ގަސްގަހަށް ގެއްލުން ދޭ ސޫފާސޫފި މަރަން ދަނޑުވެރިކަމުގައި ވަރަށް އާއްމުކޮށް ބޭނުންކުރާ ކެމިކަލެއްގެ އަސަރު، ގިނަ މާމުއިގައި އެކުލެވިގެންވާ ކަން އާ ދިރާސާއަކުން އެނގިއްޖެ އެވެ.

"ސައިންސް" ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާ ބުނާގޮތުގައި ދުނިޔޭގައި އުފައްދާ މާމުއިގެ 75 ޕަސެންޓުގައި ޕެސްޓިސައިޑެއް ކަމަށްވާ "ނިއޯނިކޮޓިނޮއިޑްސް" އެކުލެވިގެންވެ އެވެ. "ނިއޯނިކޮޓިނޮއިޑްސް" އަކީ މާމުއި ކުޅަނދުރަށް ވިހަ އެއްޗަކަށް ވާއިރު ދުނިޔެ އިން ކުޅަނދުރު އެހާ ބޮޑަށް މަދުވަމުންދާ އެއް ސަބަބަކީ އެ ޕެސްޓިސައިޑް ބޭނުންކުރުންކަން ވަނީ ފާހަގަކުރެވިފަ އެވެ.

ސްވިޓްޒަލެންޑުގެ ނިއުކަޓެލް ޔުނިވަސިޓީގެ ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ އެޑްވަޑް މިޗެލް އިސްކޮށް ހުންނަވައިގެން ހެދި މި ދިރާސާގައި 2012 އިން 2016 އަށް އެއްކުރި މާމުއި ސާމްޕަލްތަކުގައި އެ ކެމިކަލް، މާމުއި ކުޅަނދުރަށް ގެއްލުންހުރި މިންވަރަށް އެކުލެވިގެންވެ އެވެ.

ސައިންސްވެރިން ބުނާގޮތުގައި މި ކަމުން އިންސާނުންގެ ސިއްހަތަށް ނުރައްކަލެއް ނެތެވެ. ސަބަބަކީ ގައުމުތަކުން ކަނޑައަޅާފައިވާ ކެއިންބުއިމަށް ރައްކާތެރި މިންގަނޑަށް ބަލާ އިރު، މާމުއިގައި މި ކެމިކަލްގެ އަސަރު ހުރި މިންވަރު މާ ދަށްވުމެވެ.

އެކަމަކު ދުނިޔެ އިން މާމުއި ކުޅަނދުރު މަދުވަމުން ދިޔުމަކީ ގޮވާންކުރުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މާމެލާމެލި ޖޯޑުވެ މޭވާ އެޅުމުގައި މާމުއި ކުޅަނދުރު އަދާކުރާ މުހިއްމު ދައުރު ހުއްޓިއްޖެ ނަމަ ކާބޯތަކެތި އުފެދުން ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދާނެ އެވެ.

ދިރާސާ އިން އެނގުނުގޮތުގައި މާމުއީގައި ޕެސްޓިސައިޑް އެންމެ ގިނައިން އެކުލެވޭ ސަރަހައްދަކީ އުތުރު އެމެރިކާ (86 ޕަސެންޓް) ކަމަށް ވާއިރު ދެވަނަ އަށް އެ މައްސަލަ އެންމެ ބޮޑީ އޭޝިއާގަ އެވެ. އެއީ 80 ޕަސެންޓެވެ. އަދި ޔޫރަޕްގެ މާމުއީގައި 79 ޕަސެންޓަށް އެ ކެމިކަލް ހުރި އިރު މާމުއީގައި އޭގެ އަސަރު އެންމެ ކުޑައީ ދެކުނު އެމެރިކާގަ އެވެ. އެއީ 57 ޕަސެންޓެވެ.