ނިދަން އުނދަގޫވާ ކަހަލަ އަޑުތައް ކަނޑުވާލަދޭ، ކަންފަތަށް ޖަހާ އަރާމު "އުނގުރި"އެއް ކަހަލަ ސްމާޓް އިއަޕްލަގެއް ބޯސް އިން އުފައްދައިފި އެވެ.
ސްޕީކަރާއި އެއާ ގުޅުން ހުރި ސާމާނު އުފެއްދުމުގައި އެންމެ އަޑުގަދަ ކުންފުނި ކަމަށްވާ ބޯސް އިން އުފެއްދި ސްލީޕްބަޑްސް ކަންފަތަށް ޖެހުމުން، ވަށައިގެން އިވޭ އަޑުތައް މުޅިން ކަނޑުވާލަދެއެވެ. އެކި އެކި ސަބަބުތަކާހުރެ ރޭގަނޑުގެ ނިދިން މަހުރޫމްވާ މީހުންނަށް މިއީ ވަރަށް ރަގަޅު ފަރުވާއެކެވެ.
ބާރަށް ގުގުރި ދަމާ މީހަކު ގާތުގައި ނިދަން އޮތަސް، ކާރޫބާރޫ ބޮޑު މަގެއްގައި ހުންނަ ގެއެއްގައި އުޅޭ މީހަކަސް މީގެ ހެޑުފޯނު އަޅާލުމުން އެ ހުރިހާ އަޑަކުން އެއްފަރާތްކޮށްލައި އަރާމުގައި ނިދާލެވޭނެ ކަމަށް ބޯސް އިން ގަބޫލުކުރެ އެވެ.
ސްލީޕްބަޑްސްގެ މަގްސަދު ހާސިލުވާ މިންވަރު ބެލުމަށްޓަކައި އިންޑީގޯގޯ ކިޔާ ކުންފުންޏަކާ ގުޅިގެން ބޯސްއިން މިހާރު އަންނަނީ ހޮވައިލެވިފައިވާ މަދު މީސްކޮޅެއްގެ މެދުގައި މި އުފެއްދުމުގެ އަޖުމަ ބަލަމުންނެވެ. ނަތީޖާ ނުކުންނަ ގޮތަކުން އަންނަ އަހަރުގެ ތެރޭގައި ބޯސް ސްލީޕބަޑްސް އިތުރު ފުރިހަމަކަމަކާ އެކު ބާޒާރަށް ނެރޭނެ އެވެ.
މި އިއަޕްލަގަކީ މީގެ ދެ އަހަރު ކުރިން ކްރައުޑް ފަންޑިން ކެމްޕޭނަކާ އެކު ކަންސިއުމާ އިލެކްޓްރޯނިކް ފެއާގައި ދައްކާލި އެއްޗެކެވެ. އޭރު މި އުފެއްދުމުގެ މަސައްކަތް ކުރަމުން އައީ އެހެން ކުންފުންޏަކުން "ހަޝް" ގެ ނަމުގަ އެވެ. އެހެންވެ އެ ހިސާބުން ބޯސް އިން ވަނީ ހަޝް ގަނެ އަމިއްލަކޮށްފަ އެވެ.