތުރުން، ޑީސީޔޫ އަށް އަލަށް ތައާރަފްކުރި ކެރެކްޓާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެކްޓްރެސް، ސާޝާ ކާޔޭގެ ސުޕަގާލް އެވެ.

"ދަ ފްލޭޝް" ފިލްމަކީ ޑީސީޔޫގެ ރިސެޓެއް ކަމަށާއި، މި ފިލްމުގައި ޖަސްޓިސް ލީގު އަލުން ފޯމް ވާނެ ކަމަށްވެ އެވެ.

ގާލް އޮފް ސްޓީލްގެ ޑެބިއު މި ފިލްމުގައި ފެނިގެންދާއިރު، ޖޭމްސް ގަން ޑީސީއާ ހަވާލުވުމަށް ފަހު އިއުލާން ކުރި ފިލްމުތަކުގެ ތެރޭގައި "ސުޕަގާލް: ވުމަން އޮފް ޓުމޯރޯ" ހިމެނެ އެވެ. އެކަމަކު، އެ ފިލްމުގެ ސުޕަގާލުގެ ރޯލުން ސާޝާ ފެންނާނެ ކަން އަދި ޔަގީނެއްނޫނެވެ.

ޓްރެއިލާގެ ސްނެޕް ޝޮޓެއް: "ދަ ފްލޭޝް" ފިލްމުގައި ސުޕަގާލް "ހީޓް ވިޝަން" ބޭނުންކުރަނީ
ޓްރެއިލާގެ ސްނެޕް ޝޮޓެއް: "ދަ ފްލޭޝް" ފިލްމުގައި ސުޕަގާލް "ހީޓް ވިޝަން" ބޭނުންކުރަނީ

"ދަ ފްލޭޝް" ގެ ޓްރެއިލާގައި މައިގަނޑުކޮށް ފެންނަނީ، އެޒްރާގެ ފްލޭޝް، އެހެން ޓައިމްލައިނަކަށް ގޮސް އުޅޭ ތަނެވެ. ޓްރެއިލާގައި، ސުޕަގާލް އުދުހޭ މަންޒަރުތަކާއި، ލޮލުން "ހީޓް ވިޝަން" ދޫކުރާ މަންޒަރުގެ އިތުރުން، މައިކަލް ޝެނޮންގެ "މޭން އޮފް ސްޓީލް" ފިލްމުގެ ވިލަން، ޖެނެރަލް ޒޯޑްއާ ކުރިމަތިލާ މަންޒަރު ފަދަ ގިނަ އެކްޝަން ސީންތަކެއް ފެނެ އެވެ.

އޭނާ ހައްޔަރުން ސަލާމަތް ވުމަށް ފަހު، މައިކަލް ކީޓަންގެ ބެޓްމޭން އަދި އެޒްރާގެ ފްލޭޝް އަށް އެހީވާ މަންޒަރު ޓްރެއިލާ އިން ފެނެ އެވެ.

ޓްރެއިލާގެ ސްނެޕް ޝޮޓެއް: ސުޕަގާލް އުދުހޭ މަންޒަރު، ދަ ފްލޭޝް (އެޒްރާ) ވީޑިއޯކުރަނީ
ޓްރެއިލާގެ ސްނެޕް ޝޮޓެއް: ސުޕަގާލް އުދުހޭ މަންޒަރު، ދަ ފްލޭޝް (އެޒްރާ) ވީޑިއޯކުރަނީ

ބަލާ ބެލުމަށް، ސާޝާގެ ސުޕަގާލް/ކާރާ ކެންޓަކީ ޑީސީޔޫގެ މަގްބޫލުކަން ހޯދި ހެންރީ ކެވިލްގެ ސުޕަމޭންގެ ބަދަލުގައި ތައާރަފްކުރި ކެރެކްޓާ އެވެ. މި ފިލްމުގައި ބެން އެފްލެކްގެ ބްރޫސް ވޭންގެ އިތުރުން، މައިކަލް ކީޓަންގެ ބެޓްމޭން ވެސް އުޅެ އެވެ.

ޑީސީޔޫގެ "ދަ ފްލޭޝް" ސިނަމާތަކުގައި ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ.