ނިއު ދިއްލީ (މާޗް 3) - ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައާ ގުޅޭ އެއްވެސް ކަމެއް ނުނިންމި، އިންޑިއާގައި ބޭއްވި ޖީ-20 ސަމިޓް ނިންމާލައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑެތި އިގްސާދުތައް ހިމެނޭ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ހުށަހެޅުނީ ރަޝިއާގެ އަސްކަރިއްޔާ ޔޫކްރޭންގެ ސަރަހައްދުން ފަހަތަށް ޖެހުމަށް ގޮވާލުމަށެވެ.
ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލެވްރޯވް ވެސް ބައިވެރިވެ ވަޑައިގެންނެވި ސަމިޓްގައި އެކަން ފާސް ނުވީ ސީދާ ރަޝިއާއިން އެކަނި ފަހަތަށް ޖެހުމަށް ގޮވާލަން ރަޝިއާއާ އެކު ޗައިނާ ވެސް ދެކޮޅު ހެދުމުންނެވެ.
ޖީ-20 ގެ މެންބަރު ގައުުމުތަކުގެ ތެރެއިން އެއްވެސް ޝަރުތަކާ ނުލައި ރަޝިއާއިން ޔޫކްރޭނުން ފައިބަން ގޮވާލައި ފާސްކުރަން އުޅުނު ގަރާރަށް އެއްބަސްނުވީ އެ ދެ ގައުމުން އެކަންޏެވެ.
ޖަރުމަންގެ ފޮރިން މިނިސްޓަރު އަނާލީނާ ބާބޮކް ވަނީ ހަނގުރާމަ ހުއްޓާލުމަށް ވަރަށް ހަރުކަށި ރާގެއްގައި ރަޝިއާ އަށް ގޮވާލައްވައިފަ އެވެ.
"މިސްޓަރ ލަވްރޯވް، މި ހަނގުރާމަ ހުއްޓާލާ، ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފުވުން ހުއްޓާލާ. ޔޫކްރޭންގެ ސިޓީތަކަށާއި އާންމުންނަށް ބޮން އެޅުން ހުއްޓާލާ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވީ އެކި ގައުމުތަކުގެ ޚިޔާލު ތަފާތުކަމުން ސުލްހަ ނުކުރެވޭނެ "ތަފާތުވުންތަކެއް" އެބަހުރި ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޖީ20 ގެ މެމްބަރުން އެއްބަސްވެފައިވަނީ ތަރައްގީވަމުން އަންނަ ގައުތަކަށް ދިމާވެފައިވާ ގިނަ މައްސަލަތަކާ ގުޅޭ ގޮތުން އެއްބަސް ވެވުނު ކަމަށެވެ.
"އެގޮތުން ގިނަ ގައުމުތައް އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް ގުޅުން ހަރުދަނާކުރުމަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި މިންތީ މައްސަލަތަކާއި ޓެރަރިޒަމްއާ ދެކޮޅަށް އެއްކޮށް މަސައްކަތް ކުރުމަށް އެއްބަސް ވެވުނު،" ޖައިޝަންކަރު ވިދާޅުވި އެވެ.
ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވީޑިއޯ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ވިދާޅުވީ ގައުމުތަކުގެ މެދުގައި މިހާރު ވެސް އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި މައްސަލަތަކުގެ ތެރެއަށް ކާބޯތަކެއްޗާއި ހަކަތައިގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތައް އަދި ދަރަނިތަކާ ގުޅޭ އެއްބަސްވުންތައް ނުވެއްދުމަށް އިލްތިމާސް ކުރައްވައިފަ އެވެ.