ގދ. ތިނަދޫއިން މީހުން ބާލުވައި ރަށް ފަޅުކޮށް، ދިން އަނިޔާތަކަށް އަދިވެސް އިންސާފު ނުލިބޭ ކަމަށް އެ ސިޓީގެ މޭޔަރު ސައުދު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
ދެވަނަ ފަހަރަށް ތިނަދޫ އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން މިރޭ އެރަށުގައި ބޭއްވި ރަސްމީ ޖަލްސާގައި ސައުދު ވިދާޅުވީ އެ ރަށުން މީހުން ބޭރުކުރުމުން، ރެފިއުޖީންގެ ގޮތުގައި ކައިރި ރަށްރަށުގައި ތިނަދޫ މީހުން އުޅުނު ނިކަމެތި ހާލު، މި ޖީލުގެ މީހުންނަށް އިހުސާސް ނުވާނެ ކަމަށެވެ.
ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ޔުނައިޓެޑް ސުވާދީބް އައިލެންޑްސްގެ ނަމުގައި އުފެއްދި ވަކި ދައުލަތް ރޫޅާލުމުގެ ނަމުގައި، ކުރީގެ ރައީސް އިބްރާހީމް ނާސިރު ބޮޑުވަޒީރަކަށް ހުންނަވައިގެން ތިނަދުއަށް ސިފައިން ފޮނުވައިގެބް 1962 ވަނަ އަހަރު އެ ރަށް ވީރާނާކޮށްލިއިރު އެތައް ބަޔަކު ކަނޑުވެ، މަރުވި އެވެ.
ނަމަވެސް، އޭގެ ހަތަރު އަހަރު ފަހުން އެ ސަރުކާރުން ވަނީ ތިނަދޫގައި އަލުން މީހުން ވަޒަންވެރިވާން ހުއްދަ ދީފަ އެވެ.
ބިނާކުރަމުން ދިޔަ ދިރިއުޅުން ހުއްޓާލައި، ރަށުން ފައިބައިގެން ދާން ޖެހުނީ އޭރު ލައިގެން ހުރި އަންނައުނާއެކު ހުސް އަތާ ކަމަށާއި ނަމަވެސް، ހަނަފަސް ސަހަރެއްގެ ގޮތުގައި އޮތް ތިނަދޫގައި ހަތަރު ފަހުން މީހުން އަލުން އާބާދުވެ، އަހަރެއް ދޮޅު އަހަރެއްގެ ތެރޭގައި ދިރިއުޅެވޭ ފެންވަރަށް ގެތައް ހެދީ ފިސާރި ފޯރީގައި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ދަރިންނަށް އުނގަންނައިދިނުމަށް އެ ޖޯޝުގައި މަދަރުސާތައް ހަދައި ކިޔަވައިދޭން ފެށި ކަމަށާއި އަދި އޭރު ފެށި މަސައްކަތުން ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ތިނަދޫ ބަހުން ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވި އެވެ.
ނަމަވެސް، އޭރު ތިނަދުއަށް ދިން އަނިޔާތަކަށް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"[މަސައްކަތްތައް] އަލުން ފައްޓަން ޖެހިފައި އޮތީ ސުމަކުން...މިހާރު ފަސޭހައިން ތައުލީމް ލިބުނަސް، އޭރު ކުދިންނަށް އަކުރު ކިޔައިދިނުމާއި ގުރުއާން ކިޔަވައިދިނީ ދަތި ގޮތަކަށް،" ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީން ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ސައުދު ވިދާޅުވި އެވެ.
"މި ވާހަކަތައް ހުއްޓާނުލާ ދައްކަންޖެހޭ....މިއީ ވިސްނާ ފިކުރު ކުރަންޖެހޭ ކަމެއް."
އޭނާ ވިދާޅުވީ، އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ކުރީގެ ސަރުކާރުން އޮމްބަޑްސްޕާސަންގެ އޮފީހެއް ގާއިމްކުރުމުން ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ. އެކަމަކު، ކައުންސިލުން އެ އޮފީހަށް ހުށަހެޅި މައްސަލަ ނިމުނު ގޮތް ސިއްރުކޮށްފައި ބޭއްވުމަކީ ބޭއިންސާފެއް ކަމަށާއި އެއީ އިތުރަށް ދިން އިތުރު އަނިޔާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެކަންކަމުގައި ވެސް، ތިނަދޫ ރައްޔިތުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރަސްމީކޮށް އޮގަސްޓް 23، 2011 ގައި މައާފަށް އެދުމަކީ ލިބުނު ތަސައްލީއެއްކަން ސައުދު ފާހަގަ ކުރެއްވި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ދަނީ އެ ރަށުން މީހުން ބޭލުވި ހާދިސާއަށް ބިނާކޮށް ފިލްމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ މަސައްކަތް މީގެ 10 ވަރަކަށް އަހަރު ކުރިން ވެސް ފެށި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެކަން ހުއްޓުވީ އެވެ.
އެ ރަސްމިއްޔާތުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންނަށް ދައުވަތު ދެއްވި އެވެ. އެކަމަކު، ސައުދު ވިދާޅުވީ އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިނުގަތުމަކީ "ތިނަދޫ 60" ސަރުކާރުން ބަލައިނުގަންނަ ކަމުގެ ސިގްނަލެއް ކަމަށެވެ. އަދި ސައުދު ވަނީ މި ސަރުކާރުން ތިނަދޫގައި ކުރަން ރާވާފައިވާ ޕްރޮޖެކްޓުތައް އަވަހަށް ފެށުމަށް ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވީ ބޯހިޔާވަހިކަމަށް ހާއްސަކޮށް ރިއަލް އެސްޓޭޓް މަޝްރޫއުތަކަށް ކުންފުނިތަކަށް ދައުވަތު ދީފައިވާ ކަމަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ސިޓީގައި އޮފީސްތައް ގާއިމްކުރަން ވެސް ސަރުކާރަށް ދައުވަތު ދީފައިވާ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ. އޭގެ އިތުރުން މަތީ ތައުލީމާއި ޒަމާނީ ފެންވަރުގެ ބޯޓުޔާޑު އަދި ފްލެޓް އަޅަން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.