ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ޑީސީ ޔުނިވާސް (ޑީސީޔޫ) ގެ ފިލްމު "ދަ ފްލޭޝް" ގެ ދެވަނަ ޓްރެއިލާ ނެރެފި އެވެ.

މިދިޔަ އަންގާރަ ދުވަހު ނެރުނު އެ ޓްރެއިލާގައި، 1989 ވަނަ އަހަރު ނިކުތް ފިލްމުގައި ބެޓްމޭންގެ ރޯލު ކުޅުނު އެކްޓަރު މައިކަލް ކީޓަން ބެޓްސޫޓުގައި ހުރި ގިނަ މަންޒަރުތަކެއް ފެނެ އެވެ. އޭގެ އިތުރުން، ފުރަތަމަ ޓްރެއިލާގައި ފެނުނު ސުޕަގާލް (ސާޝާ ކާޔޭ) ގެ އިތުރު މަންޒަރުތައް ވެސް މި ޓްރެއިލާގައި ފެނެ އެވެ. އަދި ފިލްމުގެ ވިލަން ޖެނެރަލް ޒޯޑްއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ހަލަބޮލި ގިނަ މަންޒަރުތައް ވެސް ފެނެ އެވެ.

ޓްރެއިލާގެ ސްނެޕް ޝޮޓެއް: "ދަ ފްލޭޝް" ފިލްމުގައި ތައާރަފްކުރާ ސާޝާ ކާޔޭގެ ސުޕަގާލް
ޓްރެއިލާގެ ސްނެޕް ޝޮޓެއް: "ދަ ފްލޭޝް" ފިލްމުގައި ތައާރަފްކުރާ ސާޝާ ކާޔޭގެ ސުޕަގާލް

"ދަ ފްލޭޝް" ފިލްމުގައި ޑީސީޔޫގެ މަލްޓިވާސް ހުޅުވުމަށް ފަހު، ޑީސީގެ މަޝްހޫރު ސުޕަހީރޯއިންގެ ތަފާތު ވާޝަންތައް ފެންނާނެ އެވެ. ފުރަތަމަ ޓްރެއިލާގައި އެކަން ދައްކައިދިނީ އެހެން ދުނިޔެއަށްގައި އުޅުނު ސްކާލެޓް ސްޕީޑްސްޓާ ކިޔާ ބެރީ އެލެން (އެޒްރާ މިލާ) އަކާ ދަ ފްލޭޝްގެ ބެރީއާ ދިމާވާ ތަނެވެ.

"މޭން އޮފް ސްޓީލް" ފިލްމުގައި ވިލަންގެ ރޯލު ކުޅުނު މައިކަލް ޝެނޮންގެ ޖެނެރަލް ޒޯޑް ހުއްޓުވުމަށް ސުޕަގާލްއާއި ދެ ބެޓްމޭން (މައިކަލް އަދި ބެން އެފްލެކް) އަދި ދެ ބެރީ ޓީމެއް ހަދައިގެން މަސައްކަތް ކުރާތަން ފިލްމުގައި ފެންނާނެ އެވެ.

ޓްރެއިލާގެ ސްނެޕް ޝޮޓެއް: ސުޕަގާލް އުދުހޭ މަންޒަރު، ދަ ފްލޭޝް (އެޒްރާ) ވީޑިއޯކުރަނީ
ޓްރެއިލާގެ ސްނެޕް ޝޮޓެއް: ސުޕަގާލް އުދުހޭ މަންޒަރު، ދަ ފްލޭޝް (އެޒްރާ) ވީޑިއޯކުރަނީ

އެފްލެކްގެ ބެޓްމޭން އާއި އެޒްރާގެ ފްލޭޝް އެންމެ ފުރަތަމަ އެއް ފިލްމަކުން ފެނުނީ 2016 ވަނަ އަހަރުގެ "ބެޓް ވާސަސް ސުޕަމޭން: ޑޯންް އޮފް ޖަސްޓީސް" އިންނެވެ. އަދި އޮރިޖިނަލް "ސުއިސައިޑް ސްކޮޑް" ގައި ވެސް ދެމީހުންގެ ކެމިއޯއެއް ފެނުނެވެ. އޭގެ ފަހުން 2017 ވަނަ އަހަރުގެ "ޖަސްޓިސް ލީގް" އަށްފަހު، "ދަ ފްލޭޝް" ވަނީ އެ ދެ މީހުންގެ އެނބުރި އައުމަށެވެ. އަދި މިއީ މި ދެ މީހުންވެސް ޑީސީޔޫގެ މި ރޯލުތަކުން ފެންނާނެ އެންމެ ފަހު ފަހަރަށް ވުމީ ވަރަށް ގާތްކަމެކެވެ.

އޭންޑީ މުޝިއޭޓީ ޑައިރެކްޓުކޮށްފައިވާ މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ.