ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުށް ކުރުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމްކޮށް، ހުއްޓުވުން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފާހަގަކުރާ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައި ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކުށް ކުރުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމްކޮށް، ހުއްޓުވޭނީ ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ.

އެހެންވެ، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ މީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އިތުރަށް ހިންގަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބިދޭސީންތަކެއް މަސައްކަތުގައި--
ބިދޭސީންތަކެއް މަސައްކަތުގައި--

ހޯމް މިނިސްޓްރީން ބުނީ މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިންނާއި އައުމަށް ފަހު ވެސް އެ މީހުންގެ ހައްގުތަކަށް ހޭލުންތެރިކުރުވައި މައްސަލަ ހުށަހަޅާނެ ގޮތްތައް ބަޔާންކޮށްދިނުމަކީ އެކްސްޕްލޮއިޓޭޝަން މަދުކުރަން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށެވެ.

މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" ނުވަތަ "މަކަރާއި ހީލަތުން ގައިދުކޮށްފައި" އެވެ.

މި އަހަރުގެ ޝިއާރުން ދޭހަކޮށްދެނީ، މިނިސްޓްރީން ބުނި ގޮތުގައި، މީހުން ޓްރެފިކްކުރުމުގެ ކުށަކީ ކުރިން ރާއްޖޭގައި ކުށްކޮށް އުޅުނު ގޮތެއް ނޫން ނަމަވެސް މިހާރު ބަދަލުވަމުންދާ، ނުރައްކަލެއް ކަމެވެ. 

މިނިސްޓްރީން ބުނީ ޒަމާނީ ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ވަސީލަތްތަކުގެ ނަހަމަ ބޭނުން ހިފައިގެންނާއި ވަޒީފާގެ ދޮގު އުންމީދުތައް ދީގެން، ގާނޫނާ ހިލާފު މަޖުބޫރުކުރުމުގެ އަމަލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާއިރު، އެފަދަ ކުށްތަކަށް ރާއްޖެ އިން އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

ތޮއްޖެހިގެން އުޅޭ ބިދޭސީންތަކެއް ހުޅުމާލޭގައި ހުންނަ އެކޮމެޑޭޝަންއަކަށް ބަދަލު ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަނީ. -- ފޮޓޯ/އިމިގްރޭޝަން
ތޮއްޖެހިގެން އުޅޭ ބިދޭސީންތަކެއް ހުޅުމާލޭގައި ހުންނަ އެކޮމެޑޭޝަންއަކަށް ބަދަލު ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަނީ. -- ފޮޓޯ/އިމިގްރޭޝަން

ހޯމް މިނިސްޓްރީން ބުނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމަކީ ސަރުކާރުން އިސްކަން ދޭ ކަމެއް ކަމަށެވެ.

ރާއްޖެއަކީ ބޭރުގެ މަސައްކަތްތެރިންގެ ބައިވެރިވުން ބޮޑު، ހުޅުވާލެވިފައިވާ އިގްތިސާދެއް އޮތް ގައުމަކަށް ވުމުން މި ގައުމުގައި އުޅޭ ކޮންމެ މީހަކަށް ވެސް އިންސާނީ ކަރާމާތާއި ގާނޫނީ ރައްކާތެރިކަން ދޭން ޖެހޭ ކަމަށް ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހިއުމަން ޓްރެފިކިން އާއި އެކްސްޕްލޮއިޓޭޝަނާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރަން މިދިޔަ ދެ އަހަރު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

އޭގެތެރޭގައި މަސައްކަތްތެރި ކަމުގެ ހުރިހާ މަސްއޫލިޔަތުތަކެއް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއި "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގް ސްޓްރެޓީޖިކް ޕްލޭން 2026-2028" ގެ ނަމުގައި މަގުޗާޓެއް އެކުލަވާލުން ހިމެނޭ ކަމަށެވެ.

އެ ޕްލޭން ނިމިގެންދާއިރު، މިހާރު ދިމާވެފައިވާ ނިޒާމީ މައްސަލަތައް ހައްލުކޮށް، މުޅި ނިޒާމު ހަރުދަނާކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ އަމާޒަކީ އެންމެން ގުޅިގެން، ކޮންމެ މީހަކަށް ވެސް ބިރުވެރިކަމެއް ނެތި އިންސާނީ ގަދަރާއި ކަރާމާތާއެކު ދިރިއުޅެވޭނެ އަމާން ރާއްޖެއަކަށް ހެދުން ކަމަށް މިނިސްޓްރީން ބުންޏެވެ.