މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ކުރިއަށް ގެންދާ ފިންލިޓް ފެސްޓުގެ ހަރަކާތްތައް ހއ. އަތޮޅުގައި މާދަމާ ފަށާނެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
މިއީ، ހޭލުންތެރިކަން އިތުރުކުރުމަށާއި ޒިންމާދާރު ގޮތެއްގައި ފައިސާ ގެންގުޅެން އަހުލުވެރިކުރުވަން އެމްއެމްއޭ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް 2025 ގައި ފެށި ފަހުން މިހާތަނަށް ހޭލުންތެރި ކުރުމުގެ ގިނަ ސެޝަންތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ މިފަހަރު ފިންލިޓް ފެސްޓުގެ ހަރަކާތްތައް މާދަމާ އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހއ. އަތޮޅުގެ އެކި ރަށްތަކުގައި ކުރިއަށް ދާނެ އެވެ. މި ފެސްޓް ބާއްވަނީ މާލީ ސެޝަންތަކާއި އިގްތިސާދަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އަދި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ހިމަނައިގެންނެވެ.
މި ފެސްޓުގެ ހަރަކާތްތައް މާދަމާ އަދި ހޮނިހިރު ދުވަހު އޮންނާނީ ހއ. ދިއްދޫގަ އެވެ. ވަށަފަރާއި އުތީމާއި ފިއްލަދޫގައި ވެސް މި ހަރަކާތްތައް ބާއްވާނެ އެވެ. އާދިއްތަދުވަހު ކެލަ އާއި މުރައިދޫގައި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި ޕްރޮގްރާމްގެ ތެރެއިން، "ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް" ނަމުގައި ކުޑަކުދިންގެ ހަވީރެއް މާދަމާ 4:00 އިން 6:00 އަށް ދިއްދޫގައި އޮންނާނެ އެވެ. ވަށަފަރުގައި ކުޑަކުދިންގެ ހަވީރު އޮންނާނީ ހޮނިހިރު ދުވަހެވެ. ކުޑަކުދިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް، މަޖާ މާހައުލެއްގައި އެކިއެކި ހަރަކާތްތައް މި ހަވީރުތަކުގައި ކުރިއަށްދާނެ އެވެ.
މި ހަރަކާތްތަކުގައި ބީސީސީ އާއި ބީއެމްއެލް އާއި އެމްއައިބީގެ އިތުރުން މީރާ އިން ވެސް ބައިވެރިވާނެ އެވެ.
އެމްއެމްއޭ ފިންލިޓް ފެސްޓް ހއ. އަތޮޅުގައި ކުރިއަށް ގެންދަނީ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެންނެވެ. މި ހަރަކާތަކީ ރަށްރަށަށް މާލީ ހޭލުންތެރިކަމުގެ ހަރަކާތްތައް ފުޅާކޮށް، ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ކުރާ މަސައްކަތުގެ ބައެކެވެ.