ކޮމްޕިއުޓާ ހާޑްވެއާ އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި އިންޓަނޭޝަނަލް ބިޒްނަސް މެޝިންސް (އައިބީއެމް) ގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ކުންފުނި ބައިކޮށްލަން ނިންމައިފި އެވެ.

އެ ކުންފުނި ޕަބްލިކް ދެ ކުންފުންޏަކަށް ބައިކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ކްލައުޑް ކޮމްޕިއުޓިން އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާތަކުން ވިޔަފާރި ފުޅާކުރުމެވެ. އެގޮތުން އައިބީއެމް ބައިކޮށްލައި އުފައްދާ އަނެއް ކުންފުނި ހާއްސަވާނީ އައިޓީ އިންފްރާސްޓްރަކްޗާ ލެގަސީ ދެމެހެއްޓުމަށެވެ. އެ ކުންފުނީގެ ނަން އިއުލާންކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައިބީއެމް ބައިކޮށްލަން ނިންމިކަން އިއުލާންކުރުމާ އެކު ކުންފުނީގެ ހިއްސާގެ އަގު ހަ ޕަސެންޓަށް އުފުލުނެވެ.

އައިބީއެމަކީ މީގެ 109 އަހަރު ކުރިން ޖޫން 16، 1911 ގައި އުފެއްދި ކުންފުންޏެކެވެ. އެމެރިކާގެ ނިއު ޔޯކްގައި ހެޑް ކުއާޓަރު ހުންނަ އެ ކުންފުނީގެ ވިޔަފާރި މިހާރު 177 ގައުމެއްގައި ހިންގަ އެވެ.

އައިބީއެމް ދެ ކުންފުންޏަކަށް ބައިކޮށްލުމާ ގުޅޭ ގޮތުން ކުންފުނީގެ ޗީފް އެކްޒެކެޓިވް އަރްވިންދު ކްރިޝްނާ ވިދާޅުވީ އެންމެ ބޮޑު މަގުސަދަކީ ކުރިން ކުންފުނި ހިންގަމުން އައި އިހުގެ ގޮތްގަނޑު ބަދަކުރުމެވެ. އަދި މީގެ ސަބަބުން ވިޔަފާރި ފުޅާވެ، އާމްދަނީ ވެސް އިތުރުވެގެން ދާނެ ކަމަށް ވިދާޅުވި އެވެެ.

އައިބީއެމް ބައިކޮށްލައި ދެ ކުންފުންޏަކަށް ހަދަން ނިންމި އިރު، އެ ކުންފުނީފައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު މިހާރު 352،000 އަށް ވުރެ ގިނަ އެވެ. އަދި ކުންފުނި ބައިކޮށްލަން ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.