އިންސާނުންނަށް ލިބޭ އަނިޔާތަކާއި ތަކުލީފުތަކުން ނަފާ ހޯދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށްޓަކައި އެންމެން ވެސް ސަމާލުވެ ތިބުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި ވަނީ އިންސާނީ ކަރާމާތާއި މިނިވަންކަމާއި އަސާސީ ހައްގުތައް ހިމާޔަތްކުރަން ބައިނަލްއަގުވާމީ މުޖުތަމައު އިން ކުރާ މަސައްކަތުގައި ރާއްޖެ ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށެވެ.
މި ދުވަހަށް މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އެވެ.
ރައީސް ވިދާޅުވީ އެ ޝިއާރުން އިންސާނީ ވަގުފާރީގެ އޮއިވަރު ބަދަލުވަމުންދާ ގޮތާއި ކުށްކުރާ ނެޓްވޯކުތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރަށް ބާރުއަޅާ ކަމަށެވެ. އެއީ މުޅި ސަރަހައްދަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން، އެ މަނިކުފާނު ވަނީ އޭގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބޭ އެތައް ބަޔަކު ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގެ މަޅީގައި ޖެހި، މަޖުބޫރުން ކުށްތަކަށް އަރައިގަންނަން ޖެހޭ ހާލަތަށްދާ ކަމަށެވެ.
ރާއްޖެއަކީ އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މައްޗަށް އިގުތިސޯދު ބިނާވެފައިވާ ގައުމެއް ކަމަށާއި މި ގައުމުގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެ އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރަން ސަރުކާރުން އިސްކަންދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. ވިދާޅުވީ ސައްހަ ވޯކް ޕާމިޓްތަކުގެ މައްސަލަ ހައްލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ހަރުދަނާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި ރާއްޖޭގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ބޮޑެތި އިސްލާހުތައް ގެނެސްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އެއާ އެކު، ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވާލައި އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މައިގްރެންޓް ވޯކާސް ރިސޯސް ސެންޓަރާއި މައިގްރެންޓް ކަނެކްޓް ޕޯޓަލް ގާއިމު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ އިސްލާހުތަކުގެ ބޭނުމަކީ ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށާއި ނާޖައިޒު ފައިދާ ނަގާ ފަރާތްތައް ދެނެގަނެ، ކުށްވެރިން ޖަވާބުދާރީ ކުރުވުމަށް މުއައްސަސާތައް އިތުރަށް ގާބިލުކުރުން ވެސް އޭގެތެރެގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިން ސްޓްރެޓީޖިކް ޕްލޭން 2026-2029 އެކުލަވާލުމަކީ އަނިޔާ ލިބޭ މީހުން ދެނެގަނެ ރައްކާތެރިކަން ދިނުމާއި ތަހުގީގުކުރުމާއި ދައުވާކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ބައިވެރިން ހިމެނޭހެން ހުރިހާ ބައިވެރިން ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ސާފު މަގުޗާޓެއް ކަމަށެވެ.
އެފަދަ ކުރިއެރުންތައް ލިބުނަސް އަދިވެސް ގޮންޖެހުންތައް ހުރިކަން ގަބޫލުފުޅު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެކަމަށް ބޭނުންވަނީ އެކި ދާއިރާތަކާއި ބޯޑަރުތައް ހުރަސްކޮށް ކުރެވޭ އެކުވެރި މަސައްކަތްތަކެވެ.
އިންސާނީ ކަރާމާތަކީ އެއްވެސް އުނިކަމެއް އަތުވެދާނެ އެއްޗެއް ނޫންކަން ކަށަވަރު ކޮށްދެއްވައި ރައީސް ވަނީ މުއައްސަސާތަކުން އެއް އަޑަކުން ވާހަކަ ދައްކައި، ގައުމުގެ ތަރައްގީއާ އެކު އަދުލު އިންސާފު ގާއިމްވެ، ކޮންމެ މީހަކަށް ވެސް އިހުތިރާމާއި ގަދަރާއެކު މުއާމަލާތްކުރެވޭނެ ފަދަ ރާއްޖެއެއް ބިނާކުރަމަށް އަޒުމް އާކުރުމަށް ގޮވާލައްވައިފަ އެވެ.