ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މިހާރު ހުޅުވާލާފައިވާ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ތެރެއިން ފިރިމީހާ/ އަނބިމީހާއަށް ގޯއްޗެއް ލިބިފައިވާ ނަމަ، ކުރިމަތިނުލެވޭތީ، ދެން ހުޅުވާލާއިރު އެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް ކެޓަގަރީއެއް އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މިހާރު ހުޅުވާލާފައި އޮތް ސްކީމް އޮތް ގޮތުން ނަމަ، އަނބިމީހާ/ ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޯހިޔާވަހިކަމެއް ލިބިފައިވާ ނަމަ، އެ ސްކީމަކަށް ކުރިމަތިނުލެވެ އެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން އޭރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ އެގޮތަށް އުސޫލު ހަދާފައި ވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަން ދިނުމަކީ ސަރުކާރުން ގެންގުޅޭ ސިޔާސަތު ކަމަށްވާތީ ކަމަށެވެ. 

އެކަމަކު ރިޔާސީ ބަޔާން އިއްވަވަމުން އާންމުންގެ ކަންބޮޑުވުން އޮތް އެ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ގޯތި ގެދޮރު، އެންމެންނަށް ވެސް ތަނަވަސްކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. 

ބޯހިޔާވަހިކަމާ ގުޅޭ މުހިއްމު ވާހަކަފުޅުތައް 

  • އަނބިމީހާ/ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާނަން
  • ޖޮއިންޓްކޮށް ލައިގެން ބިންވެރިޔާ އިން ލިބިފައިވާ އެންމެން ގޯތި ދޫކޮށްލާ ނަމަ ވަކިވަކިން ލިބޭ ގޮތަށް ކެޓަގަރީއެއް ހުޅުވާލާނަން
  • އެ ދެ ކެޓަގަރީން 1،000 ގޯތި ދޫކުރާނެ 
  • ބީއެމްއެލް އިން އިމާރާތްކޮށް އަގު ހެޔޮ ފްލެޓްތައް ދޫކުރާނީ ސޯޝަލް ހައުސިން ސްކީމުން
  • ބީއެމްއެލްގެ 3،260 ފްލެޓް 30 މަސް ތެރޭގައި ނިންމައި ހަވާލުކުރެވޭނެ 
  • 13 ރަށެއްގައި 9،000 އަށް ވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް އެބަދޭ 

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އަތްމަތި ތަނަވަސް އާއިލާތަކަށް ރިއަލްއެސްޓޭޓް އުސޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތާ މެދު ފަންތީގެ އާިއލާތަކަށް ބޭންކް މޯގޭޖުގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުސަތާއި އަމިއްލަ އަށް ތަނެއް އިމާރާތް ނުކުރެވޭނެ ގާބިލުކަން ނެތް މީހުންނަށް ސޯޝަލް ހައުސިން ގާއިމުކުރުން ހިމެނޭ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި ދިވެހި ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަން ކަށަވަރުވެފައިވާ މީހަކަށް ހެދުމަށް ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މިހާރު ފަށާފައި ވަނީ "އާއިލީ ބޯހިޔާވަހިކަން" ގެ ފުރަތަމަ ފިޔަވަހި ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މާލޭގައި ދިރިއުޅޭ މީހުންނަށް ރަސްމާލެއިން 15،000 ގޯތި އަދި ހުޅުމާލެ އާއި ވިލިމާލެއިން ތިން ކޮޓަރީގެ 7،900 ފްލެޓަށް ވަނީ ހުޅުވާލައިފަ އެވެ. 

ރައީސް ވިދާޅުވީ އެ ސްކީމްގެ ތެރެއިން ވަރަށް އަވަހަށް ބޯހިޔާވަހިކަމަށް އިތުރަށް ހުޅުވާލާނެ ކަމަށެވެ. އެ ހުޅުވާލާއިރު އަނބިމީހާ/ ފިރިމީހާއަށް ބޯހިޔާވަހިކަމެއް އޮތަސް ކުރިމަތިލެވޭ ގޮތަށް ހަދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. 

އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވޭ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާއިރު ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލެވޭނެ ގޮތަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ.
ރައީސް

މީގެ އިތުރުން ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުން ބޭނުންވި ހައްލަކަށް ވެސް ސަރުކާރުން ވިސްނާފައިވާ ކަން ރައީސް ހާމަކުރެއްވި އެވެ. 

ރައީސް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު މީހުންގެ ތެރެއިން ޖޮއިންޓް އެޕްލިކޭޝަނުގައި ހިމެނޭ އެންމެން ބޭނުން ނަމަ، އެ ގޯތި ދޫކޮށްލުމުން، އޭގައި ހިމެނޭ އެންމެނަށް ވަކިވަކިން ގޯތި ދޭން ވެސް ނިންމާފައިވާ ކަމަށެވެ. ދެން ގޯއްޗަށް ހުޅުވާލާއިރު އެ ކެޓަގަރީ ވެސް އިތުރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމަށް ދެން ހުޅުވާލާއިރު އެ ދެ ކެޓަގަރީއަކަށް ވެސް 1000 ގޯތި ކަނޑައަޅާނެ އެވެ. 

އެ ގޯތިތައް ދޭން ނިންމާފައިވާ ރަސްމާލޭ ބިން ހިއްކުން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި ސަރުކާރުން އަމާޒު ހިފަނީ އަންނަ އޭޕްރީލްގެ ނިޔަލަށް ރަސްމާލެ ބިން ހިއްކާ ނިންމުން ކަމަށް ވިދާޅުވި އެވެ. 

ރައީސް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ: ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އެ ހުޅުވާލާއިރު އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް އެ ސްކީމަށް ކުރިމަތިލެވޭނެ ކަމަށް ވިދާޅުވި.--- ފޮޓޯ/މަޖިލިސް
ރައީސް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ: ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އެ ހުޅުވާލާއިރު އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް އެ ސްކީމަށް ކުރިމަތިލެވޭނެ ކަމަށް ވިދާޅުވި.--- ފޮޓޯ/މަޖިލިސް

ބޯހިޔާވަހިކަމުގެ ދާއިރާ އިން ލިބުނު ކުރިއެރުންތައް ހިއްސާކުރައްވައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ތިން މަަޝްރޫއުއެއް ނިންމައި ހަވާލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދާ ކަމަށެވެ. އަދި ބޯހިޔާވަހިަކމުގެ 13 މަޝްރޫއުއެއްގެ އަމަލީ މަސައްކަތް މިވަގުތު އެބަ ކުރިއަށްދާ ކަމަށާއި އިތުރު 25 މަޝްރޫއުއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްގެން 13 ރަށެއްގައި ފްލެޓު އެލުމުގެ މަސައްކަތް މިއަހަރުގެ އެޕްރީލްގައި ފަށާނެ ކަމަށާއި މިވަގުތު ކުރިއަށްދާ އެކި މަޝްރޫއުތަކުގައި 9،175 ހައުސިން ޔުނިޓް އެޅުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. 

ކުރިއަށް އޮތް 26 މަހުގެ ތެރޭގައި އެ މަޝްރޫއުތައް ނިންމައި ހަވާލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އިތުރު ރަށްތަކުގައި އޮގަސްޓް މަހުގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ. އެ ސްކީމުގައި ރަށުގެ މަސްވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށް ވަކި އަދަދުތަކެއް ކަނޑައަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ބީއެމްއެލް އިން އަޅާ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އެއްބައި ނިންމުމަށް ބޭރުގެ ދެ ކުންފުންޏަކާއި ރާއްޖޭގެ ތިން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއުގައި އަޅާ 3،260 ފްލެޓު ކުރިއަށް އޮތް 30 މަސް ތެރޭގައި ނިންމައި ހަވާލުކުރެވޭނެ ކަމަށާއި އެއީ ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ދޫކުރާނެ ފްލެޓްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.