އެމެރިކާގެ ހަވާއީގެ ޖަންގަލީގައި ރޯވެ ލިބުނު ގެއްލުންތަކާ ގުޅިގެން މައި ސަރުކާރުން އަޅާނުލާ ކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، އެ ސްޓޭޓަށް ވީއެންމެ އަވަހަކަށް ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު މިލްވޯކީގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެނީ ހަވާއީގެ ރައްޔިތުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ހަވާއީ ސްޓޭޓްގެ ރަށްތަކުގެ ތެރެއިން މައުއީ ޖަޒީރާގެ ރިސޯޓް އަވަށެއް ކަމަށްވާ ލަހައިނާގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު، އަވަށު ތެރެއަށް ފެތުރި ގެތަކުގައި ރޯވެ އެނދި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 101 އަރާފައިވާ އިރު، 1،300 މީހުން ވަނީ ގެއްލިފަ އެވެ.
ހަވާއީގެ ރައްޔިތުން ވަނީ މި ކާރިސާގައި ފެޑެރަލް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްޕީޑު ލަސްކަމަށް ބުނެ ފާޑުކިޔައިފަ އެވެ.
ބައިޑަން އަންގާރަ ދުވަހު ވިދާޅުވީ، ހަވާއީ އަށް އަދި ވަޑައިނުގެންނެވީ، އެ ހާދިސާގައި ގެއްލުންވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުރަސްއެޅިދާނެތީ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނުވޭ އެ މަސައްކަތަށް ހުރަސްއެޅޭ ސަބަބަކަށްވާކަށެއް. އަޅުގަނޑު ޔަގީންކުރަން ބޭނުންވަނީ މިހާރު ކުރިއަށްދާ ރިކަވަރީ މަސައްކަތަށް ބުރޫނާރާނެ ކަން،" ބައިޑަން ވިދާޅުވި އެވެ.
ހަވާއީގެ ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީން ބުނި ގޮތުގައި މިފަހަރުގެ އަލިފާނުގެ ހާދިސާގައި ލަހާނިއާ އަވަށުގެ 2،200 އަށް ވުރެ ގިނަ އިމާރާތް ވަނީ އަނދައި އަޅިއަށް ވެފަ އެވެ. އަދި 850 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް އަނދައިގެން ދިޔަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ. ގެތައް އަނދަން ފެށުމާ އެކު، އެ ގެތަކުގެ މީހުން ވަނީ ރައްކާތެރި އެހެން ސަރަހައްދުތަކަށް ވަގުތީ ގޮތުން ގެންގޮސްފަ އެވެ. އެހެންކަމުން އެމީހުން އެނބުރި އެ އަވަށަށް ގެނެވޭނީ އަނދައިގެން ދިޔަ ތަންތަނުގެ ބަދަލުގައި އާ ގެތައް އަޅައިގެން ކަމަށާއި އެކަމަށް 5.5 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.