ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑެތި ބިންތަކެއް އިޒްރޭލުގެ މިލްކިއްޔާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ޔަހޫދީންގެ ދައުލަތުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށް، އެކަން ހުއްޓުވުމަށް ދުނިޔެ އަށް މިއަދު ގޮވާލައިފި އެވެ.
އިޒްރޭލުގެ ކަނާތު ފިޔައިގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އާއި ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިން އަދި ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ހުށަހެޅި ހުށަހެޅުން، އިޒްރޭލުގެ ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފަ އެވެ.
އެކަމާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ ނިންމުމެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން، ފަލަސްތީނުގެ ހައްގުތައް ކަށަވަރުކޮށް، ދާއިމީ ހަމަޖެހުން ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް ސީދާ ހުރަސްއެޅޭ ނިންމުމެއްގެ ގޮތުގައި އެ ބަޔާނުގައި ވަނީ ސިފަކޮށްފަ އެވެ.
އެހެންކަމުން، އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންދާ މިފަދަ ނޭއްގާނީ އަމަލުތައް ވަގުތުން ހުއްޓުވައި، ޖަވާބުދާރީ ކުރުވުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފަ އެވެ.
ފަލަސްތީނުގެ ގިނަ ބިންތަކަކީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ތަންތަނެއް ނޫނެވެ. އެގޮތަށް އެކަން ވެފައިވަނީ 1967 ވަނަ އަހަރު އިޒްރޭލުން އެ ބިންތަކަށް ރަޖިސްޓްރީ ހަދައިދިނުން ހުއްޓާލާފައި ވާތީ އެވެ. ބިމުގެ ރަޖިސްޓްރީއާ އެކު، އެ ބިމެއްގެ ދާއިމީ މިލްކުވެރިކަން އެ މީހަކަށް ލިބެ އެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުން ހިފާފައިވާ ސަރަހައްދުތަކުން ބިންތައް އަތުލުމާއި އެ ބިންތަކުގައި މީހުން ވަޒަންވެރިކުރުމަކީ ވެސް މަނާ ކަމެކެވެ.
އިޒްރޭލުން 1967 އިން ފެށިގެން ހުޅަނގު އައްސޭރި ހިފައިގެން ތިބޭއިރު އެއީ ފަލަސްތީނުގެ ތިން މިލިއަނެއްހާ މީހުންގެ ވަޒަނެވެ. އެތަނުގައި އިޒްރޭލުގެ 500،000 މީހުން އުޅޭއިރު ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއީ ޣައިރު ގާނޫނީ އާބާދީތަކެކެވެ. އެކަމަކު އިޒްރޭލުން ގެންދަނީ ހުޅަނގު އައްސޭރީގެ ބިންތަކުން ފަހަރަކު ބައެއް ހިފައި ޔަހޫދީން އާބާދުކުރަމުންނެވެ.