ޗައިނާގެ ބެއިޖިންގައި 2022 ބޭއްވި ވިންޓާ އޮލިމްޕިކްސް އަށް ވަނުމަށްޓަކައި، ކޮވިޑް-19 ވެކްސިން ޖަހާފައިވާ ކަމަށް ބުނާ ސައްހަ ނޫން ސެޓްފިކެޓެއް ބޭނުންކުރި ކަމަށް ސުވިޒަލޭންޑްގެ ގައުމީ އައިސް ހޮކީ ޓީމުގެ ކޯޗު ޕެޓްރިކް ފިޝާ އިއުތިރާފުވެއްޖެ އެވެ.

މި މައްސަލަ ފެންމަތިވީ ފިޝާގެ މައްޗަށް ލިޔެކިޔުން އޮޅުވާލުމުގެ ކުށުގައި 2023 ވަނަ އަހަރު 39,000 ސުވިސް ފްރޭންކް (ގާތްގަނޑަކަށް 50,000 ޑޮލަރު) އިން ޖޫރިމަނާކޮށްފައިވާކަން ހާމަވުމުންނެވެ. އެކަން ރިޕޯޓް ކުރީ ސުވިޒަލޭންޑްގެ ދައުލަތުގެ ބްރޯޑްކާސްޓާ އެސްއާރުއެފްއިންނެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފިޝާ ބުނީ، ފޭކް ލިޔެކިޔުންތަކާ އެކު މުބާރާތަށް ދަތުރުކުރުމަކީ އޭނާއަށް ހެދުނު "ވަރަށް ބޮޑު ގޯހެއް" ކަމަށެވެ. އަދި މި އަމަލުގެ ސަބަބުން އެއްވެސް ބައެއްގެ އިތުބާރު ގެއްލިފައިވާނަމަ އެކަމަށް އޭނާ މައާފަށް އެދިފައިވެ އެވެ.

އޭނާ ބުނި ގޮތުގައި އެ ދުވަސްވަރު އޭނާ ހުރީ އަމިއްލަ ދިރިއުޅުމުގެ ކަމެއްގައި ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގަ އެވެ.  އޭގެ ސަބަބުން ވެކްސިން ޖަހަން ބޭނުން ނުވި ކަމަށް އޭނާ ބުންޏެވެ. ހަމަ އެއާއެކު އޮލިމްޕިކްސްގައި އަމިއްލަ ޓީމު ދޫކޮށްލަން ބޭނުން ނުވުމުން، ވެކްސިން ޖަހާފައިވާ ކަމަށް ފޭކް ލިޔުން ހެއްދީ ކަމަށް އޭނާ ވަނީ އިއުތިރާފު ވެފަ އެެވެ. 

"އަހަރެން ވެކްސިން ޖަހާކަށް ބޭނުމެއް ނުވި. އެކަމަކު ހަމަ އެވަގުތު އޮލިމްޕިކްސްގައި އަހަރެން ޓީމު މާޔޫސްކޮށްލާކަށް ވެސް ބޭނުމެއް ނުވި،" އޭނާ ބުންޏެވެ.

ބެއިޖިން އޮލިމްޕިކްސް ބޭއްވި ދުވަސްވަރު ޗައިނާގައި އޮތީ ދުނިޔޭގެ އެންމެ ހަރުކަށި ކޮވިޑް ގަވާއިދުތަކެވެ. ވެކްސިން ނުޖަހާ އެތުލީޓުންނާއި އޮފިޝަލުން ތިން ހަފުތާގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހެ އެވެ.

އެ ގައުމުގެ ހޮކީ ފެޑެރޭޝަނުން ބުނީ ކުށަށް، ފިޝާ އިއުތިރާފުވެފައިވާތީ މިހާރު މައްސަލަ ނިމިފައިވާ ކަމަށް ބަލާ ކަމަށެވެ. 

ފިޝާ އަކީ 2015 އިން ފެށިގެން ސުވިޒަލޭންޑަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗެކެވެ. އަންނަ މަހު އޮންނަ ވޯލްޑް ޗެމްޕިއަންޝިޕަށް ފަހު މަގާމުން ވަކި ވާން ކުރިން ވެސް، އޭނާ އޮތީ ނިންމާފަ އެވެ.