އާބާދީ ބޮޑު ހުޅުމާލެ 2 ގައި 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ސިއްހި ދާއިރާ ތަރައްގީކުރަން ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ ކަންކަމާއި ކުރަން ރާވާފައިވާ ކަންކަން ހިއްސާކުރައްވައިފަ އެވެ.
އެއް ކަމަކަށް ފާހަގަކުރެއްވީ ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާ ހުޅުމާލެ 2 ގައި 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކުރުމެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ މެދު ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ހުޅުމާލެ 2 ގައި ތެލެސީމިއާ ހޮސްޕިޓަލް އަޅަން ބޭރުގެ ބަޔަކާ އެކު އެއްބަސްވެފަ އެވެ. އެގްރިމެންޓުގައި ސޮއިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ ތަނުގެ މަސައްކަތެއް ނުފެށެ އެވެ.
އަލަށް އިމާރާތްކުރި ފްލެޓުތަކާ އެކު ވެސް ހުޅުމާލެއަށް ގިނަ ބަޔަކު ބަދަލުވެފައިވާ އިރު އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދެވޭނެ ގޮތެއް ނެތްކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިމާރާތްކުރާ 250 އެނދުގެ ހޮސްޕިޓަލްގެ އާ އިމާރާތް ވެސް މި އަހަރުގެ މެދު ތެރޭގައި ފަށާނެ ކަމަށެވެ. އޭގެ އިތުރުން؛
- އެމްއާރުއައި މެޝިނާއި ނިއުރޯގެ ހިދުމަތް ފުޅާކުރުން
- އެންޑޮސްކޮޕީ ސޫޓާއި ލޮލުގެ ފަރުވާ އަދި ޑެންޓަލް ލެބު ފުޅާކުރުން
- ދަރުމަވަންތަ ހޮސްޕިޓަލުގައި ވަކިން ކެތު ލެބެއް ގާއިމްކޮށް ކާޑިއެކް ސެންޓަރުގެ ހިދުމަތް ފުޅާކުރުން
- ދަރުމަވަންތަ ހޮސްޕިޓަލުގައި އާ އޮޕަރޭޝަންތައް ކުރަން ފެށުން
މިއީ ވެސް ސިއްހީ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރަން ރާވާފައި ހުރި ބައެއް ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.