ހުސައިން ޒިނާންއޭ ބުނުމުން ނޭނގޭ މީހަކު ރާއްޖޭގައި ކުޅިވަރާއި އެތްލެޓިކްސްގެ ދާއިރާގައި ނޫޅޭނެ އެވެ. ރަނގަޅު ސިއްހަތެއްގައި ދެމިތިބުމަށް ކަސްރަތުގެ މުހިންމު ކަމުގެ ފިލާވަޅު އޭނާ ގެންދަނީ ކޮންމެ ދުވަހަކު ވެސް ނަގައިދެމުންނެވެ. އެކަމަކު، މިއަދު އަހަރެމެން މި އުޅެނީ ޒިނާންއާ ގުޅޭ އެހެން ވާހަކައެއް ދައްކާށެވެ. އެއީ އަނިޔާތަކުން އެއްކޮށް ރަނގަޅަށް ފިޓް ނުވަނީސް ކުޅިވަރުގެ ތެރޭގައި އުޅުމުގެ ނުރައްކަލާ ގުޅޭ ވާހަކަ އެވެ.
އެ ގޯސް އާދަކާދަ ބަދަލުކޮށްލެވިދާނެކަމުގެ އުއްމީދުގައި، ޒިނާން މިހާރު ވަނީ ދިވެހި ކުޅިވަރު ސައިންޓިފިކް އަލީގައި އަލުން ތަރުތީބު ކުރުމުގެ ބޮޑު މަސައްކަތެއް ފަށައިފަ އެވެ. ސްޕެއިންގެ "ޔުނިވަސިޓީ ޔޫރަޕިއާ-ރެއާލް މެޑްރިޑް ގްރެޖުއޭޓް ސްކޫލް" އިން ސްޕޯޓްސް ސައިންސްގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ ޒިނާންގެ މި ދިރާސާއަކީ، ރާއްޖޭގެ އެލީޓް ފުޓުބޯޅަ ކުޅުންތެރިންގެ ހަށިގަނޑުގެ އެކުލެވުމާއި ބާރާއި އަދި ޕާފޯމަންސް ދުނިޔޭގެ މިންގަނޑުތަކާ އަޅާ ކިޔައި ހެދި ފުރަތަމަ ތާރީހީ ދިރާސާ އެވެ.
ދިވެހި ކުޅިވަރުގައި މިހާ ފުން ދިރާސާއެއް އެތުލީޓުންގެ ފިޓްނަސްއާ ބެހޭގޮތުން މިހާތަނަށް ހަދާފައެއް ނެތެވެ.
ނަންބަރުތަކާއި ޑާޓާއަކީ ކުޅިވަރުގައި ދޮގު ހަދާނެ އެއްޗެއް ނޫނެވެ. ދަނޑުމަތީގައި އެތުލީޓެއްގެ ހަގީގީ ގާބިލުކަން ހުރި މިންވަރު ސައްހަކޮށް ބުނެދެވޭނީ ސައިންސްގެ އެހީގަ އެވެ.
ޒިނާންގެ ދިރާސާގެ ތެރެއިން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންގެ ތެރެއިން ގިނަ އަދަދެއްގެ ކުޅުންތެރިންގެ ތަފްސީލީ ސާމްޕަލް ނަގައި ތަފާތު ޓެސްޓުތަކެއް ކުރިއަށް ގެންދިޔަ އެވެ. ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ފުރަތަމަ ޑިވިޝަނާއި ޒުވާން އުމުރުފުރާގެ ކުޅުންތެރިންގެ ޑޭޓާ މި ދިރާސާގައި ހިމަނަން ނެގި އެވެ.
"އެލީޓް 250 ކުޅުންތެރިންގެ ތެރެއިން އަހަރެމެންނަށް ޑާޓާބޭސް ނެގުނީ 78 ކުޅުންތެރިންގެ،" ތަފްސީލާ އެކު ޒިނާން ވިދާޅުވި އެވެ.
އެ 250 ކުޅުންތެރިންގެ ތެރެއިން މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ރެލިގޭޓްްވި ޓީމުތަކުގެ ކުޅުންތެރިންގެ ޑޭޓާ ނުހިމަނަ އެވެ. އެއީ އޭނާގެ އެ ދިރާސާ ހާއްސަ ކޮށްފައި ވަނީ އެލީޓް ކެޓަގަރީއަށް ކަމަށް ވާތީ އެވެ. ޓީމު ރެލިގޭޓްވުމުން، އެލީޓް ކެޓަގަރީން އެ ޓީމު ވެއްޓޭނީ ދަށް ކެޓަގަރީއަކަށެވެ.
"އެހެންވީމާ އަހަރެމެން ބޭނުންކުރީ ގާތްގަނޑަކަށް 22 ޕަސަންޓް ސާމްޕަލް، އެއީ [ސީނިއާ] ނެޝަނަލް ޓީމު ވެސް ލައިގެން. ރާއްޖޭގެ އެންމެ އެލީޓް ކުޅުންތެރިއެއް މި ރިސާޗްގައި ބޭނުންކުރެވުނީ،" އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީތަކުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ތަޖުރިބާކާރު ވިދާޅުވި އެވެ.
ދިވެހި ކުޅިވަރަށް ސައިންޓިފިކް ބިންގަލެއް އެޅުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މި ދިރާސާއާ އެކު، ރާއްޖޭގެ ފުރަތަމަ ސްޕޯޓްސް ސައިންސް ލެބް ވެސް ޒިނާން ވަނީ ހުޅުވައިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ހުޅުވި މި ލެބަކީ އެސޯސިއޭޝަންތަކަށާއި ކްލަބްތަކަށާއި އެކަޑަމީތަކަށް އަދި ބެލެނިވެރިންނަށް ވެސް އެތުލީޓުންގެ ފެންވަރު ސައްހަކޮށް މިންކޮށްދިނުމަށް ހާއްސަ ކޮށްގެން ހިންގާ ތަނެކެވެ.
"މިއީ ރާއްޖޭގައި ހުޅުވޭ ފުރަތަމަ ސްޕޯޓްސް ސައިންސް ލެބް. އަޅުގަނޑުގެ މައިގަނޑު ވިސްނުމަކީ އެސޯސިއޭޝަންތަކަށާއި އެކަޑަމީތަކަށް އަދި ކްލަބްތަކަށް ޓެސްޓްކޮށްދިނުން،" މާސްޓާސް އިން ސްޕޯޓްސް ސައިންސް ހައި ޕާފޯމެންސް ސްޕޯޓްސް ކޮންޑިޝަނިން ކޯހުން ދަސްވެނިވުމަށް ފަހު އެ ދާއިރާ އިން ފެށި އަމަލީ މަސައްކަތުގެ ފުރަތަމަ ޕްރޮޖެކްޓާ ބެހޭގޮތުން ޒިނާން ވާހަކަ ދެއްކެވި އެވެ.
"ޓެސްޓް ކޮށްދިނީމަ ދެން ކޯޗުންނާއި ޓްރެއިނަރުން ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރާނީ. އަޅުގަނޑަކަށް އެ ކުދިން ތަމްރީނެއް ނުކުރެވޭނެ. މައިގަނޑު ވިސްނުމަކީ ދިވެހިރާއްޖޭގެ ކުޅިވަރަށް ސައިންޓިފިކް ފައުންޑޭޝަނެއް އެޅުން."
ކުޅިވަރުގެ އިދާރާތަކުން ހައި ޕާފޯމެންސްގެ ހަގީގީ މާނާ އާއި ވިސްނުން ދެނެގަތުން މުހިންމުކަން ޒިނާން ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ހަމައެކަނި އުސް އިމާރާތެއް ނުވަތަ ވަސީލަތްތަކެއް ހުރުމެއް ނޫނެވެ.
ކުޅިވަރުގެ މުޅި ނިޒާމުގެ ވިސްނުން ބަދަލުވާންޖެހެ އެވެ. ދިވެހި ކުޅިވަރުގައި ވެސް ސައިންސާއި ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް އެކަމަށް ކުޅިވަރުގެ ބަޖެޓުން ހޭދަކުރަން ޖެހެ އެވެ.
ޒިނާން ވިދާޅުވިގޮތުގައި މި ސަރަހައްދުން ބަންގްލަދޭޝްގައި، މިހާރު ވަނީ ކުޅިވަރުތަކުގައި ޑޭޓާ އާއި ސައިންޓިފިކް ހަގީގަތްތަކަށް ބުރަވެ ބަދަލުތައް ގެންނަން ފަށައިފަ އެވެ.
"އަސްލު ހައި ޕާފޯމެންސަކީ ސެންޓަރެއް ނޫން. ހައި ޕާފޯމެންސަކީ މައިންޑްސެޓެއް. އެއީ ސެންޓަރަކުން ވާ ކަމެއް ނޫން. ފުރަތަމަ ކަމަކަށް ގައުމުގައި ސްޕޯޓްސް ސައިންސްގެ ހައި ޕާފޯމެންސް މައިންޑްސެޓެއް ބިލްޑް ކުރާ މަލްޓި ޑިސިޕްލިނަރީ ޓީމެއް އެއްކޮށް މަސައްކަތް ކުރުން އެއީ ފުރަތަމަ ސްޓެޕަކީ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ އެއްވަނަ ކީޕަރު އިމްރާން މުހައްމަދަށް ކުރިމަތިވި ބޮޑެތި އަނިޔާތަކުގައި އޮޕަރޭޝަނަށް ފަހު ރިކަވަރީ ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގައިދިނީ ޒިނާނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް އޭނާ އޭރު ކުރީ ސައިންޓިފިކް ޑޭޓާ އަށް ބަރޯސާވުމެއް ނެތި އެވެ. އެކަމަކު މިއަދު އެ ދާއިރާއިން ކިޔަވައިގެން ހުރުމުން އިންޖަރީ ރިކަވަރީގައި ވެސް ސައިންޓިފިކް ދިރާސާގެ މުހިންމުކަން އޭނާ އަށް ވިސްނެ އެވެ.
"ކުރީގައި އިމްރާން ރިހެބިލިޓޭޓް ކުރާއިރު އަޅުގަނޑުމެން ގެސް [ހީވާ ހީވުމަށް] ކުރާނީ. މިހާރު ދެފައި އެއްވަރޭ. މިހާރު ރަނގަޅޭ،" ކުރިން އޭނާ ވެސް ކުރި ތަޖުރިބާ މިސާލެއްގެ ގޮތުގައި ދައްކަވަމުން، ވިކްޓަރީ ސްޕޯޓްސް ކްލަބްގައި ފިޒިކަލް ޓްރެއިނަރެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކުރި ޒިނާން ވިދާޅުވި އެވެ.
"ސްޕޯޓްސް ސައިންސް ކޮށްދޭ ކަމަކީ އެ ހީވާ ހީވުން ނައްތާލައި ކުޅުންތެރިޔާގެ ހާލަތު ސައްހަކޮށް ޔަގީންކޮށްދިނުން."
ރާއްޖޭގެ މާހައުލާއި ދިވެހިންގެ ހަށިގަނޑުގެ ގުދުރަތީ އުފެދުމަށް ރިއަާޔަތްނުކޮށް ބޭރުގެ ކޯޗުން ހުށަހަޅާ ކުޅުމުގެ ކޮންމެ ވައްޓަފާޅިއެއް ރާއްޖެ އަށް ނުގުޅިދާނެ އެވެ. ދިވެހިން، އިސްކޮޅު ކުރުވުމަކީ ގުދުރަތީ ކަމެކެވެ. ދިވެހިންގެ ކުޅުން ބައްޓަން ކުރަންޖެހޭނީ އެކަމަށް ރިއާޔަތް ކޮށްގެންނެވެ.
"ދިވެހި ކުޅުންތެރިންގެ އެވަރެޖް އިސްކޮޅު ޕްލަސް މައިނަސް އަށް ސެންޓިމީޓަރުން އެހެން ރީޖަންތަކާ ބޮޑު ތަފާތެއް ހުރޭ. ދިވެހި ކުޅުންތެރިންނަށް ހައި ބޯލްސް ކުޅެން އުނދަގޫވެދާނެ. އިސްކޮޅަކީ މޮޑިފައި ކުރެވޭނެ ކަމެއް ނޫން. އެއީ ގުދުރަތީ ކަމެއް،" ޒިނާން ވިދާޅުވި އެވެ.
"އެހެންވީމާ އަހަރެމެން ފުޓްސަލް ކުޅުމާއި ކުރު ޕާސްތަކެއް ޖަހައިގެން ކުޅުމަކީ ގޯސްކަމެއް ނޫން. ފީފާއިން އަންނަ މީހަކަށް އަހަރެމެންގެ އިލްމީ ދިރާސާތައް ނޭނގިދާނެ. އެ ދިރާސާ ކުރާނީ މި ހައުމުގެ ސްޕޯޓްސް ސައިންސް [ދާއިރާއިން]."
ޒިނާން ވިދާޅުވިގޮތުގައި، ކުޅުންތެރިންގެ ކެއިންބުއިމުގެ އާދަކާދައަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ އެތުލީޓުގެ ނަފްސާނީ ހާލަތަށާއި ޕާފޯމަންސަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން ދިވެހިން އާންމުކޮށް ކައި އުޅޭ ބާވަތްތަކުގެ ތެރެއިން އެންމެ އެކަށޭނެ ނިއުޓްރިޝަން ހޯދައިދިނުން މުހިންމުކަމަށް ޓީއެފްޖީ ޖިމްގެ ކުރީގެ ކޯ އޯނަރު ވިދާޅުވި އެވެ.
"ދިވެހި ކުޅުންތެރިޔަކު ކުއްލިއަކަށް އޭނާގެ ކެއުމުގެ މިޒާޖު ޔޫރަޕިއަން ކެއުމަށް ބަދަލުކޮށްލައިފިއްޔާ އޭނާއަށް ވަރަށް ބޮޑު ނަފްސާނީ މައްސަލައެއް ދިމާވޭ. މުޅި ޕާފޯމަންސް ދަށަށް ގޮސްދާނެ. އަހަރެމެން ބަލަން ޖެހޭނީ ދިވެހިން އާންމުކޮށް ކާ އެއްޗެހީގެ ތެރެއިން ކުޅުންތެރިޔަކަށް އެންމެ ރަނގަޅީ ކޮން އެއްޗެއްތޯ،" ޒިނާން އިތުރަށް ތަފްސީލުކޮށްދިނެވެ.
ސުވާލަކީ ޒަމާނަށް ހޭނުލައި ތިބި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ތިބީ މިކަމށް ތައްޔާރަށް ހެއްޔެވެ؟
ޓެކްނޮލޮޖީ އާއި ޑާޓާއަށް ކުޅިވަރުން ކުރިއެރުން ހޯދަން ބޭނުންވާ ގައުމުތަކުން އިންވެސްޓް ކުރެ އެވެ. އޭގެ ނަތީޖާ ވެސް ފެނެ އެވެ. މި ބަދަލަށް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް އިންވެސްޓް ކުރަން ޖެހެ އެވެ.
"ދުނިޔޭގެ [އެހެން ގައުމުތަކުގައި] ގިނަ ފަހަރު ބޮޑު ހޭދަކުރަނީ ސްޕޯޓްސް ސައިންސް. ޑާޓާ އަދި ޓެކްނޮލޮޖީއަށް. އެސޯސިއޭޝަންތަކަށް ދޭ ފައިސާގެ ތެރެއިން ކުޑަ މިންވަރެއް ނަމަވެސް މިކަމަށް އިންވެސްޓް ކުރަންޖެހޭ ކަމަށް ދެކެން،" ޒިނާން ވިދާޅުވި އެވެ.
ކުޅިވަރުގެ ގައުމީ ފިލޯސޮފީއެއް ގާއިމްކޮށް، ކުރިއަށް އޮތް ތަނުގައި މި ދިރާސާ ޕީއެޗްޑީ ފެންވަރަށް ފުޅާކުރުމުގެ ޝައުގު ވެސް ޒިނާންގެ އެބަހުއްޓެވެ. މިއީ ދިވެހި ކުޅިވަރަށް އާ އުންމީދުތަކެއް ގެނެސްދޭނެ ސައިންޓިފިކް ފެށުމެކެވެ.
ދިވެހި ކުޅިވަރަށް ވެސް ކުރިއަށް ދެވޭނީ ސައިންސާއި ޑާޓާ އަދި ޒަމާނީ ފިލޯސޮފީތަކާ ގުޅިލާމެހިގެންނެވެ. "ހީވާ ހީވުމުގެ" މާޒީ ފަހަތަށް އެއްލާލައިގެންނެވެ. ސައިންޓިފިކް އަލީގައި ދިވެހި އެތުލީޓުން ބައްޓަންކުރަން ފެށި ދުވަހަކުންނެވެ.
ޒިނާން މި ދިރާސާއަކީ ހަމައެކަނި ފުޓުބޯޅަ އަށް ހާއްސަކުރި ޕްރޮޖެކްޓެއް ނޫނެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ކުޅިވަރުން ރާއްޖޭގެ ނަން ރަން އަކުރުން ފަވައި، އެތުލީޓުންގެ ހަގީގީ ގާބިލުކަން ދުނިޔެއަށް ދައްކުވައިދިނުމަށް އެޅި ވަރުގަދަ ބިންގަލެކެވެ.