އެކްޓް ކުރުމަކީ ފަސޭހަ ކަމެއް ކަމަށް ހީވިޔަސް އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ގަޔާވެގެން މަސައްކަތްކޮށްގެން ނޫނީ ރަނގަޅު އެކްޓިންއެއް ނުދެެއްކޭނެ ކަމަށް ކުރިއަށް އޮތް އޮސްކާ އެވޯޑްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވެފައިވާ ކޭސީ އެފްލެކް ބުނެފި އެވެ.

އޭނާ އެންމެ މޮޅު އެކްޓަރުގެ އޮސްކާ އަށް ވާދަކުރަނީ މި އަހަރު ރިލީޒްވި "މެންޗެސްޓަ ބައި ދަ ސީ" އިންނެވެ. އެ ފިލްމުގައި އޭނާ ދެއްކި ހުނަރަށް ކްރިޓިކުންނާއި އާންމުން ވެސް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.

"ގުޑްވިލް ހަންޓިން" އާއި "ގޯން ބޭބީ ގޯން" އަދި "ދަ ލާސްޓް ކިސް" ފަދަ ފިލްމްތައް ކުޅެފައިވާ ކޭސީ ބުނީ އެކްޓް ކުރުމަކީ އޭނާ ކުރިން ހީކުރި ވަރަށް ވުރެ، އުނދަގޫ އަދީ ސީރިއަސް މަސައްކަތެއް ކަމަށެވެ.

"މިއީ މަޖާ ކަމެއް ކަމަށް ހީވިޔަސް އަސްލު އެކްޓް ކުރުމަކީ މަޖާ ކަމެއް ނޫން،" މަޝްހޫރު އެކްޓަރު/ޑައިރެކްޓު ބެން އެފްލެކްގެ ކޮއްކޮ ބުންޏެވެ. "މަޖާ ކަމެއްގެ ގޮތުގައި ދެކިގެނެއް ނޫން އަހަރެން އެކްޓް ކުރަނީ. މިއީ މަޖާ ކަމެއް ކަމަށް ދުށް ނަމަ މި ހިސާބަކަށް އަހަންނަށް ނާދެވުނީސް."

ކޭސީ، 41، އަދި ބުނީ މިހާތަނަށް އޭނާގެ ހުނަރު ރަނގަޅު ކުރަން މަސައްކަތްތަކެއްކޮށްފައި ވާނެ ކަމަށެވެ. އަދި އާންމުން ބަލައިގަނެ، އޮސްކާ ފަދަ ޝަރަފުވެރި އެވޯޑަކަށް ވާދަ ކުރެވޭ ހިސާބަށް ދެވޭނީ، އެކްޓް ކުރުމުގެ ހުނަރު ހުރެގެން ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ.

އަންނަ ފެބްރުއަރީ މަހު ބާއްވާ 89 ވަނަ އޮސްކާ އެވޯޑް ހަފުލާގައި އެންމެ މޮޅު ބަތަލުގެ އޮސްކާ ކޭސީ އުފުލައިލާނެ ކަމަށް ބެލެވޭ އިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ވަނީ އޮސްކާގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ރޯލަށް ނޮމިނޭޓްވެފަ އެވެ.

އެއީ އެންޑްރޫ ޑޮމިނިކް ޑައިރެކްޓް ކުރި ދި އެސަސިނޭޝަން (2007) އާއި ބޭބެ ބެން ޑައިރެކްޓް ކުރި ގޯން ބޭބީ ގޯން (2010) އިންނެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޮސްކާ އެވޯޑް ކޭސީ އަތުން ބީވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެއީ އޭނާގެ މައްޗަށް އުފުލިފައިވާ ޖިންސީ ގޯނާގެ ދެ މައްސަލައަކާ ގުޅިގެންނެވެ. އެހެންވެ އޭގެ ހިޔަނި ކޭސީގެ އޮސްކާ އެވޯޑް ހުވެފަނަށް އެޅިދާނެ އެވެ.

"އައި އެމް ސްޓިލް ހިއާ" ގެ ނަމުގައި 2010 ގައި ފިލްމެއް ޑައިރެކްޓް ވެސް ކުރި ކޭސީގެ ތިން ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ "މެންޗެސްޓަ ބައި ދަ ސީ" ގެ އިތުރުން "ދަ ފައިނެސްޓް އަވާސް" އާއި "ޓްރިޕް 9" އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދި އޮލްޑް މޭން އެންޑް ދަ ގަން" އަދި "ލައިޓް އޮފް މައި ލައިފް" ފާހަގަކޮށްލެވެ އެވެ.