ވޯލްޑް ކަޕަށް ހެއިޓީން ތައްޔާރު ކުރި ޖޯޒީގައި އެ ހަނގުރާމައިގެ ކުރެހުމެއް ހުރުމުން ޖޯޒީގެ ޑިޒައިން ބަދަލު ކުރަން ފީފާއިން އަންގައިފި އެވެ.

ހެއިޓީއަށް މިނިވަންކަން ހޯދައިދިން 1803 ވަނަ އަހަރުގެ "ބެޓްލް އޮފް ވާޓިއޭލްސް" ހަނގުރާމަ ރަމްޒުކޮށްދޭ ކުރެހުމަކާ އެކު އެ ގައުމުގެ ދިދަ ހިމަނައިގެން ތައްޔާރުކުރި އެ ޖޯޒީ،  އެކުވެރިކަމުގެ ދެ މެޗެއްގައި ބޭނުންކުރި އެވެ.

ޖޯޒީ އުފެއްދި ކޮލަމްބިއާގެ "ސައެޓާ" ކުންފުނިން ބުދަ ދުވަހު ބުނީ، ފީފާގެ ގަވާއިދުތަކަށް ފެތޭގޮތަށް މިހާރު ޖާޒީގެ ޑިޒައިން ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ބުނީ، އެ ޖޯޒީއަކީ ހެއިޓީގެ މުސްތަގްބަލަށްޓަކައި މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނަށް ކުރި އިޙްތިރާމެއްގެ ގޮތުން ތައްޔާރުކުރި ޑިޒައިނެއް ކަމަށެވެ.

އެއީ އެއްވެސް ސިޔާސީ މެސެޖެއް ދިނުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށް، އެ ކުންފުނިން ބުންޏެވެ. ނަމަވެސް ޖާޒީ ރިވިއުކުރުމުގެ މަރުހަލާގައި، އޭގެ ބައެއް ބައިތަކަކީ ފީފާގެ އިކުއިޕްމަންޓް ގަވާއިދާ ޚިލާފަށް މާނަކުރެވިދާނެ އެއްޗެހި ކަމަށް ބަލައި ބަދަލުތަކެއް ގެނައުމަށް ފީފާއިން އެދުނެވެ. ފީފާގެ ނިންމުމަށް އިޙްތިރާމްކޮށް، އެ އިދާރާއިން އެދިފައިވާ ބަދަލުތައް ގެނެސްފައިވާނެ ކަމަށް "ސައެޓާ" އިން ބުންޏެވެ.

ހަނގުރާމައިގެ މަންޒަރު ދައްކުވައިދޭ ގޮތަށް ހެއިޓީން ފަރުމާ ކުރި ޖޯޒީ
ހަނގުރާމައިގެ މަންޒަރު ދައްކުވައިދޭ ގޮތަށް ހެއިޓީން ފަރުމާ ކުރި ޖޯޒީ

ވޭތުވެދިޔަ 52 އަހަރުގެ ތެރޭގައި ހެއިޓީން ކުޅޭ ފުރަތަމަ ވޯލްޑް ކަޕް މެޗުގައި، މާދާމާ ބޮސްޓަންގައި އެ ޓީމު ނުކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ. ދުނިޔޭގެ ރޭންކިންގެ 83 ވަނައިގައި އޮތް ހެއިޓީ ހިމެނެނީ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް އާއި އެފްރިކާގެ ޗެމްޕިއަން މޮރޮކޯއާ އެކު ގްރޫޕް ސީ ގަ އެވެ.

ޤައުމުގެ އެތެރޭގެ ހަމަނުޖެހުންތަކާއި ގޭންގު މާރާމާރީތަކުގެ ސަބަބުން، ކޮލިފައިންގެ ހޯމް މެޗުތައް ވެސް ހެއިޓީން ކުޅުނީ ގައުމުން ބޭރުގަ އެވެ.

އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައިވުމަކީ މި ފަހަރުގެ މުބާރާތުގައި ފެންނާނެ އެންމެ ޝައުޤުވެރި އަދި ވާހަކަ އަށް ވާނެ ކަމަށް އޭއެފްޕީން ބުންޏެވެ. މިއީ އެ ޤައުމުގެ ތާރީހުގައި ވޯލްޑް ކަޕަށް ކޮލިފައިވި ދެވަނަ ފަހަރެވެ.

އެ ޓީމުގެ ތަރި، މިޑްފީލްޑަރު ޜޯންރިކްނާ ބެލެގާޑް އޭއެފްޕީއަށް ބުނީ، އޭނާގެ ގައުމާ މެދު މީހުންގެ ހިތުގައި ނުބައި ތަޞައްވުރެއް އޮވެދާނެ ކަމަށެވެ.

މި ކާމިޔާބީގެ ސަބަބުން ގައުމަށާއި، ރައްޔިތުންނަށް އަދި އޭނާގެ އާއިލާއަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ.