ފަލަސްތީނުގެ ޣައްޒާގައި ސުލްހަ ގާއިމުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލި "ބޯޑް އޮފް ޕީސް" އިން އެކުލަވާލި ޕްލޭން ގަބޫލުނުކުރަން އިޒްރޭލުން ނިންމި ނިންމުން ރާއްޖޭން ކުށްވެރިކޮށްފި އެވެ.
ޓްރަމްޕްގެ ޕްލޭނާ ދެކޮޅު ހަދައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ، ހަމާސް އިން އިހުލާސްތެރިކަމާ އެކު ހަތިޔާރު ބެހެއްޓުމުން ނޫނީ ޣައްްޒާއިން ނުފައިބާނެ ކަމަށާއި އިޒްރޭލުން މަސައްކަތް ކުރަނީ ހަމާސް މުުލުން ލުހެލަން ކަމަށެވެ.
އިޒްރޭލުގެ މި ނިންމުން ކުށްވެރިކޮށް، ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އދ. ގެ ސަލާމަތީ މަޖިލީހުން ވެސް ތާއީދުކޮށްފައިވާ މި ސުލްހައިގެ މަގުޗާޓު ބަލައިނުގަތުމަކީ، ކަމުގެ އަސާސީ މަގުސަދާ މުޅިން ހިލާފު ނިންމުމެއް ކަމަށެވެ.
އަދި މިއީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ނިމުމަކަށް ގެނެސް، ދެމެހެއްޓެނިވި ސުލްހަވެރި ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށް އެ ބަޔާނުގައި ރާއްޖޭން ވަނީ ސިފަކޮށްފަ އެވެ.
މީގެއިތުރުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އިޒްރޭލުން ތަކުރާރުކޮށް ދެކޮޅުހަދަމުންދާދިޔުން ވެސް ރާއްޖޭން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ދިވެހި ސަރުކާރުން ބުނީ ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ބިރުވެރި އަދި ހިތްދަތި ހާލަތަށް ލުޔެއް ހޯދައިދިނުމަށާއި، ސަރަހައްދުގެ ރައްކާތެރިކަމާއި ހަމަޖެހުން އަލުން އިއާދަކުރުމަށްޓަކައި މި ޕްލޭންގެ މުހިންމުކަން ބޮޑު ކަމަށެވެ.
އެހެންކަމުން، އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް މަގުފަހިކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާކޮށް ދާއިމީ ސުލްހައަށް ބޭނުންވާ މާހައުލެއް ގާއިމުކުރުމަށްޓަކައި، މި މަގުޗާޓު އެއްވެސް ލަސްކުރުމެއް ނެތި ފުރިހަމައަށް ތަންފީޒުކުރުމަށް ރާއްޖޭން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފަ އެވެ.