ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވި ފިލްމީތަރި ހަސަން އަލި މަނިކު(ކޮއްޔަ ހަސަން މަނިކު) އަކީ އުފެއްދުންތެރި ޚިޔާލުގެ ތަނަވަސް ބޭފުޅެއް ކަމަށާއި އެންމެ ފަހުގެ ބައްދަލުވުމުގައި ވެސް އެފަދަ އެތައް ވާހަކައެއް ހިއްސާކުރެއްވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދުު ވިދާޅުވެއްޖެ އެވެ.

ފިލްމީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރި ކޮއްޔަ ހަސަން ނިޔާވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ފަރުވާ ދެމުން ދަނިކޮށް މިއަދު އެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދިޔައީ ފަރުވާ ދެމުންނެވެ.

ކޮއްޔަ ހަސަން ނިޔާވުމުން ރައީސް ލިޔުއްވައި، ސޯޝަލް މީޑިއާގައި އާންމުކުރި ލިޔުންކޮޅުގައިވަނީ އެންމެ ފަހުން ބައްދަލުވީ މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އެ ބައްދަލުވުމުގައި ވެސް އުފެއްދުންތެރި އެތައް ވާހަކައެއް ހިއްސާ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮއްޔަ ހަސަން މަނިކަކީ ވަރަށް ގިނަ ބައެއްގެ ތާއީދާއި ލޯބި ހޯދި ފަންނާނެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ހަސަންއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުުމަށް ދުއާ ދަންނަވާ ކަމަށް ރައީސްގެ ލިޔުއްވުމުގައިވެ އެވެ.